ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ އައިއެމްއެފްގެ އެ ނިންމުމަށް މަރުޙަބާ ދަންނަވާފަ އެވެ. އައިއެމްއެފްގެ މާލީ އެހީގެ ޕުރޮގުރާމުގައި ޕާކިސްތާނުން ބައިވެރިފައި ވަނީ ޖުލައި މަހު އެވެ.
އިސްލާމްއާބާދުން މަސައްކަތްކުރަމުން އައީ އައިއެމްއެފްއިން ކުރި ޝަރުތުތައް ތަންފީޒުކޮށް، 37 މަސް ދުވަހުގެ ލޯނު ޕްރޮގްރާމް ނިންމުމަށެވެ.
މިހާރު ކުރިއަށްދާ އދގެ އަންމު މަޖިލީހުގެ ހަވާސާގައި، ޕާކިސްތާނުގެ މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ޝެހެބާޒު ވިދާޅުވީ، ޗައިނާއާއި ސައުދީ އަރަބިއްޔާގެ އެހީތެރިކަމާ އެކު، އައިއެމްއެފްގެ ހުރިހާ ޝަރުތުތަކެއް އެ ގައުމުން ފުރިހަމަކޮށްފައިވާ ކަމަށެވެ.
އައިއެމްއެފްގެ ޕުރޮގުރާމުގެ ދަށުން 7 ބިލިޔަން އެމެރިކާ ޑޮލަރު ޕާކިސްތާނަށް ދޫކުރަން އެ އިދާރާއިން ރުހުން ދީފައިވީ ނަމަވެސް, ވަގުތުން ދޫކުރާނީ އޭގެ ތެރެއިން 1 ބިލިޔަން ޑޮލަރެވެ.
ވޭތުވެ ދިޔަ 66 އަހަރު، 1958 އިން ފެށިގެން ޕާކިސްތާނަށް ވަނީ އައިއެމްއެފުން 20 އަށް ވުރެ ގިނަ ލޯނު ނަގައިފަ އެވެ. ޕާކިސްތާނަކީ މިހާރު ފަސް ވަނައަށް އެންމެ ބޮޑު ދަރަނިވެރި ގައުމެވެ.
މި މަހުގެ ކުރީކޮޅު ޕާކިސްތާނުގެ ބޭރުގެ ދަރަނި 130 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، ގާތްގަނޑަކަށް 30 ޕަސެންޓް ދައްކަންޖެހެނީ އެ ގައުމުގެ އެންމެ ގާތް އެކުވެރި އަދި ހުޅަނގާ ވާދަވެރި ކަމަށް ބެލެވޭ ޗައިނާއަށެވެ.
އެ ގައުމުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ގާތްގަނޑަކަށް 90 ބިލިއަން ޑޮލަރުގެ ލޯނު ދައްކަންޖެހޭއިރު، އެންމެ ބޮޑު ލޯނެއް ދައްކަން ޖެހެނީ ޑިސެމްބަރު މަހުގެ ކުރިންނެވެ.
ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުގެ އަސްލަކީ އުފެއްދުންތެރިކަން ދަށްވުމާއި އާބާދީ އިތުރުވާ ރޭޓް މަތިވުމާ އަދި ތެލާއި ގޭސްފަދަ ހަކަތައިގެ ވަސީލަތްތަކަށް ކުރަންޖެހޭ ޚަރަދުތައް އިންތިހާއަށް ބޮޑުވުމެވެ. މީގެ އިތުރުން ޕާކިސްތާނުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ހަރުކަށި ޖަމާއަތްތަކަކީ ވެސް އެ ގައުމުގެ އިގްތިސާދު ހީނަރުވުމަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބެކެވެ.
ފެނުގެ ވަސީލަތްތައް މަދުވުމާއި ގުދުރަތީ ކާރިސާތައް ގިނަވުމާއި ހޫނު ގަދަވުމާއި ހަނަފަސްކަން ބޮޑުވުމަކީވެސް ޕާކިސްތާނުގެ ދަނޑުވެރިކަމަށް ހީނަރުކަން ގެނެސްދޭ ކަންކަމެވެ. ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހަލަބޮލިވުމާއި ސަރުކާރުތައް އަވަސް އަވަހަށް ބަދަލުވުމާއި ކޮރަޕްޝަން އިތުރުވުމަކީ ވެސް ބޮޑު މައްސަލައެކެވެ. މި ހުރިހާ ކަމެއްގެ ނޭދެވޭ އަސަރު ޕާކިސްތާނުގެ އިގްތިސާދަށް ކުރަނީ ވަރަށް ބޮޑަށެވެ.
ޕާކިސްތާނުގެ މަރުކަޒީ ބޭންކްގެ ގަވަރުނަރު ޖަމީލު އަހްމަދު މިފަހުން ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި ގޮތުގައި އައިއެމްއެފްއިން ދިނުމަށް ހަމަޖެހިފައިވާ ހަތް ބިލިޔަން ޑޮލަރުގެ ލޯނުގެ އިތުރުން ޑިޕޮޒިޓްގެ ގޮތުގައި ޕާކިސްތާނުގެ މަރުކަޒީ ބޭންކުގައި އަހަރުތަކެއް ވަންދެން ބެހެއްޓުމަށް ޓަކައި ހަތަރު ބިލިޔަން އެމެރިކާ ޑޮލަރުގެ ޑިޕޮޒިޓް ހޯދުމަށް ވެސް ޕާކިސްތާނު ގެންދަނީ މަސައްކަތް ކުރަމުންނެވެ.