ދިޔަމިގިލީ ކައުންސިލުން އިންތިޒާމްކޮށް '' ދިޔަމިގިލީ ކައުންސިލް ފުޓްސަލް ޗެލެންޖް 2024'' ނަމުގައި ކުރިއަށްގެންދިޔަ މުބާރާތުގެ ޗެމްޕިއަންކަން ބުރޭވް ޝޫޓުން ހޯދީ، ދިޔަމިގިލީ ފުޓްސަލް ދަނޑުގައި އިއްޔެ ރޭ ކުޅެވުނު ފައިނަލުގައި ސަމްޕީޒް ސްޕޯޓްސް ކުލަބްގެ މައްޗަށް 3-0 ން ކާމިޔާބު ހޯދައިގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުރޭވް ގެ ޖާރޒީ ނަންބަރު 10 މުޙައްމަދު ހުސާމެވެ.
މުބާރާތުގެ ފުޓްސަލް ކިންގު ނުވަތަ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ސަމްޕީޒްގެ އާދަމް ނާސިހް(އާދަންނާ)އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ބުރޭވްގެ މުޙައްމަދު ހުސާމެވެ. މުބާރާތުގެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ، ސަމްޕީޒްގެ ހުސައިން އަޒީލް އަޙްމަދެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުން ތެރިން ނުވަތަ ޑްރީމް ޓީމުގައި ހިމެނުނީ، ސަމްޕީޒްގެ އާދަމް ނާސިހް، ޢަލީ ރިޒާން އާއި ބުރޭވް ޝޫޓްގެ މުޙައްމަދު ހުސާމް، ޢަލީ އިޙްސާން އާއި ހުސައިން ސިޔާމެވެ.
މިމުބާރާތް ނިންމުގެ ރަސްމިއްޔާތު ވާހަކަފުޅު ދައްކަވަމުން ދިޔަމިގިލީ ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ވަނީ 2025ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމު ދޭނެކަމަށް އިޢުލާންކޮށްފައެވެ. މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް ނިންމާލުމުގައި ޓީމުތަކުގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.
'' ދިޔަމިގިލީ ކައުންސިލް ފުޓްސަލް ޗެލެންޖް 2024'' ނަމުގައި ކުރިއަށްގެންދާ މިމުބާރާތަކީ ދިޔަމިގިލީގެ ރައްޔިތުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ވާދަކުރެވޭނެ ގައުމީ ފެންވަރުގެކުޅުންތެރިނާއި ރަށުގެ ރައްޔިތުންނާއި ޒުވާނުންގެ މެދުގައި އެކުވެރިކަން ގާއިމް ކުރުމުގެ މަގްސަދުގައި ބޭއްވި މުބާރާތެއްކަމަށް ދިޔަމިގިލީ ކައުންސިލުގެ ރައީސް އަޙްމަދު މޫސާ ވިދާޅުވިއެވެ.
މިމަހުގެ 15 އިން 22 ގެ ނިޔަލަށް ދިޔަމިގިލީ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިޔަ މިމުބާރާތުގައި ފަސް ޓީމް ބައިވެރިވެފައިވެއެވެ. އެއީ ކުލަބް ބުރޭވް ޝޫޓް އާއި ސްޕޯޓް ކުލަބް ސަމްޕީޒް އާއި މަގުކޮޅުއާއި އެފްސީ ކޮއްތުގެ އިތުރުން ކުލަބް ބަސްދީއެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ.އާއި ޗެމްޕިއަން ޓްރޮފީ އަދި ރަން މެޑެލް ، ރަނަރއަޕް ޓީމަށް 7000ރ. އާއި ރިހި މެޑެލް ދީފައިވެއެވެ.