ads
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރައޫފުއްދީން ސައީދު
ސައިބާ ކްރައިމްއާ ގުޅޭ 3 ބިލެއް މަޖިލީހަށް ހުށަހަޅައިފި
ސައިބާ ކްރައިމްއާ ގުޅޭ ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ރައޫފުއްދީން ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސައިބާ ކްރައިމް ހުއްޓުވުމަށް ގާނޫނީ ގޮތުން ވެސް ގިނަ ކަންތައްތަކެއް ކުރަންހުރިކަން ފާހަގަކުރައްވާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަނީ ރައްޔިތުންގެ މަޖިލީހަށް މިކަމާ ގުޅޭ ތިން ބިލެއް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ތެރޭގައި ގާނޫނުލް އުގޫބާތަށް ގެންނަ ބަދަލުތަކެއްގެ ތެރެއަށް ސައިބާ ކްރައިމް މައްސަލަތައް އިތުރުކޮށް އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުތައް ގެނައުމަށް ވެސް ހުށަހަޅާފައިވާ ކަމަށް ރައޫފުއްދީން ސައީދު ވިދާޅުވި އެވެ.

އޭގެއިތުރުން ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން މައުލޫމާތުހޯދުމާއި، ރާއްޖެއިން ބޭރުން މައުލޫމާތު ހޯދުމާއި، އެވިޑެންސް ކަލެކްޓުކުރުން އަދި މިކަހަލަ އެތައް ކަމެއްގައި ފުލުހުންނަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ބިލުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ދެން އޮންނާނީ ގާނޫނަށް ގެންނަ ބަދަލުތަކެއް. އެ ބަދަލުގެ ތެރެއިން، ރާއްޖެއިން ބޭރުގެ ސާވިސް ޕްރޮވައިޑާތަކުން، އަޅުގަނޑުމެންނަށް ހުށަހަޅާ ޖިނާއީ މައްސަލަތަކުގެ އެވިޑެންސް [ރާއްޖޭން ބޭރުގެ ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން] ހޯދޭނެ މަގުތަކެއް ފަހިވެގެން ދާނެ. ދެ ވައްތަރެއްގެ ސައިބާ ކްރައިމް މިއުޅެނީ. އެއް ވައްތަރަކީ ސައިބާ އެނޭބަލްޑް ކްރައިމް. މިކަހަލަ ކްރައިމްތަކުގައި ކޮމްޕިއުޓަރު މި ބޭނުންކުރަނީ، މިހާރު ކުށްވެރިން ވެސް ޓެކްނޮލޮޖީ ބޭނުންކުރޭ. އާންމު ދިރިއުޅުމުގައި ވެސް ޓެކްނޮލޮޖީ ބޭނުންކުރީމަ ފަސޭހަވާނެ. ހަމަ އެގޮތަށް މި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން މި ކްރައިމްތައް ހިންގާ ފަރާތްތަކުން އައު އީޖާދުތަކެއް ހޯދާނެ. އެކި ގޮތްގޮތަށް މި ކުށްތަކަށް އަރައިގަނޭ" ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރައޫފުއްދީން ސައީދު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގެ ސައިބާ ކްރައިމްގެ ހާލަތު އޮތްގޮތުން، އެންމެ މަހެއްގައި ކޮށްލާ މަސައްކަތުން އެކަމަށް އެކަށީގެންވާ ގޮތެއްގައި ހޭލުންތެރި ނުކުރެވޭނެ ކަމަށާއި އަދި އެފަދަ ކުށްތައް ހުއްޓުވުމަށް ފަރުދީ ގޮތުންނާއި ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"މިހާރު ގިނަވެގެން މިއުޅެނީ ސައިބާ ސެކިއުރިޓީ ހިމެނޭ ސައިބ ކްރައިމްތައް. މިފަދަ ކުށްތައް މި ހިންގަނީ ހަގީގަތުގަ ސައިބާ ސެކިއުރިޓިއަށް ހޭލުންތެރި ނުވީމަ. ޑިވައިސްތައް އޭގެ އެންމެ ރަނގަޅު ގޮތުގައި އަދި ރައްކާތެރިގޮތުގައި ބޭނުން ނުކުރެވޭތީ. ސައިބަރ ސްޕޭސްގެ ތެރެއިން އަޅުގަނޑުމެން ވަރަށް ބައިވަރު ކަންކަން އެބަކުރަން. މުނިފޫހިފިލުވުމާއި، ފައިސާގެ މުއާމަލާތްތަކާ އަދި ތައުލީމު ހާސިލުކުރުންފަދަ އެތައް ކަމެއް އެބަހިމެނޭ"

އެތަކެތި ރައްކާތެރިގޮތުގައި ބޭނުން ނުކުރެވުމުގެ ނަތީޖާއަކަށްވާނީ ކޮންމެވެސް ހިސާބަކުން ގެއްލުމެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ދިޔުން ކަމުގައި ރައޫފުއްދީން ސައީދު ވިދާޅުވި އެވެ.

އޮކްޓޫބަރު މަސް ސައިބާ ކްރައިމް އެވެއާނަސް މަހެއްގެ ގޮތުގައި ފާހަގަކުރި ނަމަވެސް މިހާރު މި މުޖުތަމައު އޮތް ހާލަތަށް ބަލައިފިނަމަ އެއީ އެންމެ މަހަކުން ހޭލުންތެރިވެ ކަންކަން ހައްލުވާނެކަމެއް ނޫން ކަމަށާއި އަދި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް އެފަދަ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރަންވާ ކަންކަން ރާވައި ހިމަނާފައިވާ ކަމަށްވެސް ރައޫފުއްދީން ސައީދު ވިދާޅުވި އެވެ. 

އެގޮތުން، ސްކޫލުތަކުގެ މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ވެސް ހޭލުންތެރިކުރުވުމުގެ އެފަދަ ގިނަ ޕްރޮގްރާމުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އޮކްޓޫބަރު މަހަކީ އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިނަލްއަގުވާމީ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް