އދ. ގެ އާންމު މަޖިލީހުގައި ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުކަމާއި ކަނޑުގެ ހަކަތަ އުފައްދަން ކިހާ ރަނގަޅު ވަސީލަތެއްތޯ ދެނެގަންނަން ބޭނުންވާ ކަމަށެވެ.
ރައީސް ވިދާޅުވީ އޮއިންނާއި، ރާޅުން ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީ ބޭނުންކުރުން ހިމެނޭ ހެން، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި އެހެން ދާއިރާތަކުން އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ރާއްޖެއިން ދައުވަތު ދެއްވާކަމަށެވެ.
އަދި ރާއްޖެއަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ޓެސްޓުކުރުމަށް އެންމެ ފަހި ގައުމުކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް ގާބިލް މީހުން އެބަތިބި ކަމަށާއި އިއާދަކުރަނިވި ހަކަތައިގެ ވިޔަފާރިއަކީ ރާއްޖޭގައި ފައިދާ ބޮޑު ވިޔަފާރިއަކަށް ވާނެ ކަމަށް ވިދާޅުވެ އެވެ.
މީގެ އިތުރުން ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ މިސަރުކާރުން މަސްވެރިކަމުގެ ސިނާއަތުގެ ދާއިރާގައި ބޭނުން ކުރާ އެކިއެކި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓުގެ 35 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ބޭނުން ކުރެވޭ ގޮތް ހެދުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އަދި އަމާޒަކީ 2028 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ކަރަންޓުގެ ޑިމާންޑުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ލިބޭ ކަރަންޓަށް ހެދުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ޓްރާންސިޝަނަކީ ހަމައެކަނި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި އެއީ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ވެސް މުހިއްމު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ކޮޕް28 ގައި އެކަން އިއުލާނު ކުރިއިރު، ރާއްޖޭގައި އިންސްޓޯލްކޮށްފައިވާ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ ހުރީ އެންމެ 53 މެގަވޮޓްގައި ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު 68 މެގަވޮޓަށް އިތުރު ކޮށްފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ތެލަށް ބަރޯސާވުން ކުޑަކުރުމަށް ގިނަ ރަށްރަށުގައި ސޯލާ ފޮޓޯވޯލްޓައިކް ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ފަށައި، ސިނާއީ މަސައްކަތް ކުރާ ތިލަފުށީގައި އިތުރު 13 މެގަވޮޓްގެ ވޭސްޓް އެނާޖީ ސިސްޓަމެއް ގާއިމްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުން އޮތީ މާ ދުރުގައި ނޫންކަމަށާއި، ނަމަވެސް އެކަމަށް ބޭރުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށެވެ. އެހެންކަމުން އެފަދަ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީ ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.