މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަމަށެވެ. އެގޮތުން ވަރަށް ހާއްސަ އިސްކަމެއްދީގެން ހޮޓެލް ސްކޫލެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.
ހޮޓެލް ސްކޫލްގެ މަސައްކަތް ހަގީގަތަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކަމާއި ގުޅޭ މަޝްވަރާތައް ސްވިޓްޒަލޭންޑުގައި ހުންނަ ހޮޓެލް ސްކޫލަކާއެކު ފަށާފައިވާކަން މިނިސްޓަރު ފައިސަލް ފާހަގަކުރެއްވިއެވެ. އަދި ހޮޓެލް ސްކޫލު ތަރައްގީކުރާނީ ވަކި ރަށެއްގައިކަމަށްވެސް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި ދިވެހިން މަދުވުުން އެކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ސަރުކާރުން ކުރާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މެނޭޖްމަންޓް ލެވަލްގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރާ ދުވަހެއް ދެކެން ބޭނުންވާކަމަށާއި އެކަން ހާސިލުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.