ބީއެމްއެލްގެ މުވައްޒަފަކު އެ ބޭންކު ކަސްޓަމަރުންތަކެއްގެ އެކައުންޓްތަކުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި އެކުންފުނީގެ މުވައްޒަފަކު ޖަލަށްލުމަށް ކްރިމިނަލްކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ބީއެމްއެލުން ބުނީ މި މުވައްޒަފު ކަސްޓަމަރުންގެ އެކައުންޓުން ވައްކަން ކުރިކަން ބޭންކަށްް ފާހަގަވުމުން ވަގުތުން އެ މައްސަލަ ބަލާ ފިޔަވަޅު އެޅިކަމަށެވެ. އެގޮތުން އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނެގިކަން އެންގުމުން އޭނާ ބޭންކުގެ ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. އަދި އެ މައްސަަލަ ފުލުހުންނަށް ހުށައަޅާ ތަހުގީގުކުރުމަށް އެދުނުކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
ބޭންކުން ބުނީ އެތަނުގެ މުވައްޒަފެއްގެ އިހްމާލުން ކަސްޓަމަރުންގެ އެކައުންޓްތަކުން ގެއްލުނި ފައިސާ އެ ކަސްޓަމަރުންގެ އެކައުންޓްތަަކަށް ޖަމާކޮށްދިންކަމަށްވެސް ބޭންކުން ބުނެއެވެ.
ބީއެމްއެލުން ބުނީ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ބޭންކުގެ ގަވައިދުތަކާއި އުސޫލުތައް ހަރުދަނާކޮށް، އިންޓާނަލް ކޮންޓްރޯލްތައް ބޭންކުގައި ގާއިމްކޮށްފައިވާކަމަށެވެ.
މުވައްޒަފެއްގެ އިހުމާލުން ނުވަތަ ގަވާއިދާ ހިލާފަށް ކުރާ އަމަލަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ވެސް ބީއެމްއެލުން ވަނީ ދީފަ އެވެ.