އިޒްރޭލުން ލުބްނާނަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކުރީ ހިޒްބުﷲ އަށް ހަމަލާ ދިނުމުގެ ނަމުގަ އެވެ. ނަމަވެސް ހަމަލާތަކުގައި ކަމާ ނުބެހޭ ގިނަ ބަޔަކު މަރުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އިޒްރޭލުން މެދުއިރުމަތީގެ ސުލްހަ ނަގާލުމަށް ކުރަމުންދާ މަސައްކަތް މެދުއިރުމަތީގެ ގައުމުތަކުން އަންނަނީ ކުށްވެރިކޮށް، ހަމަލާތައް ދިނުން ހުއްޓާލުމަށް ގޮވާލަމުންނެވެ.
އިޒްރޭލު ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ހާޒީ ހަލޭވީ ހަވާލާދީ އަލް ޖަޒީރާއިން ބުނީ ލުބުނާނަށް އެންމެ ފަހުން ދިން ވައިގެ ހަމަލާއަކީ އެއްގަމު މަގުން އެ ތަނަށް ވަނުމަށް ތައްޔާރުވުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.
އެހެންކަމުން މިކަން ހާސިލު ކުރުމަށް މިހާރު ތައްޔާރުވަމުން އަންނަނީ އެއްގަމު މަގުން ލުބުނާނަށް އެރުމަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ހަލޭވީ ވިދާޅުވީ އެއްގަމު މަގުން ލުބްނާނަށް އަރަން ޖެހިއްޖެ ނަމަ އެކަމަަށް ވެސް ތައްޔާރަށް ތިބުމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލުމާ އެކު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށުމުން ހިޒްބުﷲ އިން ވެސް އަންނަނީ އިޒްރޭލަށް ރޮކެޓާއި މިސައިލުން ހަމަލާ ދެމުންނެވެ.
ލުބްނާނުގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި 54 ކުޑަކުދިންނާއި 68 އަންހެނުންނާ އެކު 842 މީހުން މަރުވެ 2645 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. ހެލްތް މިނިސްޓަރު ފިރާސް އަބިއާދު ވިދާޅުވީ އެތައް ހާސް އާއިލާއެއްގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.
ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ދެކުނުގައި ދިރިއުޅޭ 90000 އަށް ވުރެ ގިނަ މީހުން އުތުރަށް ދަތުކުރަމުން އަންނަ ކަމަށްވެސް އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނެއެވެ.
އޭގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ހާސް ބަޔަކު މިހާތަނަށް މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަ ކުދިންނާއި އަންހެނުންނެވެ.