ޕީޖީ މަގާމާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި އައްބާސް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގައި ތަނާޒުލްވާން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.
ޔާމީންގެ ޖިނާއީ ދެ މައްސަލައެއް ކޯޓުގައި ހިނގަމުން އެބަދެ އެވެ. އެއީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައަކާއި ކްރިމިނަލް ކޯޓުގައި އޮތް ދެ މައްސަލައެވެ. ވ. އާރަށާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކެއް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރެ އެވެ. އާރަށުގެ މައްސަލައެއް ސުޕްރީމް ކޯޓުގައިވެސް އެބައޮތެވެ.
ދާދި ފަހުން ޕީޖީގެ މަގާމަށް އައްޔަން ކުރެއްވި އައްބާސް ޝަރީފަކީ ރިޔާސީ އިންތިހާބު ބާތިލްކުރަން ޔާމީންގެ ފަރާތްޕުޅުން 2018 ވަނަ އަހަރު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ.
އައްބާސް ވިދާޅުވީ، ޕާޓީތަކުގެ ވަކީލުންގެ ޓީމުގައި އޭނާ ކުރިން މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި ނަމަވެސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހަނދާނެއް މިވަގުތު ނެތް ކަމަށެވެ. އެގޮތަށް މަސައްކަތް ކުރެއްވިފައިވާ ނަމަ ޔާމީންގެ މައްސަލާގައި ޕީޖީ އޮފީހުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން ތަނާޒުލްވެވަޑައިގަންނަވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވިގޮތުގައި ވަކީލުން މައްސަލަތަކުން ތަނާޒުލްވާންޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލެއް ޕީޖީ އޮފީހުގައި އޮންނާނެ ކަމަށެވެ. ޔާމީންގެ މައްސަލާގައި އެއްވެސް ކަމެއް ނިންމުމުގައި މިހާތަނަށް އޭނާ ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް އައްބާސް ވިދާޅުވި އެވެ.