ރޭ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ އިން 4-0 އިން ޕޮލިސް ކްލަބް ބަލިކޮށް، ފުރިހަމަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލިއިރު، ފަހު މެޗުތަކުން ނަތީޖާ ނެރެ ޕްރިޒަން ކްލަބާއި ދިރާގުވެސް ނޮކްއައުޓް ބުރުން ފުރުސަތު ހޯދިއެވެ. ދިރާގަކީ ސަޕްރައިޒިން ނަތީޖާ ނެރުނު ޓީމެކެވެ.
ގްރޫޕް ސީގައި އެސްޓީއޯ އިން ޕޮލިސް ބަލިކުރިއިރު، އެ ގްރޫޕްގެ އަނެއް މެޗުން، ކްލަބް އޭވިއޭޝަން ސެކިއުރިޓީ އަތުން ޕްރިޒަން މޮޅުވީ 6-3 އިންނެވެ. މި ގްރޫޕްގެ އެއް ވަނަ އެސްޓީއޯ ދިޔައީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި ޕްރިޒަންގެ ހަ ޕޮއިންޓް އޮތްއިރު، ތިން ވަނަ އަށް ދިޔަ ޕޮލިހަށް ތިން ޕޮއިންޓް ލިބުނެވެ. ފުލުގައި ނިންމި، އޭވިއޭޝަން ސެކިއުރީޓީ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ގްރޫޕް ޑީ ގައި ދިރާގުން ވަނީ 2-2 އިން ސްޓެލްކޯ އެއްވަރުކޮށްފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ކަސްޓަމްސް އަތުން އިމިގްރޭޝަން މޮޅުވިއެވެ. މި ގްރޫޕްގެ އެއް ވަނަ ސްޓެލްކޯ ދިޔައީ ހަތް ޕޮއިންޓާ އެކު އެވެ. ދިރާގުން ދެ ވަނަ ހޯދީ ފަސް ޕޮއިންޓާ އެކު އެވެ. ތިން ވަނަ ހޯދި އިމިގްރޭޝަން އަށް ތިން ޕޮއިންޓާ އެކު، ރަނގަޅު ލަނޑުގެ ފަރަގެއް އޮތުމުން، އެ ޓީމަށް، މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމޭ ގޮތަކުން، ގަދަ 16 އިން ފުރުސަތު ލިބިދާނެ އެވެ. ކަސްޓަމްސް ގްރޫޕްގެ ފުލަށް ދިޔައީ އެއް ޕޮއިންޓާ އެކު އެވެ.