މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން ކަމުގައިވާ އެމިރޭޓްސް އެއާލައިންސުން ދަތުރުކުރާ ފަސިންޖަރުންނަށް ޕޭޖަރާއި ވޯކީޓޯކީ ފަދަ މުއާސަލާތީ ވަސީލަތްތައް އުފުލުން މަނާކޮށްފައި ވަނީ, ލުބްނާންގެ އާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ދާދިފަހުން ދިން ނިރުބަވެރި ހަމަލާތަކަކާ ގުޅިގެންނެވެ.
ޕޭޖަރުތައް ގޮއްވާލީ އިޒްރޭލުން ކަމަށް ބުނާއިރު އެކަން އެހެން ކުރާނީ ކިހިނެއްތޯ އުފެދޭ ސުވާލަށް ޔަގީން ޖަވާބެއް އަދި ނެތެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ޕޭޖަރުތައް ގޮވުމަކީ އިޒްރޭލުގެ އަމަލެއް ނަމަ އެއީ ވަރަށް ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެކެވެ. މިކަން ދިމާވާނެ އެއް ގޮތަކީ އޭގެ ބެޓެރި އޭގެ ޒާތުގައި ގޮވުން ކަމަށާއި އެކަމަކު ފެންނަ ފެނުމަށް އެއީ ހަމައެކަނި ބެޓެރި ގޮވުން ނޫން ކަމަށާއި ގޮވާތަކެތި ޑިވައިސްތަކުގެ އެތެރޭގައި ހުރި ކަމަށް ބެލެވޭ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ.
އަނެއް ގޮތަކީ ހިޒްބުﷲ އަށް ފޮނުވި ޕޭޖަރު ޝިޕްމަންޓެއް އިޒްރޭލަށް އެނގި، ލުބްނާނާ ހިސާބަށް ދިއުމުގެ ކުރިން އެ މޮޑިފައިކޮށް، ގޮވާތަކެތި ހަރުކޮށްފައި ހުރުން ކަމަށާއި އިލެކްޓްރޯނިކް ޕަލްސް ފޮނުވައިގެން ޑިވައިސް ހޫނުކޮށް އަންދާލައިގެން ވެސް މިހެން ހެދިދާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ޕޭޖަރުތައް ގޮވި ހާދިސާގައި ހިމެނެނީ ޓައިވާންގެ "ގޯލްޑް އެޕޯލޯ" ކިޔާ ކުންފުންޏެއްގެ އުފެއްދުމެކެވެ. އެކަމަކު އެ ކުންފުނީގެ ވެރިޔާ ސޫ ޗިންގް-ކުއާންގް ވަނީ މި ގޮވުންތަކާ އޭނާގެ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އެމިރޭޓްސްގައި ދަތުރުކުރާ އިރު އެފަދަ ޑިވައިސްތައް ދަތުރަށް އެރުވުން މަނާކޮށް ނެރުނު ބަޔާނެއްގައި ބުނީ އެފަދަ އާލާތެއް ޕެޖެންސަރުންގެ އަތުން ފެނިއްޖެ ނަމަ ހިފަހައްޓައި، އެ ތަކެތި ދުބާއީ ފުލުހުންނާ ހަވާލުކޮށް ނައްތައިލާނެ ކަމަށެވެ.
އެމިރޭޓްސް އިން ބުނީ ފޮރުވައިގެން މަތިންދާބޯޓަށް އަރުވާފައިވާ އެ ފަދަ ވަސީލަތެއް ފެނިއްޖެ ހިނދުގައި އެ ތަކެތި ފުލުހުންނާ ހަވާލު ކުރާނެ ކަމުގައި އެވެ. އަދި ބުނީ މިއީ, ހުރިހާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމުގައި ވެސް އެ އެއާލައިނުން ބުންޏެވެ.