ކުޅިވަރަކީ "ކުޅޭކުޅޭ" އެއްޗެއް ނޫނެވެ. ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ! ކުޅިވަރަކީ ސީރިއަސް އިޖްތިމާއި، އަދި މިހާރު އިގްތިސާދީ ހަރަކާތެކެވެ. ކުޅިވަރުގެ ސިނާއަތެއް އުފެދިއްޖެއެވެ. ސްޕޯޓްސް އިންޑަސްޓްރީ އަކީ އެތައް މިލިއަން ޑޮލަރެއް ރޯލްވާ އިންޑަސްޓްރީއެކެވެ. ރާއްޖޭގެ ފުޓުބޯޅަވެސް މިހާރު މިވަނީ "ޕްރޮފެޝަނަލައިޒް" ކުރަންޖެހިފައެވެ. "އެބްނޯމަލް" ލީގެއް ބާއްވައިގެން ފުޓުބޯޅަ ޕްރޮފެޝަނަލައިޒް އެއް ނުކުރެވޭނެއެވެ. ފުޓުބޯޅައިގެ ގައުމީ މުބާރާތަކީ ދިވެހި ޕްރެމިއްރަ ލީގެވެ. އެހްންނަމަވެސް، އެންމެ ޒޯނަކަށް މިމުބާރާތް ހަނިކޮށްފައި އޮތުމުން ދިވެހިލީގަކީ ދެކޮޅުޖެހޭ އުސޫލަކަށް އެކުލަވާލެވިފައިވާ ލީގެއް ނޫނެވެ. ވީމާ، ދިވެހި ޕްރެމިއްރލީގަކީ "ނޯމަލް" ލީގެއް ނޫނެވެ!
އެފްއޭއެމްގެ އަސާސީ ގަވާއިދު
އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ރާއްޖެ އޮންނަނީ ނުވަ (9) ޒޯނަށް ބަހާފައެވެ. ޕްރެމިއަރ ލީގަކީ ހަމައެކަނި އެންމެ ޒޯނަކަށް ހަނިކުރެވޭނެ ލީގެއްކަމަކަށް އަސާސީ ގަވާއިދުގައި ބުނެފައެއް ނުވެއެވެ. އަސާސީ ގަވާއިދުގައި އެބުނާ އަށް (8) ޓީމްގެ ގައުމީ ލީގަކީ މި ނުވަ ޒޯން ޗެމްޕިޔަނުންގެ ތެރެއިން ހޮވޭ އެންމެ މޮޅޮ އަށް ޗެޕްޕިޔަން ކްލަބް އެކުލެވޭ ލީގަކަށް ވާންޖެއެވެ. ޕްރެމިއަރ ލީގް "ނޯމަލް" ވަނީ އަސާސީ ގަވާއިދުގައި އެވާ ގޮތަށް މުޅިގައުމު ޝާމިލްކުރެވޭ ލީގެއް ގާއިމް ކުރެވިގެނެވެ. މިކަން ކުރަން ކަނަޑައަޅާފައި އޮތް އޮނިގަނޑަކީ ޒޯންތަކެވެ.
ފުޓުބޯޅަކުޅުމަށް އަތޮޅުތައް 9 ޒޯނަށް ބަހާ ލާމަރުކަޒު ކުރީ 1986 ގައެވެ. 2008 އަކީ ގާނޫނު އަސާސީން ލާޒިމްކުރާ ލާމަރުކަޒު މަފްހޫމް ޑިމޮކްރެރިކް އުސޫލުން ވުޖޫދުވި އަހަރެވެ. އެދުވަސްވަރު، ލާމަރުކަޒު އުސޫލަކީ ގިނަބަޔަކަށް ފަރިތަ އުސޫލެއް ނޫނެވެ. އެއިރު ރާއްޖެ "ލާމަރުކަޒު" ކޮށްފައިވަނީ އަތޮވެރިންނާއި ކަތީބުންގެ ދަށުގައެވެ. ފުޓުބޯޅައެސޯސިއޭޝަނަކީ އެންމެ ކުރީން ލާމަރުކަޒު ކުރަންފެށި އެއް މުއައްސަސާ ކަމަށް ވާނެއެވެ. އެހެންނަމަވެސް، 2008 އިން ފެށިގެން އެފްއޭއެމަށް އިންތިހާބުކުރެވުނު ވެރިންނާއި ހިންގާކޮމިޓީތަކުން ލާމަރުކަޒު ނިޒާމް ދަމަހައްޓަން މަސައްކަތްކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް، އެފްއޭއެމް އިންތިހާބުކުރުމަށްޓަކާ 2008 ގައި ފީފާއިން ފޮނުވި ރީޖަނަލް ޑިވެލޮޕްމެނެޓް ޑައިރެކްޓަރ މެލޭޝިއާގެ ދަތޯ ޕޯލް މަނީ ސެމިއުލް ގެ އިރުޝާދުގެ ދަށުން އެކުލަވާލި އަސާސީ ގަވާއިދުގައި މި 9 ޒޯން ހިމަނާ، އެފްއޭއެމް ލާމަރުކަޒުކުރުމުގެ ބިންގާ ވަނީ އަޅާފައެވެ.
އަސާސީ ގަވާއިދުގައި ވަނީ ލާމަރުކަޒު ލީގެއް
އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ގައުމީލީގް ބައްޓަން ކުރަންވީގޮތް، އާޓިކަލް 10 އާއި 18 ގައި ތަފްސީލްކޮށްދީފައި ވެއެވެ 10 ވަނަ މާއްދާގައި ބުނަނީ ގައުމީފެންވަރުގެ ދެ ޑިވިޒަނަށް ލީގް ކުޅެންޖެހޭނެކަމަށެވެ. އެއީ އެއްވަނަ ޑިވިޒަނުގެ 8 ޓީމް ގެލީގަކާ، ދެވަނަ ޑިވިޒަންގެ 10 ޓީމްގެ ލީގެއް ކަމަށެވެ. މިޓީމް ތަކަކީ އެއްވެސްހާލެއްގައި ޒޯން-9 ގެ ޓީމްތަކަށް ވާންޖެހޭނެކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. އަދި ލީގްގެ މެޗްތައް ކުޅެންޖެހޭނީ ހަމައެކަނި މާލޭގައި، ކަމަކަށްވެސް ބަޔާންކޮށްފައެއްވެސް ނުވެއެވެ.
އަސާސީގަވާއިދުގެ 18 ވަނަ މާއްދާގައި ބުނަނީ ޒޯނަލް، ނުވަތަ ސަރަހައްދީ ލީގްތައް އުފައްދަންޖެހޭނެކަމަށެވެ. ޒޯން ކްލަބްތައް އެސޯސިއޭޓްވެ، ކޮންމެ ޒޯނެއްގައި ލީގް ކުޅެންވާނެކަމަށެވެ. އަދި ގައުމީ ފެންވަރުގައި ފުޓުބޯޅަ އިންތިޒާމްކުރުމަށްޓަކާ ރާއްޖެ ބަހާލެވިފައި އޮންނަ ނުވަ ޒޯނުން ކޮންމެ ޒޯނެއްގެ ހިންގާ ގަވާއިދަކީ އެފްއޭއެމްގެ އެކްސްކޯ އިން ފާސްކޮށްދޭންޖެހޭ ގަވާއިދެއް ކަމަށެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ޒޯންލީގްތައް އުފެއްދުމަށް ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުން ވަނީ ކޮންމެ ޒޯނެއްގައި ސްޓޭޑިއަމް އަޅާފައެވެ. ދަނޑުވެސް އަޅާފައެވެ. އާރުޓީއެލް އުފެދިއްޖެއެވެ. ވައިގެ ދަތުރުތައް ދާއިމީ ވެއްޖެއެވެ. މުޅިރާއްޖެ މިއޮތީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅިފައެވެ. ރާއްޖެ މިއޮތީ ހޯމް އެންޑް އަވޭ ގައުމީ ޕްރެމިއަރލީގަށް ތައްޔާރުވެފައެވެ.
ޒޯންތަކަކީ އޭގެ ޒާތުގައި ހަމަހަމަ ޒޯންތަކެކެވެ. ރާއް ޒޯންތަކަށް ބަހާލާފައި އޮންނަނީ ޒޯން-1 އަކީ ހއ، ހދ އަތޮޅު ކަމަށާއި، ޒޯން-2 އަކީ ށ،ނ އަތޮޅު ކަމަށާއި، ޒޯން-3 އަކީ ރ،ބ،ޅ އަތޮޅު ކަމަށާއި، ޒޯން-4 އަކީ ކ،އއ،އދ އަތޮޅު ކަމަށާއި، ޒޯން-5 އަކީ މ،ދ،ފ،ވ އަތޮޅު ކަމަށާއި، ޒޯން-6 އަކީ ތ،ލ އަތޮޅު ކަމަށާއި، ޒޯން-7 އަކީ ގއ،ގދ އަތޮޅު ކަމަށާއި، ޒޯން-8 އަކީ ޏ،ސ އަތޮޅު ކަމަށެވެ. އަދި ޒޯން-9 އަކީ މާލެ ކަމަށެވެ.
ދިވެހި ޕްރެމިއަރ ލީގް "އެބްނޯމަލް" ވާ ސަބަބު
ދިވެހި ޕްރެމިއަރ ލީގް އެބްނޯމަލް ވާ ސަބަބަކީ އެންމެ ޒޯނެއްގެ ކްލަބްތަކެއް ޕްރެމިއަރ ލީގް ކުޅޭތީއެވެ. ޕްރެމިއަރލީގަކީ ހުރިހާ ޒޯނެއް ބައިވެރިކުރަން ޖެހޭ ލީގެކެވެ. ޒޯންތަކަކީ އޭގެ ޒާތުގައި ހަމަހަމަ ޒޯންތަކެކެވެ. އަސާސީ ގަވާއިދުގައި ގައުމީ ލީގްކުޅެން ވަކިޒޯނެއް ކަނޑައަޅާފައި ނުވާއިރު ޒޯން-9 ގައި ދިވެހި ލީގް ކުޅެންޖެހޭ ސަބަބެއް ނެތެވެ. އަސާސީ ގަވާއިދުން މެދުވެރިކޮށްދޭ ލީގަކީ މި 9 ޒޯންގެ މައްޗަށް ބިނާވެފައި އޮންނަ ލީގެކެވެ. އަދި މި 9 ޒޯންގެތެރެއިން އެންމެ މޮޅު 8 ޒޯންޗެމްޕިޔަނުން ކޮލިފައިވާ ލީގެކެވެ.
ދެވަނަ ޑިވިޒަންގެ 10 ޓީމަކީވެސް ޒޯން-9 ގެ ޓީމްތަކުގެ ބަދަލުގައި، 9 ޒޯނުން ކޮލިފައިކުރާ ދިހަ ކްލަބަށް ވާންޖެހެއެވެ. މިކަން ކުރެވެން އޮތް އިންސާފުވެރި އެއްގޮތަކީ ޒޯން-1 ން 8 ގެ ޗެމްޕިޔަނުންގެތެރެއަށް ޒޯން-9 ގެ ޗެޕްޕިޔަނާ ދެވަނަ ޓީމް ހިމެނުމެވެ. މާލޭގެ ފުޓުބޯޅަ ތާރީހާއި އާބާދީއަށް ބަލާ ދެޖާގަދީ ދިނުމެވެ. ދެވަނަ ޑިވިޒަންގެ ދިހަ ކްލަބް މިއުސޫލުން ހޮވުމެވެ. ދެވަނަ ޑިވިޒަންގެ ރޭންކިންގް ކަނަޑައަޅަން ރާއްޖެ އުތުރާ ދެކުނަށް ބަހާލާ، މާލޭގެ ދެ ކްލަބަ ދެފަޅިއަށްލާ ކޮންފަރެންސް ލީގެއް ކުޅެ ނޯދަރން ކޮންފަރެންސްގެ ޗެމްޕިޔަނާއި، ސަދަންކޮންފަރެންސްގެ ޗެމްޕިޔަނުންނަކީ އެއްވަނަ ޑިވިޒަންގެ ރެލިގޭޝަން މެޗްކުޅޭ ދެ ކްލަބަށް ހެދުމެވެ.
ދިވެހި ޕްރެމިއަރ ލީގަކީ ޒޯންތަކުގެ ލީގެއްކަން އަސާސީ ގަވާއިދުގެ 18 ވަނަ މާއްދާއިން ބަޔާންކޮށްފައިވީނަމަވެސް، އެފްއޭއެމުން ލީގް ހިންގާފައިވަނީ އަސާސީ ގަވާއިދާއި އެއްގޮތަކަށް ނޫނެވެ. ލީގް އެބްނޯމަލްވަނީ، އަސާސީ ގަވާއިދާ ހިލާފަށް ލީގް ހިންގާތީއެވެ. ލީގް އެބްނޯމަލްވަނީ އެންމެ ޒޯނަކަށް ލީގް ހަނިކޮށްފައިވާތީއެވެ. ލީގް އެބްނޯމަލް ވަނީ މުޅި ރާއްޖެ ބައިވެރި ނުކުރާތީއެވެ. ލީގް އެބްނޯމަލްވަނީ ބެލުންތެރިންގެ ޝައުގުވެރިކަން ގެއްލިފައިވާ ލީގަށް ވާތީއެވެ. ލީގް ފޭލްވީ އިގްތިސާދީ، އިޖްތިމާއީ ހަގީގަތަށް ނުބަލާ ލީގް ބައްޓަންކޮށްފައި ވާތީއެވެ. އެންމެފަހުން ދެމެހެއްޓެނިވި ލީގަކަށް ވެސް ނުވީއެވެ!
އަސާސީ ގަވާއިދާ ހިލާފަށް ލީގް ހިންގަން މެދުވެރިވީ "ކުށްހީ" އެއްގަ!
އަސާސީ ގަވާއިދާ ހިލާފަށް ލީގް ހިންގަން މެދުވެރިވީ "ކުށްހީ" އެއްގައެވެ! 2008 ވަނަ އަހަރު އެފްއޭއެމް އިންތިހާބު ކުރިއިރު، އެއިރުގެ އެއްވަނަ ޑިވިޒަންގެ ކްލަބަތަކަކީ މާލޭ ގެކްލަބަތައް ކަމަށް (ވަގުތީގޮތުން ނަމަވެސް!) ކަނަޑައެޅިއެވެ. މާލޭގެ ކްލަބަތަކަކީ އެއްވަނަޑިވިޒަންކަމަށް ބަލައިގެން އިންތިހާބު ހިންގަނީ ކީއްވެތޯ، ފީފާގެ މަންދޫބު ދަތޯ ޕޯލްމަނީ ސެމިއުލް އަރިހު އަޅުގަނޑު ސުވާލު ކުރީމުއެވެ. ދަތޯ ވިދާޅުވީ މާލޭ ކްލަބްތަކަކީ އެއްވަނަ ޑިވިޒަން ކްލަބަތަކެއް ކަމަށް ބަލައިގެން އިންތިހާބު ކުރިއަށް ގެންދަން ނިންމީ "މަޖުބޫރީ ހާލަތުގައި" ކަމަށެވެ.
މަޖުބޫރީ ހާލަތު
މަޖުބޫރީ ހާލަތު ކަމުގައި ދަތޯ ޕޯޅް ފާހަގަކުރެއްވީ ދެސަބަބެކެވެ. ފުރަތަމަ ސަބަބު ކަމަށް ވިދާޅުވީ ކްލަބަތައް އޮތީ ފީފާ ލައިސަންސިންގް ޝަރުތު ހަމަވާ ފެންވަރަށް ނޫންކަމަށެވެ. ރާއްޖޭގައި އޮތީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ކްލަބްތަކެއް ނޫންކަމަށެވެ. ގާނޫނީގޮތުން ބަލިކަށި ކްލަބްތަކެއް ކަމަށެވެ. މިކަން މިއަދުވެސް އޮތީ މިހެންނެވެ. ދެވަނަ ސަބަބެއް ކަމަށް ވިދާޅުވީ، މިވަގުތު އިންތިހާބު ނުބާއްވައިފިނަމަ، ރާއްޖެ ސަސްޕެންޑް ކުރާނެކަމަށެވެ. ރާއްޖެ ސަސްޕެންޑް ކޮށްފިނަމަ 2008 ވަނައަހަރުގެ ސާފްޗެމްޕިޔަންސިޕް ނުކުޅެވުނީހެވެ! ވީމާ މިއީ މަޖުބޫރީ ހާލަތެއްކަމަށްދެކޭ ކަމަށެވެ. އިންތިހާބު އަވަސްއަރުވާލަން މަޖުބޫރުވީ މިހެންވެއެވެ. ވީމާ، މާލޭ ކްލަބްތަކަކީ އެއްވަނަ ޑިވިޒަން ކްލަބްތައް ކަމަށް ބަލައި، ދެވަނަ ޑިވިޒަނުށްއެވަގުތު އަތުޖެހެން އޮތް އެންމެ ތިން ކްލަބް ބައިވެރިކޮށްގެން 11 ކްލަބްގެމެދުގައި އިންތިހާބު ބޭއްވީ އެވެ. މަޖުބޫރީ ހާލަތުގައި ނަމަވެސް، މިހަދަނީ ބޮޑު ގޯހެއްކަމުގައި ދަތޯ އަރިހު ދެންނެވީމެވެ.
އެފްއޭއެމް އިންތިހާބު ކުރުމުގެ އެކާވީސް އަހަރުކުރިން 1986 ގައި ފުޓުބޯޅަ ލާމަރުކަޒު ކުރަން ފަށާފައިވެއެވެ. މިމަސައްކަތް ފެއްޓެވީ އެއިރުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އަލްމަރުހޫމް މުޙަންމަދު ޒާހިރު ނަސީރެވެ. ލާމަރުކަޒުކޮށް ކުޅެންފެށި ޒޯން މުބާރާތްތަކާއި އެކު މުޅި ރާއްޖެއަށް ފުޓުބޯޅަ ފެތުރުނެވެ. ޒޯން މުބާރާތްތައް އިންތިހާއަށް ވާދަވެރިއެވެ. މެޗްބަލަން އެއިރުވެސް ދަތުރުކުރެއެވެ. އެހެން ނަމަވެސް މިފަދަ ހަގީގަތްތަކަށް ރިއާއަތްކުރުމެއްނެތި، ވަގުތުނެތްކަމަށް ބުނެ، މާލޭގެ ކްލަބަތަކަށް 2 ވޯޓްގެ މަގުން ވޯޓް ދިނުމުން، ފުޓުބޯޅަ ޑިވެލޮޕްމަންޓަށް ހުރަސްއެޅޭނެކަމަށް ދެންނެވީމެވެ. އެއީ މާލޭ ކްލަބަތަކަށް ލިބުނު ސޯޅަ ވޯޓާއިއެކު ކޮންގްރެސްގެ މެޖޯރިޓީ އެންމެ ޒޯނަކަށް (ޒޯން-9 ށް) ލިބޭތީއެވެ. މިހެން މިކަން އޮތްހާ ހިނަދަކު، ފުޓުބޯޅަ ލާމަރުކަޒެއް ނުކުރެވޭނެކަން މިހިނގާދިޔަ ސޯޅައަހަރުގެ ތަޖްރިބާއިން މިއޮތީ ފެންނާށެވެ. އެންމެފަހުން ލީގް ފޭލްވީ އެވެ.
ދަތޯ އެއިރު ވިދާޅުވީ މިކަން ހެޔޮމަގަށް އެޅުވުމަކީ "ތިޔަބޭފުޅުންގެ" (ދިވެހި ފުޓުބޯޅަ އޮފިޝަލުންގެ) ވާޖިބަކަށް ވާނެކަމަށެވެ. ޒޯންތަކަށް އެއްވަނަ ޑިވިޒަން ގެފުރުސޮތު ނުދީ އިންތިހާބު ހިންގާތީ ޕްރޮޓެސްޓްވެސް ކުރީމެވެ.
މާލޭގެ އެއްވަނަޑިވިޒަން ކްލަބްތައް ބައިވެރިކޮށްގެން "މަޖުބޫރީ ހާލަތު" ގައި ހިންގި އިންތިހާބަށްފަހު، 2 ވޯޓް ލިބުނު މާލޭ ކްލަބަތަކަކީ ޕްރެމިއަރލީގް ކަމުގައި ބަލައިގަތުމުގެ "ޕްރެސީޑެންޓް" އެއް ގާއިމްކުރެވުނީއެވެ. އަސާސީ ގަވާއިދާ ހިލާފަށް ލީގް ހިންގަން ފެށުނީ މި ޕްރެސިޑެންޓްގެ ދަށުންނެވެ. ސޯޅައަހަރު ވީއިރުވެސް، ރާއްޖޭގެ ފުޓުބޯޅަ މިއޮތީ 2008 ވަނަ އަހަރު މެދުވެރިވީ މަޖުބޫރީ ހާލަތު ގައެވެ. މިހެން މިކަން އޮވެ، އެންމެފަހުން މަޖުބޫރީ ހާލަތު "ނޯމަލައިޒް" ވީއެވެ! އެފްއޭއެމްވެސް އަދި ޕްރެމިއަރލީގްވެސް ފޭލްވީ މިހެންވެއެވެ.
މަޖުނޫރީ ހާލަތެއް މިހާރު ނެތް
މިހާރު މަޖުބޫރީ ހާލަތެއް ނެތެވެ. ސޯޅަ އަހަރުފަހުން އެފްއޭއެމް އަނެއްކާވެސް މިއޮތީ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ދަށުގައެވެ. ފީފާ ނޯމަލައިޒޭޝަން ކޮމިޓީގެ މެންޑޭޓަކީ އަސާސީ ގަވާއިދާއެއްގޮތަށް އެފްއޭއެމްގެ ހިންގުން ރުޖޫއުކޮށްދިނުމެވެ. އަދި އަސާސީ ގަވާއިދަށް ބަދަލުގެންނަން ޖެހޭނެމަ އެކަން ވެސް ކުރުމެވެ. ވަގަށްނެގި ފައިސާ ހޯދުން ލަސްކުރާވާހަކައެއްވެސް ނޫނެވެ.
މިއަދަކީ، މަޖުބޫރީ ހާލަތު އޮތް ދުވަހެއް ނޫނެވެ. ނޯމަލައިޒޭޝަން ކޮމިޓީއަށް މިއޮތީ މުޅިން އާ ގޮތްތަކެއް ހޯދަންޖެހިފައެވެ. ފުރަތަމަ ބަދަލަކަށް ވާންވީ އެއްވަނަ ޑިވިޒަންގެ ވޯޓް، ޒޯންޗެމްޕިޔަނުންނަށް ދިނުމެވެ. ޒޯންޗެމްޕިޔަނުންނަށް 2 ވޯޓްގެ މަގުން ވޯޓްލިބޭގޮތް ހެދުމުން، ޕްރެމިއަރލީގް ނޯމަލައިޒް ވީއެވެ. އެއްވަނަ ޑިވިޒަންގެ 8 ކްލަބަކީ އަށް ޒޯންޗެމްޕިޔަނުންކަމުގައި ހެދުމުގެ އިތުރުން ދެވަނަ ޑިވިޒަންގެ 10 ޓީމަކީ ޒޯންޗެމްޕިޔަންޝިޕްގެ ދެވަނަ ޓީމްކަމުގައި ހަމަޖައްސާނީއެވެ.
ކުރީގެ ވިސްނުން ދޫކޮށްލާ، އަސާސީ ގަވާއިދާއެއްގޮތަށް، ޒޯންޗެމްޕިޔަނުންނަކީ އެއްވަނަޑިވިޒަން ކްލަބަތައް ކަމުގައި ހަމަޖެހުމުން ކޮންގްރެސްގައި ކަންކަން ހިގާނެގޮތް ވަރަށްވެސް ތަފާތުވާނެއެވެ.
"ނޯމަލައިޒް" ކުރުން
ދިވެހި ޕްރެމިއަރލީގް ނޯމަލް ނުކުރެވުނީ، ކަސިޔާރު (އެބްނޯމަލް) ވިސްނުމެއްގެ ސަބަބުންނެވެ. މާލޭ އަވަށު ކްލަބަތަކަކީ އެއްވަނަ ޑިވިޒަންގެ ކްލަބްތައްކަމަށް ބަލައިގަންނާނެ ޖާގައެއް އަސާސީގަވާއިދުގައި ނެތް ނަމަވެސް، އެގޮތަށް "އެސިއުމް" ކުރީއެވެ. މާލޭގެ އަވަށު ކްލަބަކަށް 2 ވޯޓްގެ މަގުން މުޅި ކޮންގެރެސްގެ މެޖޯރިޓީ، އެއް ޒޯނަށް، ދިނުމަކީ ދެކޮޅުގެހޭކަމެއް ނޫނެވެ. ޑިމޮކްރެޓިކް އުސޫލެއްވެސް ނޫނެވެ. ހަގީ ގަތަކީ މާލޭ އަވަށު ކްލަބްތަކަށް ދިން ވޯޓަކީ ޒޯން ޗެމްޕިޔަން ކްލަބްތަކަށް ލިބެންޖެހޭ ވޯޓެވެ. ވީމާ އަސާސީ ގަވާއިދުގެ މަފްހޫމަށް ރުޖޫއަވެ، އެންމެ މޮޅު 8 ޒޯންޗެމްޕިޔަން ކްލަބަށް ދެ ވޯޓްގެމަގުން ދިނުމަށްފަހު ކޮންގްރެސް ބޭއްވުމުން ދިވެހި ޕްރެމިއަރލީގް އޮންނާނީ ނޯމަލައިޒް ވެފައެވެ. އަދި އެފްއޭއެމް ވެސް އޮންނާނީ ނޯމަލައިޒް ވެފައެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލް ޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު އަބްދުލް ޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.