ads
މުސްތަގްބަލްގެ ދިވެހި ލީގްގެ ސިފަތައް
ފޯރިގަދަ ލީގެއް އުފަން ކުރަން، މި ސިފަތައް ކޮންމެހެން މުހިންމު!
ފުޓްބޯޅައިގެ ކުރިމަގަށްޓަކައި ދިވެހި ފުޓްބޯޅަ ލީގު މާލޭ ބަންދުން ވީއްލަން ޖެހޭ!
މުސްތަގްބަލްގެ ޕްރެމިއަރ ދިވެހި ލީގަކީ ލާމަރުކަޒުކޮށް، ހޯމް އެންޑް އަވޭ އުސޫލަށް އިންތިޒާމްކުރާ މުބާރާތަކަށް ވާނެއެވެ. މަރުކަޒު ކޮށްގެން ގައުމީ ލީގެއް ހިންގިފައެއް ނުވެއެވެ.
Advertisement

ކާމިޔާބު ލީގްތަކަށް ބަލާލުމުން މިހަގީގަތް ސާފުވާނެއެވެ. މިސާލަކަށް މެލޭޝިއާ އާއި އިންޑިއާގެ ލީގަށް ބަލާލަމާތޯއެވެ. މެލޭޝިއާ އާއި އިންޑިއާގެ އެންމެ މަތީ ލީގަށް ކިޔަނީ "ސުޕަރ ލީގް" އެވެ. ދެ ލީގް ވެސް އޮންނަނީ ލާމަރުކަޒުކޮށްފައެވެ. ދެ ލީގް ގައިވެސް ކުޅެނީ އެގައުމުގެ ސިޓީ ތަކާ ސަރަހައްދުތަކަށް ނިސްބަތްވާ ކްލަބްތަކެވެ.

އިންގިރޭސި ޕްރެމިއަރ ލީގްގައި 20 ކްލަބް އޮތްނަމަވެސް، މެލޭޝިއާގެ ސުޕަރ ލީގްގައި އޮންނަނީ 16 ކްލަބެވެ. އިންޑިއާގެ ސުޕަރ ލީގްގައި އޮތީ 13 ކްލަބެވެ. ބެލުންތެރިން ޝައުގުވެރިކަން ގެއްލިފައިވާ ރާއްޖޭގެ ޕްރެމިއަރލީގްގައި އޮންނަނީ 8 ކްލަބެވެ. ލީގެއްގައި ކްލަބް ބައިވެރިކުރެވޭނެ އަދަދު ކަނަޑައެޅުމަކީ އިޖްތިމާއީ އަދި އިގްތިސާދީ ސައިންސެކެވެ. ލީގްތަކުގެ ޓީމް އަދަދަކީ ބެލުންތެރިންގެ "މާކެޓަށް" ބަލައިގެން ކަންޑައަޅާ އަދަދެކެވެ.

ދިވެހި ޕްރެމިއަރ ލީގް ކުޅެމުން އައިސްފައިވަނީ އެންމެ ޒޯންގެތެރޭގައި އޮތް އަވަށު ޓީމްތަކެއްގެ މެދުގައެވެ. މިއީ ގައުމީ ފުޓުބޯޅަ ލީގެއް ހިންގާ ގޮތެއް ނޫނެވެ. އެންމެ ޒޯނަކަށް ލީގް ހަނިކުރުމުން ވާދަވެރިކަން ގެއްލެއެވެ. ވާދަވެރިކަން ގެއްލުމުން ބެލުންތެރިންގެ ގެއްލެއެވެ.

ބެލުންތެރިންގެ ގެއްލުމުން ލީގްގެ އަގު ވެއްޓެވެ. އެހެންނަމަވެސް، ލާމަރުކަޒުކުރުމުން މިކަންކަން ބަދަލުވެއެވެ. ވާދަވެރިކަން އިތުރު ވެއެވެ. ބެލުންތެރިން ގިނަވެއެވެ. ލީގް ގެ އަގު އަރައެވެ. ސްޕޮންސަރުން ލިބެނީ އަގު އެރީމައެވެ. ވާދަވެރިކަން އިތިރުވެ ބެލުންތެރިން ގިނަވީމައެވެ.

އިޖްތިމާއީ އިންސާފު

ޕްރެމިއަރ ލީގް އެންމެ ޒޯނަކަށް މަރުކަޒުކޮށްގެން ރާއްޖޭގައި ކުރި 16 އަހަރުގެ ތަޖްރިބާ މިއޮތީ މިހާރު ފެންނާށެވެ. ލީގް ފޭލްވީއެވެ. އަދި އެސޯސިއޭޝަން ވެސް ފޭލްވީއެވެ. ދަނޑަށް ފެންޖަހާ މީހުނަށްވުރެ ސަޕޯޓަރުން މަދެވެ. މަރުކަޒުކުރުމުން ލީގް ފޭލްވާން ދިމާވި ހަމަ އެހާމެ މުހިންމު އެހެން ސަބަބެއް އޮވެއެވެ.

އެއީ އިޖްތިމާއީ އިންސާފުގެ އުސޫލް ނެތުމެވެ. އިޖްތިމާއީ އިންސާފުގެ އުސޫލަކީ އެހެން ޒޯންތަކަށްވެސް ހަމަހަމަ ފުރުސޮތު ދިނުމެވެ. އެހެންނޫންނަމަ ހަގީގީ ގައުމީ ލީގަކަށް ނުވާނެއެވެ. އަދި ދެމެހެއްޓެނިވި ލީގަކަށްވެސް ނުވާނެއެވެ.

ހޯމް އެންޑް އަވޭ ކުޅުން

ގައުމީ ލީގް ކުޅެނީ ހޯމްއެންޑް އަވޭ އުސޫލުންނެވެ. އެއީ ކޮންމެ ކްލަބެއް ކޮންމެ ކްލަބަކާ ދެފަހަރު ބައްދަލުކުރާގޮތަށެވެ. އެއްފަހަރު ބައްދަލުކުރަނީ އަމިއްލަ ސްޓޭޑިއަމްގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައެވެ. ދެވަނަ ފަހަރު ބައްދަލުކުރާނީ ވާދަވެރި ކްލަބްގެ ސްޓޭޑިއަމްގައެވެ. އިދިކޮޅު ސަޕޯޓަރުންގެ ކުރިމަތީގައި، އަވޭ މެޗެއްގެ ގޮތުގައެވެ.

ފުޓުބޯޅަވެސް ބަލާނީ ބެލުންތެރިން ގާތަށް ދިއުމުންނެވެ. ގައުމީ ފެންވަރުގެ ފުޓުބޯޅަ ބަލަން މާލެއަންނާނެ މީހަކުނުވީތާ ކްލަބެއްވެސް ދެން ނުވާނެއެވެ. ނާދެވޭނެތީއެވެ!   

ހޯމް އެންޑް އަވޭ އުސޫލަށް ލީގް ކުޅުމުން ވާދަވެރިކަން އެތަށް ގުނައެއް އިތުރުވެއެވެ. މާލޭގެ ދެޓީމަށްވުރެ ވާދަވެރިވާނެއެވެ. މިކަމަށް ހިތްވަރުދޭނީ އެސިޓީއެއްގެ އަދި ޒޯނެއްގެ ސަޕޯޓަރުންނެވެ. ރަށްވެހިންނެވެ!  ޒޯން ޗެމްޕިޔަނަކީ މުޅި ޒޯން ތަމްސީލް ކުރާ ކްލަބަކަށް ވާނެއެވެ.

ޓްރާންސްފަރ ވިންޑޯ

ޒޯން ޗެމްޕިޔަން ޕްރެމިއަރލީގަށް ކޮލިފައިވުމުން، އެޒޯނާއި، އެހެން ޒޯންތަކުގެ މޮޅު ކުޅުންތެރިން ޗެމްޕިޔަން ކްލަބަށް ޓްރާންސްފަރަ ވާނެއެވެ. ކުޅުންތެރިން ޓްރާންސަފަރ ވުމަށްޓަކާ "ޓްރާންސްފަރ ވިންޑޯ" އެއް ހުޅުވާލާނެއެވެ.

އެހެހެން ކްލަބަތަކުގައި ތިބި މޮޅު ކުޅުންތެރިން ޒޯން ޗެމްޕިޔަން ކްލަބަތަކަށް ޓްރާންސްފަރ ވުމުން، ހުރިހާ މޮޅެތި ކުޅުންތެރިން ލީގްގެ 8 ކްލަބަށް (ފްރެންޗައިޒް އަށް) ބެހިގެންދާނެއެވެ. އެއިރުން، މިހާރު މިއޮތް ގޮތަށް މުޅި ގައުމީ ޓީމް އޮންނާނީ އެންމެ ކްލަބަކަށް ޖަމާވެފައެއްނޫނެވެ. އަށް ޒޯންކްލަބަށް ބެހިފައެވެ. ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައެވެ. ވާދަވެރި ޓީމްތަކެއް އުފެދުމުގެ ފުރުސޮތު ބޮޑުވެފައެވެ.

ސްޕޯޓްސް މެނެޖްމަންޓްގެ އިލްމުވެރިން ދެކޭގޮތުގައި، ލާމަރުކަޒު، ހޯމް އެންޑް އަވޭ ލީގަށް ކޮލިފައިވާ ކްލަބްތަކަކީ މޮޅު ކުޅުންތެރިން "ފިލްޓަރ" ކޮށްދޭ ނުވަތަ ހޮވާލަދޭ ވަސީލަތަކެވެ. ފުޓުބޯޅަ މެނެޖްމަންޓް ޝަގާފަތުގައި މިފަދަ "އެކްސްކްލޫސިވް" ނުވަތަ "ޕްރެމިއަރ" ކްލަބަކީ "ފްރެންޗައިޒް" އެކެވެ. ފްރެންޗައިޒް އެއްގެ ގޮތުގައި ކްލަބެއް ޕެކެޖް ކުރުމުން، އެ ފްރެންޗައިޒް އަށް އެކަށީގެންވާ އަގެއް ލިބޭނެކަމަށް ބެލެވެއެވެ. އަދި އެފަދަ އަގަކީ އެކްލަބްގެ ކުޅުންތެރިންނާ ކޯޗިންގް ސްޓާފްގެ މުސާރަ ދެވޭ އަގަކަށް ވާންޖެހެއެވެ. އަދި މިއަގަށް ކްލަބް ނުވަތަ ފްރެންޗައިޒް، ސްޕޮންސަރުންނަށް "ވިއްކާލުމުގެ" ފުރުސޮތުވެސް ބޮޑުވެއެވެ.

ރަނަގަޅު މެނެޖްމެންޓް އޮތް، 1،000 ސީޓިންގް ކެޕޭސިޓީގެ ހޯމް ސްޓޭޑިއަމެއް ހުރި، މިފަދަ ކްލަބްތައް ޒޯންތަކުގައި އެބަހުއްޓެވެ. މިފެންވަރުގެ ކްލަބްތައް ހޯދުމަށް "ބިޑް" ހުޅުވާލުމަކީ އަލަށް ޕްރޮފެޝަނަލް ލީގްތައް އުފައްދާފައިވާ ގައުމުތަކުގައި އެކަން އާއްމުކޮށް ކޮށްފައިވާގޮތެވެ.   

ކްލަބް މެނެޖްމަންޓް

ލާމަރުކަޒު، ހޯމްއެންޑް އަވޭ ފުޓުބޯޅަ ކްލަބަކީ ހަރުދަނާ މެނެޖްމަންޓެއް އޮތް ކްލަބަކަށް ވާންޖެހޭނެއެވެ. އަދި ފުޓުބޯޅަ ޓީމެއް ހިންގުމުގެ ތަޖްރިބާ ހުރި ކްލަބަކަށްވެސް ވާންޖެހޭނެއެވެ. ޒޯން އާއި ގައުމީ ފެންވަރުގައި ނަތީޖާ ނެރެފައިވާ ކްލަބަކަށް ވާންވާނެއެވެ. މިޝަރުތުތައް ފުރިހަމަވާ ކްލަބްތައް ޒޯންތަކުގައި ވަޅުޖަހާ ގެއްލުމުގެ ކުރިން، މިކަމާ އުޅެވިއްޖެނަމަ، އެފަދަ ކްލަބްތައް ދިރުވިދާނެއެވެ. ޒޯން ކްލަބްތަކަށް ދިރުން ނުލިބި އޮތީ ވާދަކުރާނެ ހަމަހަމަ ނިޒާމެއް ނެތުމުންނެވެ. ވާދަކުރާނެ ގައުމީ ޕްލެޓްފޯމެއް ނެތުމުންނެވެ. ލާމަރުކަޒު، ހޯމްއެންޑްއަވޭ ދިވެހި ޕްރެމިއްރލީގަކީ މިފަދަ ޕްލެޓްފޯމެކެވެ.

މިސާލަކަށް އޭދަފުށި ނަންގަވާށެވެ. އޭދަފުއްޓަކީ ފުޓުބޯޅައަށް މަޝްހޫރު ރަށެކެވެ. ކްލަބަކީ ނަތީޖާ ހޯދާފައިވާ ކްލަބެކެވެ. އޭދަފުށީގައި އެހުރީ ރާއްޖޭގައި ނެތްވަރުގެ ސްޓޭޑިއަމްއެކެވެ. 1،000 ސީޓް ގެ ކެޕޭސިތޓީގެ ރީތި، ފުރިހަމަ ސްޓޭޑިއަމެކެވެ. އޭދަފުށީ ސްޓޭޑިއަމްއަކީ އެރަށަށް އުފަން ފައިސާވެރިއަކު ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ސްޑޭޑިއަމް އެކެވެ. 

މިއަދު އޭދަފުއްޓަކީ އިސްނަގާ މުބާރާތް ބާއްވާ ރަށެކެވެ. ފުޓުބޯޅަ މެޗްތަކާއި ޓީމްތައް "ހޯސްޓް" ކުރާ ޙާއްސަ ރަށެކެވެ. ޕްރެމިއަރލީގް ކްލަބްތަކާއި ގައުމީޓީމްތަކަށް އަބަދުވެސް ދައުވަތު ހުޅުވާލާފައި އޮންނަ ފުޓުބޯޅައިގެ ރަހްމަތްތެރިއެކެވެ. އޭދަފުއްޓަކީ ޒޯން ޗެމްޕިޔަނެއްގެ ހުރިހާ ސިފަތައް ފުރިހަމަ  ކްލަބެކެވެ. އާދެ! ޒޯން-3 ގެ މުސްތަގްބަލްގެ ޕްރެމިއަރ ލީގް ކްލަބެވެ.

your imageއޭދަފުށީ ސްޓޭޑިއަމް

ޒޯން ތައް

ރާއްޖޭގެ އުތުރުން ދެކުނަށް އެތުރިފައިހުރި ޒޯންތަކަށް ބަލާލުމުން ފާހަގަކުރެވޭނެ އެއްކަމަކީ، މާލެ ސިޓީ އަކީ ޒޯން-9 ކަމުގައި ހަމަޖައްސާފައިވާކަމެވެ. އަލްމަރުހޫމް މުހަންމަދު ޒާހިރު ނަސީރު، ޒޯން ތަކަށް ނަމްބަރު ދެއްވާފައިވަނީ އުތުރުން ދެކުނަށެވެ. އެއީ މާލޭގެ އުތުރަށް ހަތަރު ޒޯން، އަދި ދެކުނަށް ހަތަރު ޒޯން ވާގޮތަށެވެ. 1986 ވަނަ އަހަރު އެމަނިކުފާނުގެ ދުރުވިސްނުމުގައި

ފުޓުބޯޅަ ލާމަރުކަޒުކުރި ޒޯންތައް މިހާރު އެވަނީ 2008 ގައި ފީފާ ގެ ލަފާގެދަށުން އެކުލަވާލި ހިންގާގަވާއިދުގައި ހިމަނާފައެވެ.

ރާއްޖޭގެ ލީގްގައި ހިމަނަންޖެހޭ ކްލަބަގެ އަދަދަކީ އަށެކެވެ. މިއަދަދަކީ ފީފާއިން އެޕްރޫވްކޮށް، އެފްއޭއެމްގެ ކޮންގްރެސްއިން ފާސްކޮށްފައިވާ އަދަދެވެ. މައުނައަކީ އެއްވަނަ ޑިވިޒަނަށް ވާންވާނީ، ނުވަ ޒޯނުގެތެރެއިން ކޮލިފައިވާ އަށް ޒޯން ޗެމްޕިޔަން ކްލަބް ކަމެވެ.

your imageއެފްއޭއެމް ހިންގާގަވާއިދުގެ 10 ވަނަ މާއްދާގައި ބުނަނީ ރާއްޖޭގައި އޮންނަންވާނީ އެއްވަނަ ޑިވިޒަންގެ 8 ކްލަބާ ދެވަނަ ޑިވިޒަންގެ 12 ކްލަބަ ކަމަށެވެ. އަދި ރާއްޖެ ބަހާލެވިފައި އޮންނަންވާނީ 9 ޒޯނަށް ކަމަށެވެ. (އެފްއޭއެމް ސްޓެޓިއުޓްސް 7 މޭ 2016)

މާލޭގެ ކްލަބްތަކަކީ އެއްވަނަ ޑިވިޒަން ކްލަބްތައް ކަމުގައި ބެލެވުނީ "އޮޅުމަކުން´ނެވެ! މަޖުބޫރީ ހާލަތުގައި "ވަގުތީ ގޮތުން" ކަމުގައި އެއްބަސްވެވިގެނެވެ. މި ތާރީހީ އެކްސިޑެންޓަކީ ހެދުނު ބޮޑު ގޯހެއްކަމުގައި ނޫނީ ނުވާނެއެވެ.

ޒޯންތަކުގެ މުސްތަގްބަލް އުޖާލާ!

ޒޯން ތަކަށް ބަލާލުމުން ފެންނަނީ އުއްމީދުން ފުރިފައިވާ ކުޅުންތެރިން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުފެދިއްޖެކަމަވެ. ހިތާމަޔަކީ އެކުޅުންތެރިންގެ އުއްމީދު ހަގީގަތަކަށް ހަދަން މާލެއަންނަން މަޖުބޫރުވާ ކަމެވެ. މާލެ އައިސް ހުންނާނެ ގޮތެއް ހޯދާ، ކްލަބުން މުސާރަނުދެވޭނަމަ، ވަޒީފާއެއްވެސް ހޯދައިގެން ކުޅެން ވަގުތު ހުސްކުރެވޭތޯ ބެލުމެވެ. ކުޅުންތެރިން ނިކަމެތިވީ މާލެއަށް ލީގް ހަނިކުރީމައެވެ!

ޒޯން ތަކުގައި ސަރުކާރުން ސްޓޭޑިއަމް އަޅައިފިއެވެ. ބޮޑު ތިލަދުންމަތި (ހއ،ހދ) ވުވަތަ ޒޯން-1 ގައި ސްޓޭޑިއަމްވެސް އަދި ކްލަބް ވެސް އެބަހުއްޓެވެ. ނެތީ ގައުމީ ފެންވަރަށް ނިކުންނާނެ ފުރުސޮތެވެ. މިލަދުން މަޑުލު ސަރަހައްދަކީ (ށ،ނ) ޒޯން-2 ކަށްވާއިރު، އެޒޯންގެ ފޯކައިދޫ އަކީ ފުޓުބޯޅަ ރަށެކެވެ. މިވަގުތު 200 ސީޓްގެ ސްޓޭޑިއަމެއް އެބަހުއްޓެވެ. އެޒޯންގެ ފްރެންޗައިޒް ކާމިޔާބުކުރެވިއްޖެނަމަ ސީޓީންގް ކެޕޭސިޓީ އިތުރު ކުރެވިދާނެގޮތްތައް ފެންނާނެއެވެ. ނިލަންދެއަތޮޅު ސަރަހައްދަކީ ނ،ރ،ބ ހިމަނައިގެން ޒޯން-3 އަށްވީއިރު، އެސަރަހައްދުގައި އެއޮތީ އޭދަފުއްޓެވެ.

މެދު ރާއްޖެތެރެއަށް ނިސްބަތްވާ ޒޯން-4 ގޮތުގައި އެވަނީ ކ އަތޮޅާ އަރިއަތޮޅު އެއްކޮށްލާ ގްރޭޓަރމާލެ ވަކިކޮށްފައެވެ. މިސަދަހައްދުގައި އެކަށީގެންވާ ސްޓޭޑިއަމެއް އަދި ނެތްނަމަވެސް، ޖެހިގެން އޮތް ނިލަންދެއަތޮޅަށް ބުރަވާ ވ،މ،ފ،ދ އެކުލެވޭ ޒޯން-5، ނިލަންދޫގައި ސްޓޭޑިއަމެއް އެދަނީ އަޅަމުންނެވެ.

your imageނިލަންދޫގައި އިމާރާތްކުރަމުންދާ ސްޓޭޑިއަމް

ދެކުނަށް ބަލާލުމުން ހައްދުންމަތީ ހިމެނޭ ޒޯން-6 (ތ،ލ) ހައްދުންމަތީ ގަމުގައި ސްޓޭޑިއަމްއެބަހުއްޓެވެ. ކްލަބަތައްވެސް އެބައޮތެވެ. ޒޯން-7 ތިނަދޫގައި ބޮޑު ސްޑޭޑިއަމެއް އެބަހުއްޓެވެ. އަދި އިތުރު ދަނޑުތައްވެސް އެބަހުއްޓެވެ. ތިނަދޫ ސިޓީއަކީ ބޮޑު އާބާދީއެއް އެއްވާނެ ސިޓީއެކެވެ. ޒޯން-8 ގައި އޮތް ހިތަދޫ އަކީ އެހާމެބޮޑު އަދި މިވަގުތު މާލެ ނަގާ އެންމެ ބޮޑު ސީޓީންގް ކެޕޭސިޓީ ހުރި ސްޑޭޑިއަމްއެވެ. 5،000 ކެޕޭސިޓީގެ ސްޓޭޑިއަމެކެވެ. މި ސިޓީތަކުން މޮޅެތި ފުޓުބޯޅަ ޓީމްތައް ވަނީ މީގެކުރީން އުފައްދާފައެވެ. އަދި ގިނަފަހަރު މާލެއަށް ދަތުރުކޮށް ގައުމީ ފެންވަރުގައި އެތައް ކާމިޔާބުތަކެއް ހޯދާފައެވެ.

   

ސްޕޮންސަރުން

ލާމަރުކަޒު ދިވެހި ޕްރެމިއަރލީގެއް ގާއިމްކުރެވިއްޖެނަމަ ސްޕޮންސަރުން ލިބޭނެއެވެ. އެއީ، މިފަދަ ލީގަކީ، ސްޕޮންސަރުން ބޭނުންވާ ސިފަތައް ހުންނަ ލީގަކަށް ވާނެތީއެވެ. ލީގް ކުޅެން ތާވަލްކުރަނީ ކޮންމެ ހަފްތާ ބަންދެއްގެ ހުކުރުދުވަހު ހަވީރު 4.00 ޖަހާއިރުއެވެ. އެއްވަގުތަކާ، ދެ ޒޯންގައި ދެމެޗް ފަށާގޮތަށެވެ. މިދެމެޗްވެސް ލައިވް ޓީވީން މުޅިރާއްޖެއަށް ބްރޯޑްކާސްޓް ކޮށްދެވެން ޖެހެއެވެ. ޕީއެސް އެމް ގައި މިފެންވަރު ހުންނާނެއެވެ. އެއީ ލީގް ބްރޯޑްކާސްޓް ރައިޓްސްއިން އެކަށީގެންވާ އަގެއް ލިބޭނެތީއެވެ.

ރާއްޖޭގެ ލީގް ތާވަލްކުރަންޖެހެނީ ސެޕްޓެމްބަރުން އޭފްރިލް މަހުގެ ނިޔަލަށެވެ. ޖޫން ޖުލައިގެ ވިއްސާރަ މޫސުމަކީ އޯފްސީޒަނަށް ވާގޮތަށެވެ. މިއީ ހުޅަންގު މޫސުމުގެ ވިއްސާރައަށް ބަލާ ސަރަހައްދުގެ ލީގްތައްވެސް ތާވަލްކޮށްފައިވާގޮތެވެ.  

މިސާލަކަށް 2025 ން 20216 ށް ކުޅޭ ސީޒަންގެ ލީގް ސެޕްޓެމްބަރ އިން އޭޕްރިލްއަށް ކުޅޭއިރު، އޭއެފްސީ މުބާރާތްތަކަށް ހުސްކުރަންޖެހޭ ތާރީޙްތައް އެއްއަހަރުކުރިން އެނގެއެވެ. ވީމާ ރާއްޖޭގެ ލީގްސްކެޑިއުލް ފައިނަލައިޒްކުރަންޖެހޭނީ މިތާރީހްތަކަށް ޖާގަހުސްކުރުމަށް ފަހުއެވެ. ޕްރޮފެޝަނަލް ލީގެއް ހިންގާއިރު، އެއްވެސް ކަމެއް ފަހުވަގުތު ކުރާކަން އޮވެގެން ނުވާނެއެވެ. ދިވެހި ލީގްގެ "ފިކްސްޗަރ" އަކީ އެއްހަހަރު ކުރީން ކަންޑައަޅާ އިއުލާނުކޮށް، އިސްތިހާރުކުރަމުން ގެންދާ މެޗް ސްކެޑިއުލްއަކަށް ވާންޖެހޭނެއެވެ.

ދިވެހި ޕްރެމިއަރ ލީގްގެ ފިކްސްޗާސް އަކީ، ސޯޝަލް މީޑިއާ އާއި، ޓެލެވިޒަން އަދި އޮންލައިން ނޫސްތަކުގެއިތުރުން ހޮޓާތަކާ ރެސްޓޯރަންޓް ތަކުގައި ޑިޒައިނަރ ފެންވަރުގައި ޑިސްޕްލޭކުރެވޭ ފިކްސްޗަރއަކަށް ވާންޖެހޭނެއެވެ. މެޗްތަކުގެ ޓިކެޓަކީ އޮންލައިން ކޮށް ލިބޭ އެއްޗަކަށް ވާންޖެހޭނެއެވެ. ނޫސްތަކުގެ ސްޕޯޓްސް ޕޭޖްގެ ހެޑްލައިން ހޯދާނެއެވެ. މެޗްތަކަށް ސަޕޯޓަރުން ދަތުރުކުރުމަށް އާރުޓީއެލް އެބައޮތެވެ.

ކުރިއަށް ވިސްނުން

your imageރ.އަލިފުށި ޕްރެޒިޑެންޓްސް ކަޕަށް ތައްޔާރުވެފައި

އަލަށް އެކުލަވާލެވޭ ޒޯންޗެމްޕިޔަނުންގެ ދިވެހި ޕްރެމިއަރލީގަކީ މުޅި ރާއްޖެ ޝާމިލްވާ ލީގަކަށް ވާނެއެވެ. ހަފްތާ ބަންދުގެ ހުކުރުދުވަހު ހަވީރު ހަތަރުގަޑި ސުންމިނިޓްގައި ދެސަރަހައްދުގައި، ލައިވް ޓީވީ އާއި އެކު، އެއްވަގުތަކާ ދެ މެޗް ކިކްއޯފް ކުރާނެއެވެ. ކޮންމެ ދެ ހަފްތާބަންދުގެތެރޭ އަށް (8) މެޗްކުޅޭއިރު، ކޮންމެ ޓީމެއް އޮންނާނީ އެއް މެޗް ކުޅެފައެވެ. އެހިސާބުން ޕޮއިންޓް ޓޭބްލް "ލައިވް" ވީއެވެ. ލީގްގެ ރޭންކިންގް ފެށުނީއެވެ! އެވަގުތެއްގާ އެންމެކުރީ އޮތީ ކޮންޒޯނެއްތޯ، ކޮން ސިޓީއެއްތޯ ބަލާލަން ބޭނުންވާ ސަޕޯޓަރުން ދާނީ ގިނަވަމުންނެވެ. ދެ މެޗްވެސް ލައިވް ކުރުމުން ބެލުންތެރިން ދާނީ ގިނަވަމުންނެވެ.

މުސްތަގްބަލްގެ ދިވެހި ޕްރެމިއަރ ލީގް ފެށުމުގެ ކުރީން ލީގް މަންޒަރުކޮށް ތަފްސީލް ކުރުމަށް ބޭނުންވަނީ މޯލްޑިވްސް ފުޓްބޯލް ކޮންފަރެންސެކެވެ. މިފަދަ ކޮންފަރެންސްއެއްގައި ކްލަބަތަކާއި އެފްއޭއެމްއާއި ސަރުކާރުން ބައިވެރިވާއިރު، މިއަދު އެންމެ އިސްކަންދޭންޖެހޭނީ ފުޓުބޯޅަ ކްލަބް ގަތުމުގެ ޝައުގުވެރިކަން ހުރި ވިޔަފާރިވެރީންނަށެވެ.

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. 

ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް