ފަލަސްތީނުގެ މި ހުށަހެޅުމަކީ މިދިޔަ މާޗު ހުށަހެޅި ހުށަހެޅުމެކެވެ. މާޗު މަހުގެ އެ ހުށަހެޅުންތައް، މެއި މަހު އޮތް ފީފާގެ ކޮންގްރެސްގައި މަޝްވަރާ ކުރެވުނު ނަމަވެސް އިޒްރޭލަށް ފިޔަވަޅު އަޅަން ފީފާ އޭރުވަނީ ފަސް ޖެހިފައެވެ. ފަލަސްތީނުން އެދިފައިވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އިޒްރޭލް ސަސްޕެންޑް ކުރާށެވެ. އެކަމާ ގުޅޭ ގަރާރު ތައިލެންޑްގައި އޮތް ކޮންގްރެސްއަށް ހުށަހެޅީ އޭއެފްސީގެ ތާއީދާ އެކުއެވެ.
އިޒްރޭލްގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރުމަށް އެދި ފަލަސްތީނުން ފީފާގައި އެދިފައިވަނީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން ގެންދާ ގަތުލު އާއްމުތަކާ ގުޅިގެންނެވެ. ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އިސްރާއީލުގެ ސަސްޕެންޑް ކުރުމަށް ފަލަސްތީނުން ހުށަހެޅި ގަރާރާ ގުޅިގެން އޭރު ދުނިޔޭގެ ފުޓްބޯޅައިގެ ގަވަނިން ބޮޑީގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ގާނޫނީ އެސެސްމަންޓަކަށް ފަހު ފީފާ ކައުންސިލުން ގޮތެއް ނިންމާނެ ކަމަށެވެ.
މިއަދު އޮންނަ ފީފާ ކައުންސިލްގެ ބައްދަލުވުމުގައި "74 ވަނަ ފީފާ ކޮންގްރެސްގައި ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހެޅި ހުށަހެޅުމެއް" އެޖެންޑާގައި ލިސްޓްކޮށްފައިވެއެވެ.
އިޒްރޭލް ސަސްޕެންޑް ކުރަން ފަލަސްތީނުން ގަރާރު ހުށަހެޅީ ހަ ގައުމެއްގެ އެންޑޯޒްމެންޓާއެކުއެވެ. މީގެ ކުރިން ފީފާއިން ވަނީ އެގައުމުތަކުގެސަރުކާރުތަކުގެ އަމަލުތަކާ ގުޅިގެން މެމްބަރު ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. 2022 ވަނަ އަހަރު ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން ރަޝިޔާގެ ޓީމުތައް ބައިނަލްއަގްވާމީ މުބާރާތްތަކުން ސަސްޕެންޑް ކުރިއެވެ.