އިޒްރޭލުން ބުނީ މިއަދު އެކަނި ލުބްނާނަށް 800 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ. ނަތަންޔަހޫ ބުނީ އިސްރާއީލުން ހަނގުރާމަ ކުރަމުން ދަނީ ލުބުނާނުގެ ރައްޔިތުންނާއި ނޫން ކަމަށެވެ. އަދި ހިޒްބުﷲއާ ކަމަށް ބުނެ ލުބުނާނުގެ އާންމުން ރައްކާތެރި ސަރަހައްދުތަކަށް ދާން ނަތަންޔާހޫ ގޮވާލާފައި ވެ އެވެ.
އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި ލޭއޮހޮރުވުން ފެށިފަހުން ކޮންމެ ދުވަހަކުހެން އިސްރާއީލާއި ހިޒްބުﷲ އާއި ދެމެދު ހަމަލާތައް ބަދަލުކުރެ އެވެ. ހަމަލާތަކުގެ ސަބަބުން ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައިތިބި ގިނަ ބަޔަކަށް ވަނީ އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ.
ގާޒާއަށް ހަމަލާދޭން ފެށުމާ އެކު ރައްދުގައި ހިޒްބުﷲ އިން އިޒްރޭލަށް ދޭން ފެށި ހަމަލާތަކުގެ ބަދަލު ހިފުމުގައި މިހާތަނަށް އެންމެވަރުގަދަ ހަމާލާތަކެއް ދީފައިވަނީ މިއަދު އެވެ.
އިސްރާއީލް ފައުޖުގެ ރޮކެޓް ހަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ވެސް އަމާޒު ކޮށްފައިވެ އެވެ. އަދި, ހިޒްބުاللهގެ އިސް ކޮމާންޑަރެއް ކަމުގައިވާ އަލީ ކަރްކީ ޝަހީދު ކޮށްލަން އިޒްރޭލުން މަސައްކަތް ކޮށްފައިވާ ކަމުގައި ލުބްނާންގެ ސަލާމަތީ ދާއިރާގެ މަސްދަރުތަކުން ބުންޏެވެ. ނަމަވެސް, އެ ކަން ކާމިޔާބު ކުރެވިފައިވާ ކަން ސާފެއް ނޫނެވެ.
ލުބްނާނުގެ ހެލްތު މިނިސްޓްރީން ބުނީ މިއަދު ހެނދުނު އިޒްރޭލުން ދިން ހަމަލާތަކުގައި 400 މީހަކު މަރުވުމުގެ އިތުރަށް 1500 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 25 ކުޑަކުދިންނާއި 48 އަންހެނުންގެ އިތުރުން ސިއްހީ ހިދުމަތުގައި އުޅޭ މީހުން ވެސް ހިމެނެ އެވެ.
އިޒްރޭލާއި ހިޒްބުﷲ އިން ހަމަލާތައް ބަދަލުކުރަމުންދާއިރު، މިދިޔަ ހަފްތާގައި ހިޒްބުﷲ މެންބަރުންގެ ޕޭޖަރުތައް ގޮވުމުގެ ހާދިސާތަކެއް ވެސް ހިނގާފައިވެ އެވެ. ހިޒްބުﷲ އިން ވަނީ މިއީ އިޒްރޭލުން ދުރާލައި ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ. މި ހަމަލާތަކުގައި 37 މީހަކު މަރުވެފައިވާއިރު، 287 މީހަކު ތިބީ ސީރިއަސް ހާލަތުގަ އެވެ.
މި ހަމަލާތަކާ ގުޅިގެން އިޒްރޭލަށް ހަރުކަށި އަދަބެއް ދޭނެ ކަމުގެ އިންޒާރު ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ ވަނީ ދެއްވާފަ އެވެ.