ads
ވެރިން ވަކި ކުރުން ސީދާ ރައްޔިތުންނަށް- ގެންނަން ޖެހޭ މުހިންމު ބަދަލަކަށް ވެއްޖެ!
ދުވަހަކީ 15 ނޮވެމްބަރ 2021 ވަނަ ދުވަހެވެ. ތަނަކީ ރައްޔިތުންގެ މަޖިލިސް އިދާރާގެ އެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ކުރިއަށް ދިޔައީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް "ބަޖެޓެއް" ބޭނުންވާ ކަމުގެ ބަހުސެވެ. ބޭނުމަކީ ރާއްްޖޭގައި ވެރިކަމުގެ ނިޒާމު ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހިދާނެ ކަމަށް ބަލައި، މީހުން ހޭލުންތެރިކުރަން ޖެހޭ ކަމަށް އީސީން ގަބޫލުކުރުމެވެ.
Advertisement

މި ދެންނެވި ދުވަހުގެ ހަވީރު ބޭއްވި ބައްދަލުވުމުގައި އީސީ ތަމްސީލު ކުރައްވަމުން ދިޔައީ ކޮމިޝަންގެ އެއިރުގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެވެ. އެނާ ވިދާޅުވީ، އިންްތިހާބުތަކާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރަން ހޭދަކުރާނެ އެއްވެސް ފައިސާއެއް އީސީ އަށް ދޭ ބަޖެޓްގައި ނުހުންނަ ކަމަށެވެ. ނަމަވެސް އިންތިހާބުތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަން އީސީން ރާވާ ކަމަށެވެ. މިފަދަ ޕްރޮގްރާމްތަކަށް ގިނަ ރުފިޔާ ބޭނުންވާ ކަމަށް ހަބީބް ވިދާޅުވި އެވެ. އަދި ހަބީބު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގެ ކުރިން އިތުރު އިންތިހާބެއް އަތުވެދާނެ ކަމަށެވެ. 

ރިޔާސީ އިންތިހާބުގެ ކުރިން އިންތިހާބެއް ބާއްވަން ޖެހިދާނެ ކަމަށް ހަބީބު ވިދާޅުވުމުން އެއީ ކޮން އިންތިހާބެއްތޯ 19 ވަނަ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އެދުވަހު ހަބީބު އާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ހަބީބު ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅޭ ހަބަރުތައް އަންނަ ގޮތުން، ނިޒާމީ ވޯޓެއް ވެސް އަތުވެދާނެ ކަމަށެވެ.

"ނޫސްތަކުގެ ހަބަރުތަކަށް ބަލާއިރު، ނިޒާމީ ވޯޓެއްގެ ވާހަކަ ވަރަށް ގިނައިން ނޫސްތަކުގައި އޮވޭ. އެހެންވީމާ، މީގެ ކުރީގައި 2007 ވަނަ އަަހަރު ވެސް ނިޒާމީ ވޯޓެއް ނެގުނު އިރު ހަގީގަތުގައި ރައްޔިތުންގެ އާއްމު ހޭލުންތެރިކަން، އިތުރު ވާން ޖެހޭ އެންމެ ފުޅާ ދާއިރާގައި އިތުރުވެފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ހަބީބު ވިދާޅުވިގޮތުގައި 2007 ގައި ވެރިކަމުގެ ނިޒާމު ކަނޑައެޅި އިރު އޭރުގެ އިލެކްޝަންސް ،ކޮމިޝަނުން އެކަމާ ބެހޭ މައުލޫމާތު ރަނގަޅަށް ދީފައެއް ނުވެ އެވެ. އެކަމަކު މިހާރު އެފަދަ އިންތިހާބެއް ބާއްވާ ނަމަ ފުރިހަަމަ އަށް މައުލޫމާތު ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭނާގެ އެ ވާހަކަ އަށް ނުރުހުން ފާޅުކުރައްވަމުން މެމްބަރު ޔައުގޫބް ވިދާޅުވީ، ނިޒާމު ކަނޑައެޅުމުގެ ރިފަރެންޑަމް ބާއްވަން ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި ދައުލަތުގެ އިދާރާއަކުން ނިންމާފައި ނުވާ ކަމަށެވެ. ބަޔަކު ދައްކާހާ ވާހަކައަކަށް ތައްޔާރު ވެގެން މުއައްސަސާތަކުން އެ ކަންކަމަށް ބަޖެޓް ކޮށްގެން ތިބެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްް ޔައުގޫބް ވިދާޅުވި އެވެ.

"އެއްވެސް އިރަަކު، އެއްވެސް ވަރަކަށް، އެއްވެސް ތާކުން ނިންމައިފައެއް ނެތް ނިޒާމީ ވޯޓަަކަށް ދާކަށް ވެސް އަދި ނިޒާމާ ބެހޭ ގޮތުން މަޝްވަރާ ކުރާކަށް ވެސް،" ޔައުގޫބް ވިދާޅުވި އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މި ދެވެރިންގެ ހިފައިގަތުން އެ ދުވަހު އަޑު އަހަން އިނދެފައި އަޅުގަނޑު ހިތަށް އެރި އެވެ. "ބަޔަކު ދައްކާހާ ވާހަކައަކަށް ތައްޔާރު ވެގެން މުއައްސަސާތަކުން" ތިބެން ނުޖެހޭނެ ކަމަށް ޔައުގޫބް މި ބުނަނީ ކީއްވެ ހެއްޔެވެ.؟

ރާއްޖެ ހިންގުމުގެ ނިޒާމުގައި މައްސަލަ ހުރި ވާހަކަ އަކީ "ބަޔަކު" ދައްކާ ވާހަކައެއް ކަމަށް ޔައުގޫބު ހިމެނޭހެން މަދު ބަޔަކަށް ހީވިޔަސް ރައްޔިތުން ބާރުވެރި ކަމަށްޓަކައި ވެރިން ވަކި ކުރުން ސީދާ ރައްޔިތުންނަށް އޮންނަށް ޖެހޭކަމަށާއި އާ ނިޒާމެއް އުފަން ކޮށްގެން ނަމަވެސް ރާއްޖޭ ހިންގުމުގެ އޮނިގަނޑު ބަދަލުކުރަން ޖެހޭ ކަން އެއީ ދިވެހި ގައުމުގެ "ސްޕީކަރުން" މިހާރު އަބަދުވެސް އިވޭ އަޑެވެ. 

ފެހި ގާނޫނު އަސާސީން ލިބުނު މަލްޓި ޕާޓީ ނިޒާމުން އުފަން ވެގެން ހުވައިކުރެއްވި ރައީސުންގެ "އެޑްމިނިސްޓްރޭޓިވް އަހްލާގަށް" ބަލާ އިރު ގައުމު ހިންގިގޮތުގެ އޮނިގަނޑުގެ ތާރީހުން ފެންނަނީ މާޔޫސް ކަމާއި "ރައްޔިތުންގެ ބާރު" ދަށް ވެފައި ވާތަނެވެ. ވެރިކަމުގެ އެއްބާރުން އަނެއްބާރު "ހައިޖެކް" ކޮށްފައިވާ ތަނެވެ. އެހެން ކަމުން މިއަދު "ވެރިން" ވަކިކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް އޮންނަށް މަޖުބޫރު ކުރުވަން ވެއްޖެ ނޫން ހެއްޔެވެ..؟

އާ ގާނޫނު އަސާސީން އެކަށައެޅީ ވެރިން ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތެއް ކަމަށް ބަލައިގެންނެވެ. ނަމަވެސް 16 އަހަރުގެ ތަޖުރިބާއިން އެކަން ނުކުރެވޭކަން މިއީ މިހާރު އެންމެން ދަންނަ ބޮޑު ހަގީގަތެކެވެ. ވެރިކަމުގެ ހުވާ ކުރުމާއެކު އެ ހޯދާ "ބާރުތަކުން" ރައްޔިތުންގެ މަޖިލީހަކީ ރައީސަށް ހިބައިން ލިބިގެންވާ ތަނެއްގެ ގޮތުގައި ސިއްކަ ޖެހިގެން ނުދޭ ހެއްޔެ އެވެ.؟

ނަތީޖާއަކީ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވަން ޖެހޭނެކަމަށް ގާނޫނު އަސާސީން މަޖިލީހަށް މަތި ކުރި ކުރުން "ވާވެފައި" އޮތުމެވެ. އެހެންވަނީ މަޖިލީހަށް އަންނަ މެމްބަރުން ހޮވޭގޮތުންނާއި ހޮވޭ މީހުންގެ އަމިއްލަ އިހްތިޔާރުގައި ކަންކަން ކުރުމަށް އޮތް ފުރުސަތު ކޮންމެ ވެސް ނޭދެވޭ "އަދިރި" ސަބަބުން އެ މީހާގެ ބާރު ކެނޑިގެންދާތީ އެވެ. 

މެމްބަރުން ވެސް އެ މީހުންނަކީ ކޮންމެ ވެސް މަތީ "ބާރެއް" ނުވަތަ އެ މީހާގެ އަހުލާގެއް ނެތުމުގެ ސަބަބުން ދުއްވައިގަންނަނީ އޭނާގެ ވެރިޔާ ކަމަށް ގަބޫލު ކުރާ ވެރިމީހާގެ ފަހަތުންނެވެ. 

މަޖިލީހުގެ ކޮންޓްރޯލް ހޯދާ ގޮތް ދިވެހިންނަށް އެނގި ހާމަވެއްޖެ އެވެ. ވެރިކަން ލިބުމާއެކު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތު ހޯދަން ދުއްވައިގަނެ އެވެ. އެކަމަކީ ބުއްދި ހުރެގެން ހުވާ ކުރާ ރައީސަކަށް ވަރަށް ފަސޭހަ ކަމެއްކަން ދިވެހި ތާރީހުން ފެނި ހާމަވެއްޖެ އެވެ. އެހެން އެކަން ކުރުމަށް އޮތް އެންމެ ބޮޑު އެއް ފުރުސަތަކީ ދައުލަތުގެ ހުރިހާ ވަސީލަތެއް ހައްދެއް ނެތް މިންވަރަށް ބޭނުން ކޮށްލަން ކެރުމެވެ. 

ހުރިހާ ވަސީލަތެއް ބޭނުންކޮށްލާ އިރު އެ ބޭނުން ކުރާ ކަމަކަށް ދައްކަން ޖެހޭ އަގެއް ދެއްކުމަށް ނަގާ ދަރަންޏެއް އޮތް ނަމަވެސް އެއީ ދައްކާ ހަލާސް ކުރަން ޖެހޭ ދަރަންޏަކަށް ނުވެ ވާނުވާގައި އެ ކަން ވެސް ހިނގާ ނިމެ އެވެ. އެހެން ކަމުން ހުރިހާ ވަސީލަތެއް ބޭނުން ގޮތަކަށް ބޭނުންކޮށްލުމަކީ ފެން ފޮދެއް ބޯލުން ފަދަ ކަމަކަން ވަނީ ހަދާފަ އެވެ. 

ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ވެސް މަޖިލީހުގެ ބޮޑު މެޖޯރިޓީ ލިބިއްޖެ ނަމަ ފަސް އަހަރުގެ ވެރިކަމެއް ކަށަވަރުވީކަން އެ މީހަކަށް ޔަގީންވެ އެވެ. އެ އަށް ފަހު އޭނާ ޖަވާބުދާރީ ކުރެވޭނެ މުއައްސަސާއެއް ދިވެހި ދިދަ ދަށަކު ނެތް ކަން ޔަގީން ކުރެ އެވެ. އަދި އޭނާ އަށް ލިބިފައިވާ ބާރުން އިންޗިއެއް ވެސް ގެއްލޭނެ އުސޫލަކާއި ހަމައެއް ވެސް ނެތެވެ. ކިތަންމެ ބޮޑު ތާއިދެއް ގެއްލިއްޖެ ކަމަށް ރަށުތެރޭ ކިޔަސް އަދި ސާވޭތަކުން ފެނިހާމަވިޔަސް އޭނާގެ މަގާމު ނުގެއްލެ އެވެ. އެހެންވެ އޭނާ ބޭނުންހާ ކަމެއްކުރަމުންދެ އެވެ. 

މަޖިލިސް ލިބުމާއެކު އެއީ ވެސް ފަސް އަހަރަށް ޖަވާބުދާރީވާން ނުޖެހޭގޮތަށް ލިބޭ މަގާމެއް ކަމުން މެމްބަރުން ވެސް ނުކުރާކަން ކަމެއް ނެތެވެ. އެ މީހުންގެ ވެރި މީހާކަމަށް އެ މީހުން ގަބޫލު ކުރާ ފަރާތުން އެންގުމުން އެ މީހުން އެކަމެއްކޮށްލަ އެވެ. 

"ޒިންމާދާރު މަޖިލީހެއް ނެތުމާއެކު މަޖިލީހަކީ ވެރި މީހާގެ އެއްޗެއް ކަމަށް ގަބޫލު ކުރެވޭ ހިސާބުން ފަނޑިޔާރުގޭގެ އިންސާފު ވެސް ވެރި މީހާ ބޭނުންވާ އިންސާފަށް ވެ ނިމި އެބަ ދޭ، އެ ހިސާބުން ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ ފަދަ ކަމެއް ކުރިޔަސް ވެރިކަމަށް އަންނަ ދެއްކި ވާހަކަ އާ ކިތަންމެ ބޮޑަށް ހިލާފުވިޔަސް އަދި ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު ވިޔަސް ވެރި މީހާ އާއި މެމްބަރުންނާ މެދު އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނެތް" ގާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވެ ސިޔާސީ ޕާޓީއެއްގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.

މަންދޫބުން މެދުވެރިކޮށް ހިންގާ ޑިމޮކްރަސީގެ ހަރަކާތުން ލިބޭނެ ކަމަށް އުއްމީދު ކުރި އިންސާފުވެރިކަމެއް، ނުލިބި ފަސް އަހަރު، ނުވަތަ 1825 ދުވަސް ރައްޔިތުންގެ ބާރުވެރިކަން ނުހިނގާ މެމްބަރުންނަށާއި ވެރިންނަށް މަގާމުގައި ތިބެވެ އެވެ. 

ނަތީޖާ އަކީ އިންސާނީ ބުއްދިން ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކާއި އިންސާފުން ބޭރުން ކަންކަންކޮށްލަ ކޮށްލާ ތިބުމުގެ ފުރުސަތު އޮތުމެވެ. އެހެން އޮތުމުން ލިބޭ ގެއްލުން ބޮޑުވަމުންދާ ދިޔުމަކީ އިޔާދަ ނުކުރެވޭނެކަމަކަން ވާތީ މިހާރު އޮތް ގޮތަށް ހިންގުމުގެ އޮނިގަނޑު ބާއްވައިގެން ތިބުމަކީ އަމިއްލަ ޖީބަށާއި އަމިއްލަ ނަފްސަށް ދެވޭ އަނިޔާ އަކަށް ނުވާނެ ހެއްޔެވެ.؟

ޑިމޮކްރަސީގެ އެންމެ މޮޅު ގޮތަކީ ވީހާ ގިނަ ބަޔަކުވެގެން ގޮތް ނިންމުން ކަމަށް ދެކޭ ދެކުމަށް އަދި ވެސް މާބޮޑު ބަދަލެއް ނާދެ އެވެ. އެހެންކަމުން ދައުލަތް ހިންގުމުގައި ހިމެނޭ ވެރިން ޖަވާބުދާރީކޮށް އެ މީހުން މަގާމުން ވަކި ކުރުމަކީ ސީދާ ރައްޔިތުންނަށް ލިބިފައިވާ ބާރަކަށް ހެދުމަކީ ރާއްޖޭގެ ތާރިހު ދައްކާގޮތުން މަޖުބޫރު ކަމަކަން މިހާރު ނުވޭ ބާވަ އެވެ.؟

ޑިމޮކްރަސީގެ އެންމެ ޝަރަފުވެރި ހަމަ އާއި އުސޫލަކީ ޑައިރެކްޓް ޑިމޮކްރަސީ އެވެ. އެ ޝަފުވެރި ގޮތް އޮއްވާ "ގަނެގެން މެމްބަރު ކަން ހޯދާ" ކަމަށް ވިދާޅުވާ 100 މީހުން ހިމެނޭ ތަނަކުން ސުޕަ މެޖޯރިޓީން ވެރިން ޖަވާބުދާރީ ކުރުމާއި އަދި ވެރިން ވަކި ކުރުމާ މެދު ގޮތް ނިންމަށް ފުރުސަތު ދީގެން ތިބެގެން ލިބުނު ގެއްލުން ބޮޑުވުމާއެކު ވެރިން ވަކި ކުރަން ރައްޔިތުންނަށް ދޫކޮށްލަން ނުޖޭހޭ ހެއްޔެވެ.؟ 

އެ ކަމަށް އުސޫލު ވެސް ހަދާނީ އެވެ. ހަރަދު ބޮޑު ޝަރަފެއް ނުވާނެ ގޮތްގޮތަށް މިޒަމާނުގައި އެކަންކަން ކުރެވޭނެ ގޮތް އިލުމުވެރިންނާއި ތަޖުރިބާކާރުން ހޯދައިދޭނެ އެވެ. ނަމަވެސް މި އުސޫލަށް އެއްބަސްނުވާނެ ބަޔަކު އުޅޭނެ އެވެ. އެއީ ފަސް އަހަރު ދުވަހުގެ ދިގު މުއްދަތުގައި މި ކަހަލަ މުއްސަނދި ދައުލަތަކުން ޖަވާބުދާރީނުވެ ނަފާ ހޯދަން ކިޔުގައި ޖައްސައިގެން ތިބި މީހުންނެވެ. ނަމަވެސް އެއީ ވަރަށް ވަރަށް މަދު އަދަދެކެވެ. 

ނަމަވެސް އެމީހުންގެ ފަހަތުގައި ބަޔަކު ތިބޭނެ އެވެ. އެ މީހުންގެ ލަސްކަރަށް ވުރެ އިންސާނީ ބުއްދިއަށް ވެސް ގަބޫލު ކުރެވޭވަރުގެ އަދުލުވެރިކަން ހޯދުމަށް ހިތުގެ އަޑިން ހަނގުރާމަ ކުރަމުންދާ ދިވެހި ރައްޔިތުންގެ ލަސްކަރު މާ ބޮޑު ތަނުން ބޮޑުވާނެ އެވެ. އެހެން ކަމުން ގައުމު ސަލާމަތް ކުރުމަށް އެ މަދު މީހުން ހިމެނޭ ލަސްކަރުގެ މައްޗަށް ދިވެހިންގެ މި ބޮޑު ލަސްކަރު ގަދަވެ ގަތުމަށް ނިކުންނަށް ހިނގާށެވެ. މި ބޮޑު ހެޔޮ ބަދަލު ހޯދުމަށް ތެދުވާން ނުޖެހޭ ހެއްޔެ އެވެ.؟

ހައިބްރިޑް ނިޒާމު، ބަރުލަމާނީ ނިޒާމު، ރިޔާސީ ނިޒާމު، ރަސްކަމުގެ ނިޒާމު، މިހުންނަނީ ނިޒާމީ ނަންތަކެކެވެ. މި އިން ކޮންމެ ނަމެއް ކިޔަސް ދިވެހިން މިއަދު ބޭނުން ވަނީ ރާއްޖެ ތަރައްގީކޮށް ހިންގާނެގޮތުގެ ތަސައްވަރެއް އެކަށައަޅާނެ ހިންގުމުގެ އޮނިގަނޑެކެވެ. އެއީ މިއަދު ދިވެހިން "އެދޭ ރާއްޖެ" އެވެ.

މިއީ ފޫހި، އާދައިގެ ވާހަކައެއް ނޫނެވެ. މިއީ ވައްކަމާއި ކޮރަޕްޝަނާއި ވެރިކަމުގެ ދަހިވެތިކަމުގައި ދެކެވޭ ފިތުނައިގެ ވާހަކަތަކާއި ދޭދޭ ގައުމުތަކާއި އެކު އެއްބަސްވެވޭ ސިއްރުތަކުގެ މައްޗަށް "ވެރިން އިސްލާހުވެ" އަދި ވެރިކަމުގެ ހުރިހާ ބާރެއް ރައްޔިތުން "ފަޅީގައި" އަބަދުމެ އޮތުމަށް މުހިއްމު ވަކާލާތެކެވެ.  

އެހެން ކަމުން ބަޖެޓް އިތުރަށް ހޯދައިގެން ނަމަވެސް ދިވެހިން މިހާރު ތަޖުރިބާ ކުރަމުން މިދާ ހިންގުމުގެ އޮނިގަނޑު ބަދަލުކުރުމުގެ މަޝްވަރާތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބާރަށް ދައްކަން ފަށަން މިހާރު ވެސް ލަސް ވެއްޖެ އެވެ. މިއީ އެކެއް ދެމީހެއްގެ ދިރިއުޅުމެއްގެ ވާހަކަ އެއް ނޫނެވެ. މިއީ ދެތިން މަހުޖަނު އާއި ސައުދާގަރުންގެ ވާހަކައެއް ވެސް ނޫނެވެ.

މިއީ ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ރައްޔިތުންނަށް ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއްގެ ވާހަކަ އެވެ. މިއީ ފެހި ގާނޫނު އަސާސީން ތަސައްވަރު ކުރި ތެދުވެރި އިހްލާސްތެރި މީހާ އާއި މީހުން ނުފެނުނު ވާހަކަ އެވެ. 

މި ދެންނެވި ފަދަ މީހުން ނުފެނުމުގެ ނަތީޖާ އަކީ ތަހުޒީބީ މުޖުތަމައަށް ގައުމު "ބަދަރު" ނުކުރެވި ގައުމު ހިންގުމަށް މިހާރު އޮތް އޮނިގަނޑުގެ ތެރެއިން ރާއްޖެ އިތުރަށް ހިންގަމުންދާ ނަމަ ރާއްޖެއަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެންދާނެކަމަށް ގާނޫނު އަސާސީ ހެދި މީހުންނާއި ދިރާސާ ކުރާ ފަރާތްތައް މިއަދު އެއްބަސްވުމެވެ. 

އެހެން ކަމުން ރައްޔިތުންގެ ވޯޓަކުން ނިންމި ގޮތެއްގެ ނަތީޖާ އިން ލިބޭ ގެއްލުންތައް ވީހާ ވެސް ކުޑަ ކުރުމަށް ރައްޔިތުންނަށް އަލުން ވޯޓުލާން ފުރުސަތު ލިބެން ޖެހެ އެވެ. "ނުލަފާ ވެރިން" ވަކިކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް އޮންނަށް މަޖުބޫރު ކުރުވަން ވެއްޖެ ނޫން ހެއްޔެވެ..؟ 

މި ކަމަށް އޮތް އެއް މަގަކީ ޑިމޮކްރަސީގެ އެންމެ އަސާސީ ސިފަތައް ކަމަށްވާ ކަންކަން ނިންމުމުގައި ވީހާ ވެސް ގިނަ މީހުން ބައިވެރި ކުރުވުމާއި ރައްޔިތުންގެ ކަންކަމާ ހަވާލުވެ ތިބޭ މީހުން ޖަވާބުދާރީކޮށް ޒިންމާދާރު ކުރެވޭނެ ފަސޭހަ މަގެއް ހޯދުމެވެ. 

"ސީއެންއެމް" ދެއްވި އިންޓަވިއުއެއްގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ސީދާ ރައްޔިތުންގެ ވޯޓަކުން ކަންކަން ނިންމުން، އެއީ ގާނޫނު އަސާސީއަށް ބަދަލުގެނެސް ގެން ވާނެ ކަންކަންކަމަށާއި ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން މިފަދަ ބަދަލުތައް ގެނެސްގެން ނޫނީ މިކަންކަން ނުކުރެވޭނޭ ކަމަށެވެ.

"ގަދަބާރުން ފަސް އަހަރު ހިފެހެއްޓިފަ އޮންނަ ވެރިކަމެއް އޮތީމަ ރައްޔިތުންނަށް ވާ ގެއްލުން ވަރަށް ބޮޑު. ވެރިކަން ބަދަލުވާން ޖެހޭ ގަޑީގަ، އެކަން ބަދަލުވާންޖެހޭ. އެއީ އަސްލު އޭގެ ތަބީއަތަކީ. އެއީ މިބުނާ ނިޒާމަކީ." ހަސަން ވިދާޅުވި އެވެ.

މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަން ވެސް ކުރެއްވި ހަސަން އިތުރަށް ވިދާޅުވީ މިއީ އަބަދުވެސް، އަދި މިހާރުވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށާއި މިކަހަލަ ކަންކަން ރައްޔިތުންނަށް ބާރުތަކެއް ދީގެންނޫނީ ނުނިންމޭނޭކަމަށެވެ.

"ރައްޔިތުންނަށް ބާރު ދީގެން ނަމަވެސް މިއީ ކުރަން ވަރަށް ބޭނުންވާ ކަމެއް. މިފަދަ ބައެއްކަންކަން ހުންނާނެ ސީދާ ރައްޔިތުންގެ ވޯޓަކުން ނޫނީ ނުކުރެވޭނެ ކަންކަން. މިސާލަކަށް ލާމަރުކަޒީ އުސޫލުންތޯ ރާއްޖެ ހިންގާނީ ނުވަތަ ބަދަލުކޮށްލަން ވީތޯ އަތޮޅު ވެރިކަމަށް، މިކަހަލަ ބަދަލުތަކެއް ނުގެނެވޭނެ ސީދާ ރައްޔިތުންގެ ވޯޓަކުން ނޫނީ." 19 ވަނަ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ކަން ވެސް ކުރެއްވި ހަސަން ލަތީފް ހަސަން ވިދާޅުވި އެވެ.

ދިވެހި ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ ބާރު އަބަދު ވެސް އެ މީހުންގެ އަތްމަތީގައި ދެމިއޮންނާނެކަމާ، ރައްޔިތުންގެ ކަންކަމާ ހަވާލުވާ މީހާ، މިހަވާލު ވަނީ ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އޮތް ކަން، އެ މީހާގެ ސިކުޑި އާއި ހިތުގައި އަބަދު ވެސް ބިންވަޅު ނެގި އަދި އެ އިހްސާސް ކުރެވޭނެ ހިންގުމުގެ އޮނިގަނޑެއްގެ ބަހުސަށް މިއަދު ދިވެހި ރައްޔިތުން އެބަ ގޮވަ އެވެ.

ދައުލަތުގެ ބާރުތައް ވަކި ކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ތަބާވަނީ ރިޔާސީ ނިޒާމުގެ ސިފަތަކާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކާ މަސްހުނި ވެފައިވާ "ހައިބްރިޑް ނިޒާމެއް" ގެ މައްޗަށް ކަމަށް ބައެއް މީހުނަށް ބެލެވިފައި އޮންނައިރު، ޒަމާންވީ ނިޒާމުގެ ބަހުސްގެ ތެރެއިން އެއް ބަޔަކު ބަރުލަމާނީއަށް ތާއީދު ކުރާއިރު، އަނެއް ބައި ބޭފުޅުނަށް ކަމުދަނީ ރިޔާސީ ނިޒާމެވެ. 

ވަކި ކޮޅެއް ނަގަން ބޭނުންފުޅު ނުވާ ބޭފުޅުން ވިދާޅުވަނީ އެކަން ނިންމާނީ ރައްޔިތުން ކަމަށެވެ. ކޮންމެ އަކަސް ވެރިކަން ހިންގުމުގެ ނިޒާމުގެ ބަހުސަށް ޝައުގު ނެތް ނަމަވެސް ގައުމު ހިންގުމަށް މިހާރު އޮތް އޮނިގަނޑުގެ ބަހުސެއް ފަށަން ވެއްޖެ ނޫން ހެއްޔެވެ؟ މިއީ ވަރަށް ގިނަ ގޮތްގޮތުން ގައުމަށް ފައިދާ ވާނެ ބަހުސެކެވެ. މި ބަހުސްގެ ތެރެއަށް "ނުލަފާ ވެރިން" ވަކިކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް އޮންނަށް މަޖުބޫރު ކުރުވުމުގެ މައުލޫ ވެސް ވައްދަން ޖެހެ އެވެ. 

ކުރުކޮށް ބުނާނަމަ އިންތިހާބީ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ "ސިޔާސީ ހަށިގަނޑު" ގައި އަބަދުމެ ރައްޔިތުންނަށް "އަތްލެވޭ" ގޮތް ވާން ޖެހެ އެވެ. ރައްޔިތުންގެ ބާރުގެ ހަގީގީ ރޫހު ދިރެން ޖެހެ އެވެ. ވެރިންގެ ސިޔާސީ "ޕިޗަކަށް" ވާން ވާނީ ވޯޓު ފޮށިން ރައްޔިތުނަށް "ސިޔާސީ ބާރު" ދެއްކުމެވެ. ރައްޔިތުން އިންތިހާބީ މަގާމުތަކަށް މީހުން ހޮވަނީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާކަށް ނޫނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް