ސިވިލް އޭވިއޭޝަން އޮތޯރިޓީ ބުނީ މަދަނީ ބޭނުންތަކަށް ޑްރޯން އޮޕަރޭޓް ކުރުމާބެހޭ ގޮތުން އެކުލަވާލާ ގަވާއިދުތަކަށް އާންމުންނަށް ހިޔާލި ހުށައެޅުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 15ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި، އަމިއްލަ ފަރުދުންނަށް ވެސް މަޝްވަރާއާއި ހިޔާލު ހުށަހެޅޭނެކަމަސް ސީއޭއޭއިން ބުނެއެވެ. އަދި އެފަރާތްތަކުން ރާއްޖޭގެ ގަވާއިދުތަކުގައި ހިމަނަން ބޭނުންވާ ހަމަތައް ސަބަބުތަކާއެކު ހުށަހެޅޭނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ސީއޭއޭއިން ބުނީ މި ގަވައިދި ހަދަނީ ޑްރޯންއާ ބެހޭ ޔޫރަޕުގެ މަދަނީ ގަވާއިދުތައް އަސްލަކަށް ބަލައިގެންކަމަށެވެ. އަދި މި ގަވައިދު އެކުލަވާލުމުގެ މަގުސަދަކީ ސަލާމަތާއި، އަމާންކަން އަދި ޒާތީ މަސްލަހަތަށް ފުށުނާރާނެ ގޮތަށް ޑްރޯން ދުއްވުމުގެ ފުރުސަތު ހުޅުވައިލުންކަމަށްވެސް އެ އިދާރާއިން ބުނެއެވެ. މީގެއިތުރުން މުނިފޫހިފިލުވުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ޑްރޯން ދުއްވަން ބޭނުންވާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކުރުމަކީވެސް މި ގަވައިދު އެކުލަވާލުމުގެ މަގުސަދެއްކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ.
ސީއޭއޭގެ ވެބްސައިޓްގައި ވަނީ ޔޫރަޕްގެ މަދަނީ ޤަވައިދުތައް އަސްލަކަށް ބަލައިގެން އެލަވާލާފައިވާ "މަދަނީ މާހައުލުގައި ޑްރޯން ދުއްވުމާބެހޭ ގަވައިދުގެ" ގެ ޑްރާފްޓްތައް ހިމަނާފައެވެ.
ގަވައިދުގައި ޑްރޯން އޮޕަރޭޓުކުރުން ބެހިފައިވަނީ ކެޓަގަރީތައް
- އޯޕަން ކެޓަގަރީ
- ސްޕެސިފިކް ކެޓަގަރީ
- ސެޓިފައިޑް ކެޓަގަރީ
މި ގަވާއިދުގައިވާ ގޮތުން ޑްރޯން ދުއްވާ ފަރާތްތައް ރަޖިސްޓްރީކުރުމާއި ޑްރޯން ދުއްވާ ޕައިލެޓުންގެ ފެންވަރުވެސް ކަނޑައަޅާނެއެވެ. އޭގެ ބޭނުމަކީ ޑްރޯންގެ މައުލޫމާތާއި އެ ޑްރޯނަކަށް ދީފައިވާ ހުއްދަތަކުގެ މަޢުލޫމާތު ވީހާވެސް ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމުކުރުންކަމަށްވެސް އެ ގަވައިދުގައިވެއެވެ.