ads
ރައީސް ޑރ، މުއިއްޒު
އިޒްރޭލުން ލުބްނާނަށް ދޭ ހަމަލާތައް ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި
ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން ލުބުނާނަށް ދެމުން އަންނަ ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ކުށްވެރި ކުރައްވައިފި އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ އިސްރާއީލުން ޣާއްޒާއާއި ލުބްނާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިސްރާއީލުން ލުބްނާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެދޮރު ދޫކޮށް ދާންޖެހިފައިވާކަމަށެވެ. އަދި އިސްރާއީލުގެ މި އަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިސްރާއީލުގެ އަމަލުތަކަކީ އިންސާނީ ހައްގުތަކާބެހޭ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއްކަމަށެވެ. އަދި އިސްރާއީލުން ޣާއްޒާއާއި ލުބްނާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ބައިނަލްއަގުވާމީ މުޖްތަމައުން ހުއްޓުވައި، އެކަމަށް ޖަވާބުދާރީކުރުވަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލެއްވި އެވެ.

އިޒްރޭލުގެ ހަމަލާތައް އަންނަނީ މުޅި ލުބުނާންގެ އެކި ސަރަހައްދުތަކަށް މެދުނުކެނޑި އަމާޒުކުރަމުންނެވެ. އެންމެ ފަހުން ވެރިރަށުގެ އެތެރެއަށް ވެސް ހަމަލާތައް ދޭން ފެށުމުން މުޅި ލުބުނާނަށް ވަނީ ހަނގުރާމައިގެ ބިރުވެރިކަން ފެތުރިފަ އެވެ. 

ލުބުނާންގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭ އިޒްރޭލުން އެ ގައުމަށް ދިން ހަމަލާތަކުގައި 200 މީހަކު ވަނީ މަރާލައިފަ އެވެ. އަދި 453 މީހަކު ޒަހަމްވެފައިވެ އެވެ. ލުބުނާންގެ ސަރުކާރުން ބުނީ އިޒްރޭލުގެ ހަމަލާތައް އަމާޒުވަމުން ދަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ކަމަށެވެ. އަދި މިއީ އިޒްރޭލުން ހިންގާ ގަތުލުއާންމެއްގެ ގޮތުގައި ވެސް އެގައުމުގެ ސަރުކާރުން ވަނީ ހަމަލާތައް ސިފަކޮށްފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ލުބުނާނުން މަރުވި މީހުންގެ އަދަދު 1،200 އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 8،000 އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ބިރުން ގެދޮރު ދޫކޮށް ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު މިލިއަނަކާ ގާތްކުރާނެ ކަމަށް އެ ގައުމުގެ ވަގުތީ ބޮޑު ވަޒީރު ވަނީ އިއްޔެ ވިދާޅުވެފަ އެވެ. ލުބްނާނުން 100،000 އަށް ވުރެ ގިނަ މީހުން ވަނީ އެގައުމު ދޫކޮށް ސީރިޔާ އަށް ވެސް ގޮސްފަ އެވެ. 

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިޒްރޭލުން ބެއިރޫތުގެ ރަށް ބޭރަށް ދިން ހަމަލާތަކެއްގައި ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ އަވަހާރަކޮށްލައިފަ އެވެ. އެކަމާ ގުޅިގެން އީރާން ހިމެނޭ ގޮތުން މެދުއިރުމަތީގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ. ހިޒްބުﷲ އާއި އިރާނުން ވެސް ވަނީ އެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް