ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު އަދި ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގް ޔީ އާ ރައީސް ބައްދަލު ކުރެއްވީ، އެމެރިކާގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގައި ބައްދަލުވުންތަކުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު, ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ އެއްބަސްވުންތަކާއި މަޝްރޫއުތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އަށް ޗައިނާ އިން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިބައްދަލުވުމުގައި ވާންގް ވަނީ ޗައިނާއިން އަބަދު ވެސް ރާއްޖޭގެ ހުރިހާ ދާއިރާއަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މީގެ އިތުރުން ވެސް ދެ ލީޑަރުން ވެސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކަށް ހައްލު ހޯއްދެވުމަށް އެއްބާރުލުން ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.
ޕީއެންސީ/ޕީޕީއެމް އިސްވެ އޮންނަ ކޮންމެ ސަރުކާރެއްގައި ވެސް އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ގައުމަކީ ޗައިނާ އެވެ.
ޗައިނާއިން ވަނީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓްގެ އާ ރަންވޭއާއި ހިޔާ މަޝްރޫއުގެ ފްލެޓްތަކާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގަދީފަ އެވެ.
ރައީސް، އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އދ.ގެ މައި އިދާރާގައި ކުރިއަށްދާ އދ.ގެ 79ވަނަ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިތަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.