މޯލްޑިވިއަން އިން ބުނީ ޓްރިވެންޑްރަމްގައި ތިބި ދިވެހިންގެ ތެރެއިން މިއަދު 205 މީހުން މާލެ ގެނެވިއްޖެ ކަމަށެވެ. އަދި ޓްރިވެންޑްރަމުން އައި ދެވަނަ ފްލައިޓް މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައި ކަމަށް ކަމަށް ވެސް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަކުވުމުގައި މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މި ފްލައިޓުގައި ރާއްޖެ އަންނާނީ މިދިޔަ މަހުގެ 21 ގައި މޯލްޑިއަންގެ ފްލައިޓް ކެންސަލުވުމުން އިންޑިއާގައި ތާށިވެފައިވާ ދިވެހިންނާއި އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް ގޮސް ތިބި ދިވެހިން ކަމަށެވެ.
މޯލްޑިވިއަނުން މިދިޔަ ހޯމަ ދުވަހު ވަނީ ކޮޗިންގައި ތިބި 200 ދިވެހިން ވެސް ރާއްޖެ ގެނެސްފަ އެވެ.
އޭގެ އިތުރުން މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ދިރިއުޅޭ ދިވެހިން ގެންނަން މޯލްޑިވިއަނުން މުޅިން އަލަށް އެ މަންޒިލަށް ދަތުރުކޮށްފައިވާއިރު މޯލްޑިވިއަނުން ވަނީ ލަންކާގައި ނާދެވިފައި ތިބި 100 ދިވެއްސަކު ވެސް ރާއްޖެ ގެނެސްފަ އެވެ.
ލަންކާއަކީ ވެސް މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލެއް ނޫން ކަމުން، މި ދަނޑިވަޅުގައި އެެމީހުން ގެންނަން އެ ގައުމުތަކުގެ ވައިގެ ބަނދަރުތަކަށް ދަތުރުކުރަނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރާއި، އެކި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭސް ފަރުވާއަށް ގައުމުތަކަށް ގޮސް ތިބި ދިވެހިންނަށް އަނބުރާ ރާއްޖެ ނާދެވި އެކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.
މިހެންވެ، އެ މީހުން ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތް ކުރަމުން ނެވެ.