ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޗައިނާއާއެކު އޮތް ޒަމާންވީ ގުޅުން ބިނާވެފައި އޮތީ އިހުތިރާމާއި އިތުބާރާއި އެއް ބަޔަކު އަނެއް ބައެއްގެ ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމުގެ މައްޗަށް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އެގޮތުން ރާއްޖެ މިހާތަނަށް ކުރިމަތިލި އެންމެ ބޮޑު ކާރިސާކަމަށްވާ ސުނާމީ ކާރިސާގައި ޗައިނާއިން ދިވެހިރާއްޖެއަށް އެހީވުމުގައި ދައްކާފައިވަނީ ލާމަސީލު ނަމޫނާއެއްކަމަށް ވިދާޅުވި އެވެ. އަދި ސުނާމިގައި ލިބުނު ގެއްލުންތައް އާރާސްތުކުރުމަށް ގެދޮރު ބިނާކުރުމާއި ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޗައިނާއިން ފޯރުކޮށްދިން އެހީވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުން ކަމަށާއި، ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަން އަދި މި ނޫންވެސް ގިނަ އުމްރާނީ މަޝްރޫއުތަކަކީ މި ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި މުސްތަގުބަލުގައި ދެ ގައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުސަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ ދުނިޔޭގެ އިގުތިސޯދުގައި ބާރުވެރި ގައުމެއްގެ ގޮތުގައި ޗައިނާ ހިމެނިގެންދިޔައީ، ގައުމުގެ ތަރައްގީ ޒަމާނާ ހަމަހަމަކުރުމަށް އަހައްމިއްޔަތުކަން ދީގެން ވިލުންތެރިކަން ހާސިލްކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ސަބަބުން ކަމަށްވެސް ވިދާޅުވެފަ އެވެ.
ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެންނެވެ.
ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތް ޗައިނާ އިން މިހާތަނަށް ވަރަށް ގިނަ ބޮޑެތި މަޝްރޫއުތަކުގައި އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އޭގެތެރޭގައި ސިނަމާލެ ބްރިޖާއި ފްލެޓްތައް އިމާރާތްކުރުމާއި ބައެއް ރަށްރަށުގައި މަގު ހެދުން ފަދަ ޕްރޮޖެކްޓްތައް ހިމެނެ އެވެ.