ޕީއެންސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިއަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ދާއިރާތަކުގެ މަގާމުތަކުގެ އިންތިހާބު ބާއްވާ ތާރީހު މި އަހަރުގެ ނޮވެމްބަރު 9 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އިންތިހާބު ފަސްކުރި ސަބަބެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެ އެވެ.
މި ގެނެވުނު ބަދަލާއެކު، އިންތިހާބުގައި ވާދަކުރަން ހުޅުވާލި މުއްދަތުވެސް އެޕާޓީން ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން މިމަހުގެ 30 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް އިންތިހާބަށް ކުރިމަތިލުމުގެ މުހުލަތު ހަމަވާގޮތަށް ކުރިން އޮތްނަމަވެސް، މިހާރު މިވަނީ އެ މުހުލަތު އަންނަ އޮކްޓޫބަރުމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް އިތުރުކޮށްފަ އެވެ.
ޕީއެންސީން ބުނީ އިންތިހާބު ބާއްވާ ތާރީހާއި، ކުރިމަތިލުމަށް ދެވުނު މުއްދަތު އިތުރުކޮށްފައިވަނީ މި މަގާމުތަކަށް ޝައުޤުވެރިވާ ގިނަ ފަރާތްތަކަކުން އެކަމަށް އެދެމުންދާތީކަމަށެވެ.
ޕީއެންސީން އިންތިހާބުގައި ވާދަކުރަން ހުޅުވާލާފައިވަނީ، ދާއިރާ ރައީސް، ދާއިރާ ނާއިބު ރައީސް، ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސް، އަންހެނުންގެ ހަރަކާތުގެ ރަށު ރައީސް އަދި ސްޓިއަރިން ކޮމެޓީގެ މެންބަރުކަމުގެ މަގާމަށެވެ.