އެމަނިކުފާނު މިވަގުތު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ އެގައުމުގެ ރައީސް ދްރޫޕަތީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސާއި އިންޑިއާގެ ރައީސް ބައްދަލުކުރެއްވީ ރާޝްތުރަޕަތީ ބަވަންގަގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެގައުމުގެ ގުޅުންތަކާ ގުޅިގެން ވާހަކަ ދައްކަވާ ފައެވެ.
ރައީސް މުއިއްޒު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައި އެގައުމާއެކު ތަފާތު އެކި ދާއިރާތަކުން މުހިއްމު ގިނަ އެއްބަސްވުންތަކެއް ސޮއިކޮށްފަ އެވެ.
މޯދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި އަދި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.
އިންޑިއާއަށް ރައީސް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.