ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޓްރަމްޕްއާ ވާދަކުރައްވަން ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން ފުރަތަމަ ކެމްޕެއިން ކުރެއްވީ ރައީސް ޖޯ ބައިޑެން އެވެ. ނަމަވެސް ބައިޑެންގެ ސިއްހީ ހާލަތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ބައިޑެން ވަނީ މިދިޔަ ޖުލައި މަހުގެ 21ގައި ރިޔާސީ ރޭހުން ވަކިވެވަޑައިގެންފަ އެވެ.
އެއަށްފަހު ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކަށް ހޮވައިފައި ވަނީ ނައިބު ރައީސް ކަމަލާ ހެރިސް އެވެ.
ޕޯލުން ދައްކާ ގޮތުގައި ނައިބު ރައީސް ހެރިސް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް 44 އިންސައްތަ މީހުން ބުނެ އެވެ. އަދި، ޓްރަމްޕް ކާމިޔާބު ކުރައްވާނެ ކަމަށް ބުނެފައި ވަނީ 42 އިންސައްތަ މީހުންނެވެ.
ސިންކްލެއާ މީޑިއާ ގްރޫޕަށް ދެއްވި އިންޓަވިއުއެެއްގައި ޓްރަމްޕް ވިދާޅުވީ މި ފަހަރުގެ އިންތިހާބު ކާމިޔާބު ވެސް ކުރެއްވޭނެ ކަމަށެވެ. އެގޮތުން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް ބަލިކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް އިންތިހާބުން ބަލިވެއްޖެ ނަމަ 2028 ގައި އޮންނަ އިންތިހާބުގައި ވާދަކޮށްފާނެތޯ އެހުމުން ޓްރަމްޕް ވިދާޅުވީ މިއީ އޭނަގެ ފަހަރު ކަމަށެވެ.
އިންތިހާބުން ބަލިވެއްޖެ ނަމަ ސިޔާސީ ގޮތުން ދެން ވާނެ ގޮތް ޓްރަމްޕް ވިދާޅުވެ ދެއްވިއިރު، ޓްރަމްޕް ގުޅުން ބޭއްވި އަންހެނަކަށް ފައިސާ ދީގެން އެ ވާހަކަ އޮއްބާލަން މަސައްކަތްކުރި ކަމަށް ބުނެ ކޮށްފައިވާ ދައުވާތަކުގެ މައްސަލައިގެ ހުކުމް، އެގައުމުގެ ރިޔާސީ އިންތިހާބަށް ފަހު އިއްވަން ނިންމައިފަ އެވެ.
އެ މައްސަލަ ބައްލަވާ ނިއު ޔޯކުގެ ފަނޑިޔާރު ހުއާން މާޗަން ވިދާޅުވީ، އެ މައްސަލައިގައި ހުކުމް ކުރާނީ އަންނަ ނޮވެމްބަރު މަހުގެ ފަހެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ފަހު، އެ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ދައުވާތައް ސާބިތުވެފައިވާއިރު، ހުކުމް އިއްވުން މީގެކުރިން ތާވަލުކޮށްފައި އޮތީ މި މަހުގެ 18 ވަނަ ދުވަހަށެވެ. ހުކުމް އިއްވަން އެންމެ ފުރަތަމަ ތާވަލުކުރީ ޖުލައި 11 އަށެވެ.
ފަނޑިޔާރު މާޗަން ވިދާޅުވި ގޮތުގައި ހުކުމް ކުރުން ފަސްކުރަނީ، އެ ހުކުމަކީ އިންތިހާބުގެ ވަކި ފަރާތަކަށް ފައިދާ ނުވަތަ ގެއްލުންވާ ގޮތަށް ކުރާ ހުކުމެއް ކަމަށް ޝައްކު ކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.
ޓްރަމްޕް ވަނީ ފަނޑިޔާރުގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ، އެ މަނިކުފާނުގެ ކުށެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ޕޯލްގެ ނަތީޖާ ދައްކާ ގޮތުން ހެރިސް ކުރީގައި އުޅުނު ނަމަވެސް ހެރިސް ބަލިކުރަން މާ ފަސޭހަ ވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ހެރިސްއާ ކުރިމަތިލާން ކަންބޮޑުނުވާ ކަމަށް ޓްރަމްޕްގެ ކެމްޕޭން އެޑްވައިޒަރުންނާއި އެކުވެރިން ވެސް އަންނަނީ ބުނަމުންނެވެ.