ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ މިދިޔަ11 އަހަރަު ކޯޕަރޭޝަން ހިންގަމުން އައި ގެއްލުމުގައި ދަރަނިވެރިވެގެންކަމަށެވެ. އެގޮތުން އަހަރަކު 40 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަން ހިންގާފައިވަނީ އެތަން އުފެއްދި މަގްސަދާ އެއްގޮތަކަށް ނޫންކަނަށް ފާހަގަކުރައްވަމުން ޝަކީލް ވިދާޅުވީ އެ ކޯޕަރޭޝަން އުފެއްދީ ހެޔޮ އަގެއްގައި މީހުން ހައްޖަށް ގެންދިއުމާއެކު ހައްޖަށް ދިއުމަށް މީހުން ދައްކައިން ފައިސާއިން އާމްދަނީ ލިބޭނެ ގޮތްތައް މަގުފަހިކުރާގޮތަށްކަމަށެވެ. އެހެންނަމަވެސް ކޯޕަރޭޝަން ހިންގާފައިވަނީ ހައްޖު ގްރޫޕެެއް ހިންގާގޮތަށްކަމަށައި އެކަމުގެ ސަބަބުން ދަރަނިވެރިވެފައިވާކަމަށެވެ.
ޝަކީލް ވިދާޅުވީ ކޯޕަރޭޝަނުން މިހާރުވެސް މީހުން ހައްޖަށް ގެންދަނީ މީގެ 11 އަހަރު ކުރިން ކަނޑައަޅާފައިވާ އަގަށްކަމަށެވެ. އެހެންނަމަވެސް މިހާރު ސައުދީ ސަރުކާރުން ގިނަ ޓެކްސްތަކެއް ނަގާއިރު އެއާލައިން ޓިކެޓްގެ އަގާއި ހޮޓާތަކުގެ އަގުތައްވެސް ބޮޑުވެފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ބަރޯސާވެގެން ކޯޕަރޭޝަން ހިންގި ނަމަވެސް މިހާރުގެ ވިސްނުމަކީ އެއީ ނޫންކަމަށް ޝަކީލް ވިދާޅުވިއެވެ. އެހެންކަމުން އާމްދަނީ އިތުރުކުރަން މިހާރު މަސައްކަތްތަކެއް ފަށާފައިވާކަމަށާއި އެކަމުގެ ފައިދާ ކުންފުންނަށް ލިބި ހައްޖުގެ އަގު ހެޔޮކުރެވޭނެކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ ރިއަލްއެސްޓޭޓްް ވިޔަފާރީގެ ތެރެއަށް އެ ކުންފުނިން މަސައްކަތް ކުރާ ސަބަބަކީވެސް އެއީކަމަށެވެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ހައުސިން މަޝްރޫއެއް ހިންގަން ނިންމާ، އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ވަނީ ހަވާލުކޮށްފައެވެ.