ads
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
އިންޑިއާގެ އީޒްމައިޓްރިޕް ރާއްޖެއަށް އަލުން ބުކިން ހައްދައިދޭން ފަށައިފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެގައުމުގެ ރައްޔިތުންނަށް ކުޑައިމީސްކުރި މައްސަލައިގައި، ރާއްޖެއަށް ބުކިން ހެދުން ހުއްޓާލި އިންޑިއާގެ ޓްރެވެލް ޕްލެޓްފޯމް އީޒްމައިޓްރިޕްއިން މި ގައުމަށް އަލުން ބުކިން ހަދަން ފަށައިފި އެވެ.
Advertisement

ދެ ގައުމުގެ ގުޅުން އޭރު އެންމެ ބޮޑަށް ގޯސްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ކުރިއަށް ދަނިކޮށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަމާޒުކޮށް ބޭއަދަބީ ބަސްތަކަކުން ފާޑުވިދާޅުވުމާ ގުޅިގެންނެވެ.

އީޒްމައިޓްރިޕްގެ ސީއީއޯ ނިޝާންތު ޕިއްޓީ އޭރު ވިދާޅުވި ގޮތުގައި އޭރު ރާއްޖެއަށް ބުކިން ހެދުން މެދުކަނޑާލީ ދެ ގައުމުގެ ގުޅުން ގޯސްވުމުން ގައުމީ ރޫހެއްގައި ކަމަށެވެ.

އަލުން ބުކިންތައް ހުޅުވާލިކަންވެސް އިއުލާނުކުރީ ނިޝާންތް އެވެ. މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ، އަލުން ބުކިންތަކަށް ހުޅުވާލީ ދެ ގައުމުގެ ސަރުކާރުން ކުރި މަސައްކަތްތަކާއެކު ގުޅުން ބަދަހިވަމުންދާތީ ކަމަށެވެ.

"މި ނިންމުން ނިންމީ މި ފަހުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ޓީމަކުން އިންޑިއާއަށް އައިސް އަޅުގަނޑުމެންގެ އޮފީހުގައި ބޭއްވި މަޝްވަރާތަކަކަށްފަހު. އީޒްމައިޓްރިޕް އަކީ ނޭޝަން ފަސްޓު ކުންފުންޏެއް ކަމުން މި ކުންފުނިން އަބަދުވެސް އިންޑިއާގެ ސަރުކާރަށް ތާއީދުކުރާނެ،" އޭނާ ލިޔެފައިވެ އެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވުމާ ގުޅިގެން އޭރު އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ވަރުގަދަ ކެމްޕޭނެއްވެސް ކުރިއަށް ގެންދިޔަ އެވެ. މި ކެމްޕޭންގައި އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ބައެއް ބޭފުޅުންނައި ބޮލީވުޑްގެ ބައެއް މަޝްހޫރު ތަރިންވެސް ބައިވެރިވި އެވެ. އެ ކެމްޕޭނުގެ ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި ޖުމްލަ 10500 ހޮޓެލް ބުކިން އަދި 5،520 ފުލައިޓު ބުކިން ކެންސަލް ކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން ރިޕޯޓް ކުރިއެވެ.

އެ މައްސަލައިގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މަދުވެފަ އެވެ. ނަމަވެސް މިފަހުން ސަރުކާރުން އަންނަނީ އެ ގައުމާ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތް ކުރަމުންނެވެ.

އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެެރިން ޒިޔާރަތްކުރި ގައުމެވެ. މިހާރު އެ ގައުމު އޮތީ އެ ލިސްޓްގެ ހަ ވަނައިނައިގަ އެވެ. އެ ގައުމުން މިހާތަނަށް ރާއްޖެ އަށް 80000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ އާދިއްތަ ދުވަހު އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާނެކަން ވެސް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް