ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހައިކޯޓު
ޑީއެންއޭއެއިން ޒިނޭ ސާބިތު ކުރި މައްސަލަ ޕީޖީ އެދިގެން ބާތިލުކޮށްފި
އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތު ނުވިޔަސް، ގަރީނާތަކަށް ރިއާޔަތްކޮށް ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށާއި އެކަމަކު އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، އެކަމާ ގުޅޭ ސީދާ މައްސަލަ އަލުން ބަލަން އަންގާފައިވަނިކޮށް، އެ މައްސަލަ ދައުލަތުން އެދިގެން ބާތިލުކޮށްފިއެވެ.
Advertisement

މިއީ، 2017 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅިގެން މެދުރާއްޖެތެރޭގެ ރަށެއްގެ ކޯޓަކުން ނިންމި މައްސަލައެކެވެ. މި މައްސަލަ ހައިކޯޓަށް ފަހު ސުޕްރީމް ކޯޓަށްވެސް ހުށަހެޅުނެވެ. 

2021 ވަނަ އަހަރު މި މައްސަލައިގައި، ސުޕްރީމް ކުރި ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތު ކުރެވެނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ހައްދުގެ ކުށްތައް ސާބިތު ކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެގެން ކަމަށް ވާއިރު، ގަރީނާއެއް ބޭނުން ކޮށްގެން އެ މިންވަރަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާތީ ޑީއެންއޭ އާއި ފޮރެންސިކް ހެކިތަކަށް އެކަނި ބިނާކޮށް ހައްދުގެ ކުށްތައް ސާބިތު ނުކުރެވޭނެ ކަމަށެވެ.

"މިފަދަ މައްސަލަތަކުގައި އެއްވެސް ގޮތަކަށް ހައްދުގެ އަދަބު ދީގެން ނުވާނެ އެވެ. ސަބަބަކީ ޑީއެންއޭ އާއި ސައިންޓިފިކް ގަރީނާތަކަކީ ޝުބްހައިގެ މަހައްލުން މުޅިން ނެއްޓިފައިވާ އެއްޗަކަށް ނުވާތީވެ، އެފަދަ ޝުބްހައެއް އޮންނަ ހާލަތުގައި ހައްދުގެ އަދަބު ދިނުމުން އެއްކިބާވުމަށް ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާތީ އެވެ." ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެ ހުކުމުގައިވެ އެވެ.

އެ މައްސަލައިގެ ހުކުމުގައިވަނީ ގަރީނާތައް ބޭނުން ކޮށްގެން ހައްދު ގާއިމް ކުރެވޭނެ މިންވަރަށް ކުށް ސާބިތު ނުކުރެވުނަސް، އެފަދަ ހެކިތަކަށް ބިނާކޮށް ތައުޒީރީ އަދަބެއް ދެވިދާނެ ކަމަށެވެ. އެގޮތުން، ބަލިވެ އިންނަ ހާލަތުގައި އެކަމުގެ މައްޗަށް ބިނާކޮށް ޒިނޭ ސާބިތު ކުރުމާއި ވަސް ދުވާ ހާލަތުގައި ރާބުއިމުގެ ކުށް ސާބިތު ކުރެވޭނެ ކަމަށް އުމަރުގެފާނުގެ ޒަމާނުގައި އަމަލު ކުރެއްވި ގޮތްތަކުން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ. އެގޮތުން ރާބޮއެގެން ހޮޑުލި މީހެއްގެ މައްޗަށް ހައްދު ގާއިމް ކުރެއްވި ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

"ޑީއެންއޭ އާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ އެ ގަރީނާއަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ ގަރީނާ ހުރެއްޖެ ނަމަ، ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތު ކުރުމަށް ފުދޭނެ ވަސީލަތެއް ކަމެވެ. އެހެން ނަމަވެސް އެ ހާލަތުގައި ކުށް ސާބިތުވި މީހާގެ މައްޗަށް ހައްދުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެ މީހާއަށް ދޭންވާނީ ތައުޒީރީ އަދަބެކެވެ." އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، ޑރ. އަޒްމިރާލްދާ ޒާހިރު، ހުސްނުއްސުއޫދު އަދި މިހާރުވެސް ބެންޗުގައި ހިމެނޭ އައިޝާ ޝުޖޫންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި، އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓަށްވަނީ ފޮނުވާފައެވެ. އެކަމަކު ހައިކޯޓުން މިހާތަނަށްވެސް އެ މައްސަލައިގައި އެއްވެސް ގޮތެއް ކަނޑައަޅާފައިނުވާތީ، ދައުލަތުން އެދުނީ މައްސަލަ އަނބުރާ ގެންދާށެވެ. ދައުލަތުން މައްސަލަ އަނބުރާ ގެންދަން އެދުމުން، ހައިކޯޓުންވަނީ އަންގާރަ ދުވަހު، އިސްތިއުނާފު ފޯމް ބާތިލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް