އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާ މޯލްޑީވްސް ބިޒްނަސް ފޯރަމްގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ، ޑިޖިޓަލް އިގުތިސާދެއް ގެނައުމަށް ކުރެވޭ މަސައްކަތުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.
ރައީސް ވިދާޅުވީ ގިނަ ދާއިރާތަކުން ރާއްޖޭގައި އިންވެސްޓު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އިންވެސްޓްމަންޓަކާ އެކުގައި ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.
ރާއްޖެ މިހާރު މިސްރާބު ޖަހާފައި ވަނީ ޑިޖިޓަލް އިކޮނޮމީއެއް ގާއިމް ކުރުމަށް ކަމަށް ވާއިރު، އިންޑިއާއަކީ އެ މަސައްކަތުގައި މުހިންމު ބައިވެރިއަކަށް ވެ، އިސް ދައުރެއް އަދާކޮށްދޭން ރައީސް އެދިވަޑައިގަތެވެ. ސަބަބަކީ އިންޑިއާއަކީ ޑިޖިޓަލް އިކޮނޮމީގައި އެންމެ ކުރީގައި އުޅޭ ގައުމު ކަމަށް ވުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމުގެ އަމާޒާ އެކު ބޭނުންފުޅުވަނީ މި ޒަމާނަށް ފެތޭ ގޮތަށް ޑިޓަލް ނިޒާމެއްގެ ތެރެއިން ފައިސާގެ މުއާމަލާތު ކުރާނެ ގޮތްތަކެއް ކަމަށެވެ. އެހެންވެ، ރައްކާތެރި ނިޒާމެއް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އިންޑިއާގެ ތަޖުރިބާ އާއި އެހީތެރިކަން އެ ދާއިތާ އިން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދުގެ ބިނާވަނީ ފަތުރުވެރިކަމުގެ މައްޗަށްކަމަށާއި، ނަމަވެސް އެ ސިނާޢަތް ފުޅާކުރުމާއެކު ކެޕިޓަލް މާކެޓް ފުޅާކޮށްގެން، ރާއްޖޭގެ މާލީ ދާއިރާ އިސްލާހު ކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެގޮތުން އިންޓަރނޭޝަނަލް ފައިނޭޝަނަލް ސެންޓަރު އުފެއްދުމާއެކު މާލީ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް މި ކުއާޓަރުގެ ތެރޭގައި ހިންގަން ފަށާނެކަމަށެވެ. އަދި އެއީ މި ދާއިރާއިން ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއެއްކަމަށް ރައީސް ވިދާޅުވި އެވެ.
މި ކަންކަމާ އެކު ރާއްޖޭގެ އިގްތިސާދު ކުރިއަރައި، ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއެކު ރާއްޖެއިން ލިބޭ މަންފާ ބޮޑުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ހުންނެވީ އިންޑިއާގަ އެވެ. އެމނަިކުފާނު މިއަދު ވަނި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ ބައްދަލުކުރައްވާފަ އެވެ.