އޭނާ މިހެން ބުނީ، އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ރޭ ދިން ތަގްރީރުގައި އެވެ.
ނަތަންޔާހޫ ބުނީ ލުބުނާނާއި ގާޒާގެ ހަމާސް އާއި ދެކޮޅަށް ކުރާ ހަނގުރާމަ ނިންމާނީ މޮޅު ވުމުން ކަމަށާއި މި ހަނގުރާމައި ހަމާސް އަށް އެހީވާ ކޮންމެ ބަޔަކީ އިޒްރޭލުގެ ދުޝްމަނުން ކަމަށެވެ.
އީރާނުން ފޮނުވާފައިވާ "ޓެރަރިސްޓުންގެ އެޖެންޓުން" ގާޒާގައި އުޅޭ ކަމަށް އިޝާރާތް ކޮށް ނަތަންޔާހޫ ބުނީ ހަމާސް ނުވަތަ ހިޒްބުއްﷲގެ ވަކިތަކުން އިޒްރޭލު ސަލާމަތް ކުރަން އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި އިޒުރޭލަށް ގެލުން ދިނުމަށް ރާވާ ގައުމުތަކަށް ފާރަވެރިވުމަކީ ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ނަތަންޔާހޫ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އޮކްޓޫބަރު 7 އެއީ ހަމާސް އިން އިޒްރޭލުގައި ހިންގި "ގަތުލްއާންމު" އަށް އަހަރު ފުރޭ ދުވަހަށް ވާއިރު އެ ދުވަހު ހަމާސް ކުށްވެރި ނުކޮށް އަދި ހަމާސް އިން ރަހީނުކުރި މީހުންގެ ތެރެއިން ބާކީ ތިބި 101 މީހުން މިނިވަންކުރުމަށް ގޮވާނުލައި "އދ. އިން ނަށަނީ ފަލަސްތީނުގެ މިއުޒިކަށް" ކަމަށެވެ.
ހަނގުރާމައަށް މިހާރުވެސް ނިމުމެއް ގެނެވިދާނެ ގޮތެއް އެބައޮތް ކަމަށާއި، އެއީ ހަމާސްއިން ހަތިޔާރު ބަހައްޓައި އަމާންދީ ހުރިހާ ރަހީނުން މިނިވަންކުރުންކަމަށް ނަތަންޔާހޫ ބުންޏެވެ.
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާ އެކު، އދ. ގެ ގިނަ މެމްބަރު ގައުމުތަކުން ރޭ އާންމު މަޖިލިހުގެ ޖަލްސާ ދޫކޮށް، އެތަނުން ނުކުތުމުން އެކަމާއި ރުޅިގަދަވެ ހުރެ ނަތަންޔާހޫ ބުނީ އޭނާގެ ވާހަކަ އަޑުނާހާ ބޭރަށް ދިޔަ އެންމެންނަކީ "ފެއިލް" ވެފައިވާ ބައެއް ކަށެވެ.
އދގެ މެމްބަރު ގައުމުތަކުގެ ޑިޕްލޮމެޓުން ބޭރަށް ނުކުތީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.
ހިޒްބުﷲއާ ދެކޮޅަށް އިޒްރޭލުން ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ރޭ ވަނީ އަވަހާރަކޮށްލައިފަ އެވެ. އިޒްރޭލުން ބުނީ ބެއިރޫތުގައި ހުންނަ ހިޒްބުﷲގެ މައި މަރުކަޒަަށް ދިން ހަމަލާގައި ނަސްރުﷲގެ އިތުރުން އެހެން އިސް ބޭފުޅެއް ކަމަށްވާ އަލީ ކަރާކީ ވެސް އަވަހަރާވި ކަމަށެވެ.
މީގެ ދުވަސްތަކެއް ކުރިން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވެސް އިޒުރޭލުން ވަނީ އަވަހާރަކޮށްލައިފަ އެވެ. އޭނާ އަވަހާރަކޮށްލީ އީރާންގަައި ހުއްޓައި އިޒުރޭލުން ދިން ހަމަލާއެއްގަ އެވެ.
1982ވަނަ އަހަރު ހިޒްބުالله އުފެއްދި ދުވަހުން ފެށިގެން އީރާނުން ދަނީ އެ ޖަމާއަތަށް ވާގިވެރިވަމުންނެވެ. ހާމަންއީ ވިދާޅުވީ, ޔަހޫދީ ފައުޖުން ލުބްނާންގެ އާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނީ ވޮޝިންގޓަނުން އެ ކަމަށް ބާރުއަޅާތީ ކަމުގަ އެވެ. އަދި, މަސްރަހު އިތުރަށް ގޯސް ކުރަން ވޮޝިންގޓަނުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ހިޒްބުﷲ އަކީ މެދުއިރުމަތީގައި އީރާންގެ ބާރުވެރިކަން ދަމަހައްޓައިދޭ ޖަމާއަތެކެވެ. މި ޖަމާއަތުގެ ވެރިޔާ މަރާލުމަކީ އީރާނަށް ބިރު ބޮޑުވާނެ ކަމެކެވެ. މިކަމުގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފާނެކަމަށް އީރާނުން ވަނީ ބުނެފަ އެވެ.