ރައީސް އިންޑިއާއަށް ފުރާވަޑައިގަތީ އެގައުމުން ހަމަޖައްސާފައިވާ އެއާފޯސްގެ މަތިންދާބޯޓެއްގަ އެވެ.
ރައީސް މުއިއްޒުގެ އަރިހުގައި ވަޑައިގަތް، ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވަ އެވެ.
މީގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޓްރާޏްސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް އާއި ރައީސް އޮފީހުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ރައީސްގެ މި ދަތުރުގައި އިންޑިއާގެ ރައީސާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އިތުރުން އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
އަދި އިންޑިއާގެ ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް މުއިއްޒު މިރޭ ބައްދަލުކުރައްވާނެ އެވެ.
އިންޑިއާއަށް ކުރައްވާ ދަތުރު ނިންމާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހެވެ. އިންޑިއާ ރައީސް މި ކުރައްވާ ދަތުރަކީ އެ ގައުމުގެ ރައީސް ދްރޫޕާދީ މުރްމުރްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ.
ރައީސް މުއިއްޒު ވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، 2023 ވަނަ އަހަރު ޑިސެމްބަރުމަހު އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފަ އެވެ. އަދި މިއަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑުވަޒީރާއި އާ ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސާ ބައްދަލުކުރައްވައިފަ އެވެ.
ރައީސް ޑރ. މުއިއްޒު ގެންދަވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކުރައްވައި، ރާއްޖޭގެ ތަރައްގީއަށް މުހިންމު ހުރިހާ ގައުމަކާވެސް ބަދަހި ގުޅުމެއް ދެމެހެއްޓެވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.