ads
އިހްސާސް
އިހްސާސް - ދެ ވަނަ ބައި
އެޕިސޯޑް 2
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

ހާޒިރުވެތިއްބެވި އެންމެހާ އެކުވެރިންގެ ސަމާލުކަން މިވަގުތު އަޅުގަނޑު ބޭނުން.. ހުރިހާ ބޭފުޅުންނަށށް ވަރަށް އުފާވެރި ރޭގަނޑަށް އެދެމުން މި އުފާވެރި، 'ހާއްސަ' ހަފްލާއަށް ހުރިހައި ފަރާތްތަކަށް މަރުހަބާ ދަންނަވަން.. ދައުވަތު ގަބޫލުކުރައްވައި އަޅުގަނޑުގެ އުފަލުގައި ބައިވެރިވެ ވަޑައިގެންދެއްވީތީ އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.. މިހައި ކުއްލި ގޮތަކަށް މިކަހަލަ ހަފްލާއަކަށް ދައުވަތު ފޮނުވަންޖެހުނީތީ، އަޅުގަނޑަށް ވަރަށް ގިނަ ސުވާލު ކުރިމަތިވި..! އެކުވެރި ހުރިހައި ބޭފުޅުންނަށް ދަންނަވާލަން...!" ވާހަކަ މެދުކަނޑަލާފައި ހުރިހައި ހާޒިރީންނާއި ދިމާއަށް ބަލައިލީ ހިނިތުންވަމުންނެވެ.

"ފައިނަލީ...، ފައިނަލީ... އަޅުގަނޑުގެ ހުރި ހަމައެކަނި ދަރިފުޅު ޝިމާން، ކައިވެނި ކުރުމަށް ނިންމުމާއި ގުޅިގެން އެކަން އިއުލާންކޮށް، އެކަމުގެ އުފަލުގައި ބާއްވާ އުފާވެރި ހަފްލާއެއް މިއީ.. މި އުފާވެރި ވަގުތުގެ އިންތިޒާރުގައި ހުރެހުރެ ބޮލުގެ ކުލަ ހުދުވެފައި މިހުރީ.." ޝިމާންގެ ބައްޕަ މުހައްމަދު ޒައީމް އުފަލާއި އަދި ފަހުރުވެރިކަމާއެކު އޭނާގެ ލޯބިވާ ދަރިފުޅުގެ ކައިވެނީގެ ހަބަރު އެކުވެރި ވިޔަފާރިވެރިންނާއި އަދި ގާތްބޭފުޅުންނާއި ހިއްސާކުރެއްވި އެވެ. މުޅި ހޯލުތެރެ ގުގުމަމުން ދިޔައީ ތަހުނިޔާއާއި ހެޔޮއެދުމުގެ އަޑުތަކުންނެވެ. 

އުފަލުން ހިނިތުންވެފައި ސްޓޭޖުގެ އަރިމަތީގައި ޝިމާންހުރީ ކިއާރާގެ އަތުގައި ހިފަހައްޓައިގެންނެވެ. އިސްޖަހައިގެން ކިއާރާ ހުރީ ގުޑިލާންވެސް ނޭގިފަ އެވެ. ވަށައިގެން ހިނގަމުންމިދާ ކަންކަމުގައި އޭނާއަށް ކޮންޓްރޯލެއް ނެތެވެ. 

"އާދެ.. އާދެ.. އަޅުގަނޑުގެ ދަރިފުޅުވަނީ އޭނާގެ ދިރިއުޅުމަށް ބައިވެރިޔަކު އިހްތިޔާރުކޮށްފައި.. ބަގީޗާތަކުގައި ޝިމާންއަށްޓަކައި  ފޮޅިފައިވާ އެތައް މަލެއް، މުޅި ގުލްޝަނަށް ދޫކުރުމަށްފަހު ޝިމާން ބިނދެލީ ދުވަހަކުވެސް މޯޅިވުމެއް ނެތް ތާޒާކަމެއް...! އަޅުގަނޑުގެ ގާތް އަދި ހެޔޮއެދޭ ހުރިހައި ފަރާތްތަކަށް އަޅުގަނޑުގެ ދަރިފުޅުގެ ހޮވުން މިރޭ ތައާރަފްކޮށް އަރުވާނަން..! ޝިމާން.. ޕްލީޒް ކަމް.." އަތް ދިއްކޮށްލަމުން ބައްޕަ ކޮށްލި އިޝާރާތަށް ޝިމާން އިޖާބަދިނެވެ. 

ކިއާރާގެ އަތުގައި ހިފައިގެން ޝިމާން ސްޓޭޖަށްއެރި އެވެ. 

"ސޯ.. ފްރެންޑްސް..! މީޓް ކިއާރާ ނާސިހް.. މައި ވުޑް ބީ ޑޯޓަރ އިން ލޯ.." އަތްތިލަބަޑީގެ އަޑުން މުޅި ހޯލު ގުގުމާލި އެވެ. 

އަހާންގެ ކޯޓުގެ އެތެރެއަށް އަތް ލައްވާފައި ޖީބުގައި އޮތް ކުޑަފުޅިއެއް ނަގައި، އަތްފުރެންދެން އެއިން ބޭސްގުޅަތަކެއް އަޅާފައި އެންމެ ގާތުގައި ހުރި މޭޒުން ފެންތައްޓެއް ނެގި އެވެ. ހިނދުކޮޅަކު ވިސްނާން ހުރެފައި، އެހުރިހައި ބޭސްގުޅައެއް އެއްފަހަރުން ދިރުވާލި އެވެ. ކަރުގައި ބޭސްގުޅައެއް އަޅައިގަތްކަން ނުވަތަ ނޫންކަމެއް ނޭގެ އެވެ. ދެލޮލުން އޮހޮރިގަތް ކަރުނައަކީ ގަދަކަމުން ބޭސްތައް ދިރުވާލުމުގެ ސަބަބުން ލިބުނު ވޭނެއްކަން، ނުވަތަ އިވެމުންދިޔަ އަޑާއި ފެންނަމުންދިޔަ މަންޒަރުން ލިބުނު ޒަހަމެއްކަން އަހާންއަށް ފާހަގައެއް ނުކުރެވުނެވެ. ދެއަތް ތުރުތުރު އަޅާންފެށީ ހިދުކޮޅެއްގެ ތެރޭގަ އެވެ. އަމިއްލަ ނަފުސާއި މުހާތަބުކޮށް ވާހަކަ ދެއްކެންފެށީ، ހިނދުކޮޅަކަށް ނަމަވެސް އެތަނުގައި އަހާން ހުރުން މުހިއްމުކަން އަމިއްލައަށް ވިސްނޭތީ އެވެ.

'އަހާން އެވެ. ކެތްތެރިވާށެވެ. ހިތްވަރު ކުރާށެވެ. މިއީ ހަމައެކަނި އަހާންގެ އަމިއްލަ ނިންމުމެކެވެ. ހިތްގައިމު އުފާވެރި މުސްތަގުބަލެއް ކިއާރާއަށް ދިނުމަށް ވައުދުވީ އަހާން އެވެ. ކިއާރާގެ ކައިވެނި، އަހާން ބޭނުންވާ މީހަކާ ކުރުވުމަށް ނިންމީވެސް އަހާން އެވެ. ފެންނަމުން މިދަނީ އަހާންގެ އަމިއްލަ ނިންމުމުގެ ނަތީޖާ އެވެ. އެހެންކަމަށްވާއިރު، ހިތައް މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ މިވަނީ ކޮން އުނދަގޫތަކެއް ހެއްޔެވެ؟ ހާސްވެ، ނޭވާ ތާށިވަނީ ކީއްވެ ހެއްޔެވެ؟ ލޯކުރިމަތީގައި ހިނގަމުންމިދާ އެއްވެސް ކަމެއް މިއީ ރަގަޅުކަންކަން ކަމަށް ގަބޫލުނުކުރެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟' 

"ދާދި އަވަހަށް އަޅުގަނޑުގެ ދަރިފުޅުގެ އުފާވެރި ކައިވެނި ކުރެވިގެންދާނެ.. ވަލީމާއަށް ހުރިހައި އެކުވެރިންނަށް ދައުވަތު އެރުވުމަށް މިރޭ ވައުދުވަން.. ހުރިހާ ބޭފުޅުންގެ ހެޔޮ ދުއާ އަޅުގަނޑުގެ ދަރިފުޅަށް ލިބޭނެކަމަށް އުއްމީދުކުރަން.." އަތްތިލަބަޑީގެ އަޑުން މުޅިތަން ގުގުމާލި އެވެ.

އެވަގުތު ކިއާރާގެ ދެ ލޯ ހޯދަމުން ދިޔައީ އެންމެ މޫނެކެވެ. ނުހަނު އުނދަގުލުން ލޮލުގައި އަޅައިގަތީ މޭޒަކާއި ނިވާވެގެންހުރި ސޫރަ އެވެ. ހިނިއައިސްފައި ހުރީ ހަގީގީ އިހްސާސަކުންކަން ނުވަތަ އެއީ އެހެން މީހުންނަށް ދައްކާ ދަޅައެއްކަން ފާހަގަކުރާކަށް ނޭގުނެވެ. ހަގީގަތަކީ އެ ހިނިތުންވުމުގެ ހަގީގަތެއް އެނގޭކަށްވެސް ކިއާރާ މިރޭ ބޭނުމެއް ނޫނެވެ. 

ހިތާއި ސިކުނޑި ކިއާރާއަށް މަޖުބޫރުކުރަމުންދިޔައީ ވީއެންމެ އަވަހަކަށް އެ ހަފްލާއިން ނިކުތުމަށެވެ. މިނިވަންކަމާއެކު ރޯލެވޭނެ ކޮންމެވެސް ތަނަކަށްވަދެ ފިލާ އިނދެގެން ހިތްފުރެންދެން ރޯން ބޭނުމެވެ. ހިތް ބަރުވެ، މޭގައި ރިއްސަން ފަށައިފި އެވެ. އެކަނިވެރިކަން ކިއާރާ ވަށައިލައިފި އެވެ.

'އަހާން ހަމަ އެޗަށްވެސް ހިތައް ނާރަނީ ހެއްޔެވެ؟ އޭނާގެ މޭގައިވަނީ ހިތެއް ހެއްޔެވެ؟ ތިބާގެ އަނބިމީހާގެ އަތް އެހެން މީހެއްގެ އަތަށް ދޭން އެހެން އިންސާނަކަށް ކެތްވާނެ ހެއްޔެވެ؟ އަހާންގެ ހަށިގަނޑުގައިވަނީ ލެއާއި ކައްޓާއި މަހެއް ނޫން ހެއްޔެވެ؟ ނުވަތަ ސިކުނޑިއާއި ހިތެއްވެސް އެ ހަށިގަނޑުގައި ނެތީހެއްޔެވެ؟ ނޫނެކެވެ. އަހާންގެ އެއްވެސް ކުށެށް ނެތެވެ.. ކުއްވެރިއަކީ އަހަރެންނެވެ. އަމިއްލަ ހައިސިއްޔަތު އޮޅުނީ އެވެ. އަމިއްލަ މަގާމާއި ދިރިއުޅުމުގެ ދަރަޖަ އޮޅުނީ އެވެ. އަހަރެންނަކީ އަންބެއްކަމަށް އަހާން ދުވަހަކުވެސް ގަބޫލުކޮށްފައެއް ނެތެވެ. އަންބަކަށް ދޭންޖެހޭ ގަދަރެއް ދުވަހަކުވެސް އަހާންގެ ފަރާތުން ލިބޭނެކަމުގެ އިޝާރާތެއްވެސް ދީފައެއް ނެތެވެ.' 

"އިތުރު ސަޕްރައިސްއެއް އެބައޮތް..." ހުރިހައި ހާޒިރީންގެ ސަމާލުކަން ހޯދީ ޝިމާންގެ ބައްޕަ އެވެ. ހަމައެވަގުތު ޒުވާން ފުރައިގެ އަންހެންކުއްޖަކު ޓްރޭއެއް ހިފައިގެން ސްޓޭޖަށް އެރި އެވެ. ކުޑަކުޑަ ދެ ފޮށި އެ ޓްރޭތެރޭގައި ވި އެވެ. ކުއްލިޔަކަށް ފެނުނީ ދެ ފިރިހެނުން ސްޓޭޖަށް އެރިތަނެވެ. ވާނުވާ ނޭގުނީ ޝިމާންއަށެވެ. 

"އޯ ގޯޑް.. ޑޭޑް.. މީ ކޮންކަމެއް؟ ހައިރާންވެފައި ޝިމާން ސުވާލުކުރި އެވެ."

"ކެތްތެރިވޭ ޔަންގް މޭން..." ދިމާކޮށްލުމަށް، އެހެނަސް ލޯތްބާއެކު މުހައްމަދު ޒައީމް ބުންޏެވެ.

"ކައިވެނީގެ ކުރިން ރަންކިޔަންވާނެ ނޫންތޯ..!" ހާޒިރުވެ ތިއްބެވި އެކުވެރިންނާއި މުހާތަބްކޮށް ޒައީމް ބުނެލީ މަޖާވެފައި ހިނިތުންވަމުންނެވެ. 

ފަހަތައް ފިޔަވަޅެއް އަޅަމުން ކިއާރާއަށް ޖެހިލެވުނީ ދުރަށެވެ.

"ކިހިނެއްވީ ކިއާރާ..؟ ކޮބާ މައްސަލައަކީ..؟ މިއަދު ނޫނީ މާދަން، ނޫނީ ދާދި އަވަހަށް މިކަންކަން ފުރިހަމަކުރަންޖެހޭނެ ދޯ..! އެހެންވީމަ މިރޭ މިކަން ކުރިއަސް ކޮބާ މައްސަލައަކީ..؟" ޝިމާން ސުވާލުކޮށްލީ ކިއާރާއަށް އަންނަމުންދިޔަ ބަދަލު ފެންނާތީ އެވެ. ބައްޕަގެ ނިންމުން ޝިމާންއަށް ކަމުދިޔަ އެވެ.

"އަސްލު މައްސަލައަކީ..  އަދިވެސް .... ވަރީގެ ސެޓްފިކެޓް ކޯޓުން ނުނިމޭ.. އެހެންވީމައި.. މިކަން... އަދި.." މަޑުމަޑުން ކިއާރާ ބުނެލި އެވެ.

"އެކަމާ..؟ އެކަމާ ހާސްނުވޭ.. އަހަރެންގެ ލޯޔަރުން އެކަމުގައި އެބައުޅޭ.. ވަރަށް އަވަހަށް އެ ވެސް ލިބޭނެ.. އެއީ އެއްވެސް ކަމެއް ނޫން.." ޝިމާންގެ ޖުމުލައާއެކު ކިއާރާ ބަލައިލީ އަހާންހުރި ދިމާއަށެވެ. ނަމަވެސް އެތަނުގައި މިހާރު އަހާންއެއް ނެތެވެ. 

ލައިގެންހުރި ހުދުކުލައިގެ ސެޓިން ގައުންގައި ނުހަނު ބާރަށް ކިއާރާ ހިފެހެއްޓި އެވެ. އޭގެން ހިތްވަރެއް ލިބޭތޯ އެވެ. 

އެއާއެކު ދެ ހެކީންގެ ހާޒިރުގައި ރަންކިޔައި އެކަމާއިގުޅޭ ހުރިހައި ކަމެއް ވަގުތުށް ވަގުތަށް ނިންމައިފި އެވެ. ބުނާނެ އެއްޗެއް ނޭގި ގަނޑުވެފައި ބުދެއް ފަދައިން ކިއާރާ ހުރީ ހަދާނެ ނުހަދާނެ ގޮތެއް ނޭގިފަ އެވެ. ސުވިޗަށް ފިއްތާލީމާ ލަވަކިޔާ ބުދެއް ފަދައިން، ބުނި ކޮންމެ ގޮތެއް ހަދަމުންދިޔައީ ސްޓޭޖްކައިރިއަށް އެއްވެފައިތިބި އެތައް ބައެއްގެ ކުރިމަތީގައި އެންމެ ލަފްޒެއްވެސް ބުނެލުމުގެ ހިތްވަރެއް ނެތި އެވެ. 

"މިއަދު ނޫނީ މާދަންވިޔަސް މިކަންކަން ޖެހޭނީ ކުރާން ނޫންތޯ...! މިފަދަ ޅީ ދަރިފުޅަކު ލިބުމުން ލަސްކުރުމުގެ އެއްވެސް މާނައެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނޭ.." ފޯރީގައި ކުރިއަށްދާ ހަފްލާގެ ކާމިޔާބުގައި ޒައީމު ބުންޏެވެ.

އަހާންގެ މޫނުމައްޗަށް އިރުއިރުކޮޅުން އަނދިރިވާހެން ހީވެ އެވެ. މީގެ އެތައް އަހަރަކުން ފެށިގެން ޑިޕްރެޝަންއަށް ހައި ޑޯޒެއް އަހާން އަންނަނީ ނަގަމުންނެވެ. މިރޭ ކުރިފަދަ ކަމެއް މީގެކުރީން ދުވަހަކުވެސް އޭނާ ނުކުރެ އެވެ. ކިތަންމެ އުނދަގޫތަކެއްވިޔަސް، އަހާން ހިތްވަރުކުރި އެވެ.  

"މިއީ ދެކުދިން އެކަކު އަނެކެއްގެ ލޯބީގެ ރަމްޒީ ހަދިޔާއެއްގެ ގޮތުގައި ބަދަލުކުރުމަށް ބައްޕަގެ ކުޑަކުޑަ ހަދިޔާއެއް.." ޓްރޭގައިވާ ކުޑަ ދެ ފޮށި ދައްކައިލަމުން ޒައީމް ބުންޏެވެ. 

ޝިމާންގެ އަތަށް ކުޑަކުޑަ ފޮށި ނަގާފައި ހުޅުވާލިވަގުތު ކިއާރާގެ ދުލުން އާހެއްގެ އަޑު ބޭރުވި އެވެ. ފެންނާން އިން ޑައިމަންޑް ރިންގްގެ ވިދުމުން އޭނާއަށް އަސަރުކުރީއެއް ނޫނެވެ. ނަމަވެސް ވާންއުޅޭ ގޮތާއިމެދު ހިތް އެއްބައެއް ނުކުރެވުނެވެ. ހިންދިރުވާލަމުން ފަހަތަށް ފިޔަވަޅުއެޅުނީ އެހެންވެ އެވެ. 

ކުއްލިޔަކަށް މީހަކު ކިއާރާގެ އަތުގައި ހިފިހެން ހީވެގެން ބަލައިލި އެވެ. އެއީ އަހާން އެވެ. މިވަގުތު ސްޓޭޖްމަތީގައި އަހާން ކީއްކުރަނީ ހެއްޔެވެ؟ ކިއާރާގެ އަތުގައި ހިފަހައްޓާލައިގެން އަހާން އެހުރީ ކީއްވެފައި ހެއްޔެވެ؟ ޓްރޭގައި އިން ރިންގް ފޮށި އަހާން އަތުގައި އެ އޮތީ ކީއްވެ ހެއްޔެވެ؟

އަންހެން ކުއްޖާގެ އަތުގައި އޮތް ރިންގު ޝިމާންއަށް ދިއްކޮށްލި ވަގުތު، އަހާން ހިފަހައްޓައިގެން ހުރި ރިންގުފޮށިން ރިންގް ނަގާފައި ކިއާރާއަށް ދިއްކޮށްލި އެވެ. ކުއްލިޔަކަށް ހައިރާންކަމުން، ރުޅިވެރިކަމަށް މޫނު ބަދަލުވެ ރަތްކުލލަ މޫނުމަތީން ފާޅުވާން ފަށައިފި އެވެ. ކެކެމުންދިޔަ ލޭގެ އޮއިވަރުން ފިޔަވަޅުމަތީގައި ކިއާރާ ކޮޅަށް ހުންނާން އޭނާއަށް އުނދަގޫވި އެވެ. 

"ޝިމާން.. ކިއާރާގެ އަތުގައި ރިންގް އަޅުވަންވީ ވަގުތުމިއީ.." އަހާންގެ ޖުމުލަ ވިހަގަދަ ހަތިޔާރެއްގެ ގޮތުގައި ކިއާރާގެ ކަންފަތަށް ފޯރި އެވެ. 

ކިއާރާގެ އަތުގައި ލޯތްބާއެކު ހިފަހައްޓާލާފައި ޝިމާން އެ އަނގޮއްޓި ކިއާރާގެ އިނގިލީގައި އަޅުވާލި އެވެ. ހިފެހެއްޓުމެއް ނެތި ކިއާރާގެ ކޯތާފަތް ހުރަސްކޮށް ކަރުނަ އޮހޮރިގަތެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަން ފަށައިފި އެވެ. ފެންނަމުންދަނީ ބިރުވެރި ހުވަފެނެއްނަމަ ކިތަންމެހާވެސް ރަގަޅޭ ކިއާރާ ހިތައް އެރި އެވެ. އެކަމަކު މިއީ ހަގީގަތެވެ. ހަގީގަތުގައިވެސް މިކަން ވެއްޖެ އެވެ. އެހެން ފިރިހެނަކު ލައްވާ، ކިއާރާގެ އިނގިލީގައި އަނގޮއްޓި އެޅުވީ އަހާން އެވެ. 

އެއަށްވުރެން ނާތަހްޒީބު، ފިނޑި ފިރިހެނަކު މިދުނިޔޭގައި ވާނެބާއޭ ކިއާރާ ހިތައްއެރި އެވެ! މިރެއިން ފެށިގެން  މި އުޑުދަށުގައި ކިއާރާ އެންމެ ނަފުރަތުކުރާ، އެންމެ ރުޅިއަންނަ އިންސާނަކީ ހަމައެކަނި އަހާންކަމަށް ނިންމައިފި އެވެ. 

އެކަމަކު މިއީ ހަގީގަތުގައިވެސް ނަފްރަތު ހެއްޔެވެ؟ ނުވަތަ ހިތުގެ އެންމެ އަޑީގައި ކޮންޓްރޯލެއްނެތި އަނދަމުންދާ އަލިފާންގަނޑުގެ އާވި ހެއްޔެވެ؟ 

ޝިމާން ހިނިތުންވަމުން ކިއާރާގެ އަތުގައި ބޮސްދިނެވެ. 

"މިރެއިން ފެށިގެން ތިއީ އަހަރެންގެ ކިއާރާ..!" ކަންފަތާއި ގާތްވެލާފައި ޝިމާން ބުންޏެވެ. ލިބުނު ފުން ޒަހަމުގައި ކިއާރާގެ ދެ ލޯ މަރައި ތަގުޅިކޮށްލި އެވެ. 

"އަހަރުމެންގެ އާއިލާއަށް ވަރަށް މަރުހަބާ ދަރިފުޅާ ކިއާރާ.." ޝިމާންގެ ބައްޕަ ބުނެލި އެވެ.

އަހާންގެ އަތްތިލަބަޑީގެ އަޑު ކިއާރާގެ ކަންފަތާއި ހަމައަށް އައީ ހޮނު ގުގުރިއެއްގެ ގޮތުގަ އެވެ. 

"އެހެންވީމަ މިރެއިން ފެށިގެން 'އަހަރެންގެ' ކިއާރާއަށް ކުރިއަށްވުރެންވެސް ބޮޑަށް އަހާން އަޅައިލަނންވާނެ.. މި ދުނިޔޭގައި އަހާންއަށްވުރެން އަހަރެން އިތުބާރުކުރާ އެހެން އެއްވެސް މީހަކު ނުހުންނާނެ.. ކިއާރާއަށް އެންމެ ރައްކާތެރި މަންޒިލަކީ އަހާންގެ ހިޔާވަހި.. ދާދިއަވަހަށް އަހަރެންގެ މިލްކަކަށް ހަދާފައި އަހަރެންގެ ގެއަށް ކިއާރާ ގެންނާނަން.. ހިތުގެ އެންމެ އަޑިން އަހާންއަށް ޝުކުރު... އަހަންނަށް މިވަރުގެ ޖަވާހިރެއް މި ލިބުނީ ހަމައެކަނި އަހާންގެ ސަބަބުން.. ތޭންކްސް މޭން..!" އަހާންގެ ގައިގައި ބައްދާލަމުން ޝިމާން ބަލައިލީ ކިއާރާ އަށެވެ.

"ތިޔަ ދެމީހުންގެ އެކުވެރިކަމުން މިވަގުތަށް ބްރޭކްއެއް ނެގެން އޮތިއްޔާ.. އަހަރެން ގެއާއި ހަމައަށް ގެންގޮސްދީފާނަން..؟" ހިތްހަމަނުޖެހުމާއެކު ކިއާރާ ބުނެލި އެވެ. އެކަން ފާހަގަނުކުރެވުނީ ޝިމާންއަށެވެ.

"ހާދަ އަވަހަކަށް...؟ ކީއްވެ..؟" ޝިމާން ސުވާލުކޮށްލީ ދެބުމަ ގޮއްޖަހައިލަމުންނެވެ. 

"ބޮލުގައި ރިއްސާތީ...! އަރާމް ކޮށްލަން..!" ކިއާރާގެ ޖަވާބު ކުރެވެ.

"ވަޓް..! ދެން ލެޓްސް ގޯ ޓް ޑޮކްޓަރ.." ތެޅިގަތްފައި ޝިމާން ބުންޏެވެ.

"ނޫނޭ... މީއީ މާބޮޑުކަމެއް ނޫން.. މާބޮޑަށް ވަރުބަލިވީ.." ކިއާރާ އިސްޖަހައިލަމުން ބުންޏެވެ.

"އޯކޭ.. އޯކޭ.. ކަމް އައި ވިލް ޑްރޮޕް ޔޫ.." ޖީބުގައި ތަޅުދަނޑި އޮތް ތޯ ޔަގީންކުރަމުން ޝިމާން ބުންޏެވެ.

"އޯހ.. ޝިމާން...! އަހަރެންވެސް މިދަނީ ގެއަށް..! ކިއާރާ ގޮވައިގެން ދާނީ އަހަރެން..! ކޮންމެ ގޮތެއްވިޔަސް ދެމީހުން ދާނީ އެއް މަންޒިލަކަށް.. ޕާޓީގެ މެހެމާންދާރީ އަދާކުރަން ޝިމާން ބޭނުންވާނެ ދޯ.. ފަހަރަކު މީހަކު އިރުކޮޅަކުން ޝިމާން ހޯދަން ފަށާނެ.." ޝިމާންގެ ކޮނޑަށް އަތް ވައްޓާލަމުން އަހާން ބުނެލި އެވެ. 

"އޯކޭ ދެން..! ކިއާރާ.. ބާއި.. ސީ ޔޫ ސޫން ސްވީޓީ..! ކީޕް މިސިންގ މީ" އެއް ލޯ މަރައިލަމުން ޝިމާން ބުނެލީ ކިއާރާއާއި ދިމާއަށް ގުދުވެލާފަ އެވެ. ލުއި ގޮތަކަށް ހިނިތުންވަމުން ކިއާރާ ފަސްއެނބުރިއްޖެ އެވެ. 

..............

އަހާންގޮސް ކާރުގެ ޑްރައިވަރ ސީޓްގައި އިށީނެވެ. ކިއާރާ އިށީނީ އެއާއި ޖެހިގެން ޕަސެންޖަރ ސީޓްގަ އެވެ. ވިހި މިނެޓްގެ ދަތުރުގައި ދެމީހުންކުރެ އެކަކުވެސް ބަހެއް ނުބުނެ އެވެ. ކާރުތެރޭގައިވަނީ ހިމޭންކަމެވެ. ނަމަވެސް ދެހިތުގައި އެތައް ވާހަކައެއް ވި އެވެ. ޝަކުވާއިން ދެ ހިތް ފުރިފަ އެވެ. ފަށާނެ ގޮތެއް ނުވަތަ އެ އިހްސާސްތައް ހިއްސާކުރާނެ ފޯމިއުލާއެއް ދެމީހުންނާވެސް ރުޅި އެވެ. 

ގޭގެ ދޮރުމައްޗަށް ކާރު ހުއްޓާލުމާއެކު ކާރުން ފައިބައިގެން ކިއާރާ ދުއްވައިގަތީ އެތެރެއަށެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް