ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މަޝްރޫއު ނިމި މިވަގުތު ހިރިމަރަދޫގައި ކުރިއަށްދަނީ އިންސްޕެކްޓްކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ކަމުގައިވާ އިސްމާއީލް ހަމީދާއި އަލީ ސަލީމް ވަނީ އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް ޓީމާއެކު އިންސްޕެކްޓްކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށާފައި ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.
އެ މަޝްރޫއުގެ ދަށުން 8.06 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ވަނީ ބެހެއްޓިފަ އެވެ.
އޭގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެމްޑަބްލިއުއެސްސީން ވަނީ ހިރިމަރަދޫގައި 5.02 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 1.12 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިންގ ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމްކޮށްފަ އެވެ.
ހިރިމަރަދޫ ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ވެސް ފޯރުކޮށްދީފައިވާއިރު މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ވަނީ ފޯރުކޮށްދީފަ އެވެ.
ސަރުކާރުން އެމްޑަބްލިޔުއެސްސީ އާ ހަވާލްކޮށްގެން ހިންގާ އެ މަޝްރޫއުގެ އަގަކީ ޖުމްލަ 69140251 މިލިއަން ދިވެހި ރުފިޔާ އެވެ.