ކޮންގޯގައި ވެކްސިން ކެމްޕޭން ފަށާފައި މި ވަނީ އެފްރިކާ ބައްރުގެ 15 ގައުމެއްގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ.
ވެކްސިން އެންމެ ފުރަތަމަ ދީފައި ވަނީ ހޮސްޕިޓަލްގެ މުވައްޒަފުންނަށެވެ. ހޯމަ ދުވަހު ވެކްސިން ދޭން ފަށާނީ މިދިޔަ އަހަރު މަކުނު ވިދުރީ އެންމެ ފުރަތަމަ ފެނުނު އެ ގައުމުގެ އިރުމަތީ ސަރަހައްދުގަ އެވެ.
ހުކުރު ދުވަހު ކޮންގޯގެ ޕަބްލިކް ހެލްތު މިނިސްޓްރީން ވަނީ ވެކްސިން އަދިވެސް މަދުވާނެ ކަމަށް ބުނެފަ އެވެ. އަދި މިހާތަނަށް ލިބެން ހުރީ އެންމެ 265000 ޑޯޒް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެފްރިކާ ސަރަހައްދުން ފެނުނު އަދި ގައިން ގަޔަށް އަރާ އެ ބަލީގެ ހާލަތު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހިސާބުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެވެ. އެ ބަލި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ފެނިފަ އެވެ.
އެމްޕޮކްސް
މި ބަލީގެ ވައިރަސް އިންސާނުންނަށް ވާސިލް ވަނީ ބަލި ޖެހިފައިވާ ޖަނަވާރުގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އޭނާގެ ފަރާތުން އެހެން މީހުންނަށް މި ވައިރަސް އާންމުކޮށް ފޯރަނީ އެ މީހަކާ ގައިގޯޅިކޮށް އުޅުމުންނެވެ.
އިންސާނުންގެ ހަށިގަނޑުން އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މި ބަލި ޖެހުމުން ހުން އައިސް އައުމާއި ރިއްސުމާ އެކު، ދޮސްލާފައި ހުންނަ ބިހިތަކެއް ގައިގައި ނަގަ އެވެ.
މި ވައިރަހުގެ ދެ ބާވަތެއް ފާހަގަވެފައި ވެ އެވެ. އެއީ މެދުތެރޭ އެފްރިކާގެ ކޮންގޯ ސަރަހައްދުގައި އާންމުވެފައިވާ ކްލޭޑް 1 އާއި ހުޅަނގު އެފްރިކާ ސަރަހައްދުގައި އާންމު ކްލޭޑް 2 އެވެ. މީގެ ތެރެއިން ނުރައްކާތެރިކަން ބޮޑީ ކްލޭޑް 1 ގަ އެވެ.
މެއި، 2022 ގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑް އެވެ. އެފަހަރު މިއީ ދުނިޔެއަށް ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ.
އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ން ބުނީ ހުސްވި އަހަރު އެފްރިކާ ބައްރުގެ ގައުމުތަކުން 14957 މީހަކަށް އެ ބަލި ޖެހުނު ކަމުގަ އެވެ. އަދި, 739 މީހުން އެ ބަލީގައި މަރުވެފައިވާ ކަމުގަ އެވެ. 2022ވަނަ އަހަރާއި އަޅައިބަލާއިރު, 2023ވަނަ އަހަރު ބަލީގެ ކޭސްތަކުގެ ޢަދަދު ވަނީ 78.5 އިންސައްތަ އިތުރުވެ, އެފްރިކާގެ ހަތް ސްޓޭޓެއްގައި ބަލި ފެތުރެން ފަށާފަ އެވެ.