އަލްޖަޒީރާ ބުނާގޮތުން އީރާނުގެ ހަމަލާތައް އިސްރާއީލަށް އެރީ ކުއްލިއަކަށެވެ. މިކަމުން އިސްރާއީލަށްވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ. މިއާއެކު އިސްރާއީލުގެ ހަރުކަށި ލީޑަރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ވަޒީރުންވަނީ ބިމުއަޑީގައިވާ ބިންގަރާސްތަކަށް ގެންގޮސްފަ އެވެ.
180 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލް ފޮނުވި އިރު، ވައިގެ ތެރޭގައި ގޮއްވައިލި މިސައިލުތަކުގެ ބައިތައް ތަލްއަވީވަށް ވެއްޓުމުގެ ސަބަބުން ދެމީހަކަށް އަނިޔާވެފައިވާކަމަށް އިސްރާއީލުގެ އެމަޖެންސީ ސާވިސްއިން ރިޕޯޓުކުރި އެވެ. އެހެން ސަރަހައްދުތަކުގައިވެސް ބައެއް މީހުންނަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިސްރާއީލު ބުނާގޮތުން އީރާނުގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އެތަށް މިލިޔަންބަޔަކު ވަނީ ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދާފަ އެވެ. އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާން ޑެނިއަލް ހަގޭރީ ބުނީ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން އީރާނުގެ ގިނަ މިސައިލުތައް ވައްޓައިލި ކަމަށެވެ. އަދި އުތުރު އަދި މެދު ތެރޭ އިސްރާއިލަށް މަދު މިސައިލުތަކެއް އަރާފައިވާކަމަށް އޭނާ ބުންޏެވެ.
އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓުކުރި ގޮތުގައި ފޮނުވައިލި ބައެއް ބެލިސްޓިކް މިސައިލުތަކުގެ އަމާޒުފަތްގަނޑަކީ އިސްރާއީލުގެ ޓޭންކުތަކެވެ. އެއީ ގާޒާގެ ދެކުނާއި އުތުރު ވަކިކުރުމަށް އިސްރާއީލުން ގާއިމުކުރި ނެޓްޒަރިމް ކޮރިޑޯގައި ހުރި ޓޭންކުތަކެކެވެ.
އިރާނުގެ އަސްކަރިއްޔާ އިން ބުނީ މި ހަމަލާއަކީ އީރާންގެ މަދަދު ލިބޭ، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އާއި ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމުގެ ބަދަލުގައި ދިން ހަމަލާއެއް ކަމަށެވެ.
އިރާނުން ދިން ވައިގެ ހަމަލާތަކުގެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ދީފަ އެވެ.
އެކަމަކު، އިޒްރޭލުން އެއްވެސް ރައްދެއް ދީފިނަމަ، އިޒްރޭލު ސުންނާފަތި ވާ ފަދަ ހަމަލާތައް ރޭވިފައިވާ ކަމުގެ އިންޒާރު އިރާނުގެ އަސްކަރިއްޔާ އިން ވެސް ވަނީ ދީފަ އެވެ.
އީރާނަކީ އަޑަށްވުރެ 9ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލް ވެސް އުފައްދާ ގައުމެކެވެ. މިއީ ރާޑަރަށް ނާރާ އަދި ދިފާއީ ނިޒާމުތަކަށް ހުރަސްނޭޅޭ ބާރުގަދަ މިސައިލެކެވެ.