ads
ލޯންޗެ ކިނބިދޫ ނެރު ފަސްގަނޑަށް އަރާފައި - ފައިލް ފޮޓޯ: އިބްރާހިލް ރިލްވާން
ފެރީ ލޯންޗުތަކުގައި ރޭސް ޖެހުން ބޮޑު "މުސީބާތެއް"!
"ކަނޑު ގަދަ ދުވަހެއް ނޫން. ނަމަވެސް މެދުރާއްޖެތެރޭގެ ރަށަކުން މާލެ އައުމަށް ލޯންޗަކުން ކުރި ދަތުރެއްގައި ހީވީ ތޫފާނެއްގެ ތެރޭގައި ދަތުރުކުރަމުން ދިޔަހެން. ލޯންޗު ދުއްވަން ހުރި ކެޕްޓަނަކީ ދަންނަ މީހެއްކަމުން އޭނާއަށް ލޯންޗު ދުއްވަން ނޭގެނީއޭ ބުނެވޭކަށް ނެތް. ލޯންޗުގައި އިން މުސްކުޅި މީހެއްވެސް ގޮނޑީގަ ނީދެވިގެން ކޮޅަށް ތެެދުވެވެސް. ކުޑަކުދިން ވެސް ރޮނީ. އެކަމަކު ލޯނޗު ދުއްވާފަ ދިޔައީ ހަމަ ކެޓަގަރީ ފަހެއްގެ ތޫފާނެއްގެ ތެރޭން ދާނެ އުސޫލުން. އިރުކޮޅަކުން އެނގުނީ ކުރިމަތިން އޮތް ލޯނޗާ ވާދައަށްކަން މި ރޭސް ޖަހަނީ. މާކަނޑުގަ،" ރޭސް ޖެހި ލޯންޗެއްގައި އިން މީހަކު ކިޔައިދިނެވެ.
Advertisement

މިފަހުން އާންމު ވި ވީޑިއޯ ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. މިދައްކަނީ އޮގަސްޓް 13 ވަނަ ދުވަހު ތޮއްޑޫއަށް ދަތުރު ކުރަމުން ދިޔަ 3 ފެރީ ލޯންޗެއް ރޭސް ޖެހިވާހަކައެވެ.

ބޯޓު ކެޕްޓަނެއްގެ އެންމެ މުހިއްމު މައްސޫލިއްޔަތަކީ ޕަސަންޖަރުން ގޮވައިގެން މަންޒިލާ ހަމައަށް ރައްކާތެރިކަމާއެކު ގެންގޮސްދިނުމެވެ. ނަމަވެސް ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ޕަސްޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމާވެސް ދުރުވީއެވެ. އެންމެފަހުން ކެޕްޓަންކަމުގެ ޕްރޮފެޝަނަލިސަމް ބަދަލުވީ ކުޅޭ ކުޅިވަރަކަށެވެ.

"އަމިއްލައަށް ލޯންޗުގަނެގެން ރޭސް ޖަހާނަމަ ރަނގަޅު. އަޅުގަނޑުމެން މި ލޯންޗަށް އަރަނީ އަމިއްލަ އަތުން ހަރަދުކޮށްފަ. ދެން ލޯންޗުތަކުގެ ކައްޕިން ރޭސް ޖަހަނީ އޭގައި ތިބޭ އަންހެން ކުދިންނަށް ފޮނިކަނޑަން ކަމަށްވެސް ވެދާނެ. އެކަމަކު އެންމެނަށްވެސް އެނގޭ އެ ލޯންޗަކީ އެހެން މީހެއްގެ ލޯންޗެއްކަންވެސް. ރޭސްޖަހާ ކައްޕިންނަކަށް ނޭގޭ މޮޅުކޮށް ދުއްވުމަކީ އަރާމު ދަތުރެއް އެންމެގަދައިގަވެސް ކޮށްލުންކަމެއް،" ލޯންޗު ތަކުގައި ރޭސް ޖެހުމާ ގުޅޭގޮތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

your imageރޭސް ޖަހަނިކޮށް ފެންނަ ލޯންޗުތަކުގެ ސްކްރީން ޝޮޓެއް

ވިއްސާރަ މޫސުމުގައި ރާއްޖޭގެ ކަނޑުތައް އިންތިހާއަށް ގަދައެވެ. ސަމާލުކަން ދީ ގަވައިދާ އެއްގޮތަށް ދުއްވާފަހަރުވެސް ހިތާމަވެރި ހާދިސާތައް ހިނގާދެއެވެ. ކަނޑުމަތީ ހާދިސާތައް ގިނަވެ ރައްކާތެރި ފިޔަވަޅު އަޅަން ޖެހޭ ދަނޑިވަޅުގައި އެދުވަހު ތޮއްޑޫ ފެރީތައް ދުއްވި 3 ކެޕްޓަނުން ދައްކުވައިދިނީ ނަމޫނާ މިސާލުގެ މުޅިން އިދިކޮޅެވެ. މި ފަހަރު ބޮޑު ހާދިސާއެއް ނުހިނގި ނަމަވެސް މިއީ ކަންބޮޑުވެ ވިސްނާލަން ޖެހޭ ކަންކަމެވެ.

އާންމުގޮތެއްގައި ސްޕީޑް ބޯޓު އެކްސިޑެންޓްތައް ރާއްޖޭގައި އިތުރުވެފައިވަނީ ކީއްވެ:

ރާއްޖޭގައި ސްޕީޑްބޯޓު އެކްސިޑެންޓްތައް ދަނީ ދުވަހުން ދުވަހަކަށް ކަންބޮޑުވާވަރަށް އިތުރުވެފައެވެ. އެގޮތުން  ގާތްގަނޑަކަށް ކޮންމެ ފަސް ދުވަހަކުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ހާދިސާތައް ރިޕޯޓް ކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ރޭޓުން ބަލާނަމަ ރާއްޖޭގައި އަހަރެއްގެ ގާތްގަނޑަކަށް 60 ސްޕީޑް ބޯޓް އެކްސިޑެންޓް ހިނގާދެއެވެ.

މިފަދަ އެކްސިޑެންޓްތައް ދިމާވާން މެދުވެރިވާ މައިގަނޑު ސަބަބުތައް:

ބައެއްގެ އިހުމާލުން: ގިނަ އުޅަނދުފަހަރު ހިންގާ ފަރާތްތަކުން ސަލާމަތީ ގަވާއިދުތަކަށް ފަރުވާކުޑަކޮށް، ފަސަންޖަރުންގެ އެންމެ ބޮޑު ކެޕޭސިޓީ ފަދަ ގަވާއިދުތަކަށް އަޅާނުލާ ދޫކޮށްލާ ފަހަރު އާދެއެވެ.

މޫސުން ގޯސްވުން: ގަދަ ކަނޑުގަދަ ދުވަސްވަރު އެކްސިޑެންޓްތައް ގިނައިން ދިމާވަނީ ހާއްސަކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން އިންޒާރު ދިނުމުންވެސް އެކަމަށް ސަމާލުނުވެ ދަތުރުކުރުމުންނެވެ.

ސޭފްޓީ އިކުއިޕްމަންޓް ނެތުން: ލައިއިފް ޖެކެޓް ނާޅާ ފަސިންޖަރުންގެ ސަބަބުން ހާދިސާތައް އިތުރަށް ގޯސްވެ، މަރުވެ ނުވަތަ ފުރާނައަށް ނުރައްކާވުން ފަދަ ކަންކަންވުން  ވަނީ އިތުރުވެފައެވެ.

2019 ވަނަ  އަހަރުން މި އަހަރާ ދެމެދު ހިނގާދިޔާ ބައެއް ނުރައްކާތެރި ސްޕީޑް ބޯޓު އެކްސިޑެންޓްތަކުގެ ހަދާން އާކޮށްލުން މުހިއްމެވެ.

ހަނިމާދޫ އެކްސިޑެންޓް: 29 އޮގަސްޓް 2019 

ހަނިމާދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލުމުގެ ސަބަބުން ކުޑަކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހަކު އެދުވަހު ދުނިޔެދޫކޮށް ދިޔައެވެ. ނޮޅިވަރަންފަރުން ދިހަ ފަސިންޖަރުންނާއެކު ދަތުރުކުރަމުންދިޔަ މި ދޯންޏަކީ ދެކުނު ފަރު މައްޗަށް ފުރޮޅާލި ބޯޓެކެވެ. އެ ބޯޓު ދަތުރުކުރަމުން ދިޔައީ ޔެލޯ އެލާޓް ނެރިފައި އޮތް ދަނޑިވަޅެއްގައެވެ.

ހުޅުލޭ ލެގޫން:  އޮކްޓޯބާ 2020

އެ ދުވަހު ހުޅުމާލޭ ފަޅުތެރެއިން ވަނީ ލޯންޗެއް ފުރޮޅާލާ ބަންޑުން ޖަހާލާފައެވެ. އެ ހާދިސާގެ އިތުރުންވެސް އެދުވަހު އެކަނި އޭފަދަ ގިނަ ކޭސްތަކެއް އެމްއެންޑީއެފއަށް ރިޕޯޓްކުރިއެވެ. އެއީ މޫސުން ގޯސްވެ ސަލާމަތީ ކަންބޮޑުވުންތައް  އިތުރުވެފައިވާ ދުވަސްވަރެކެވެ.

މީގެ އޭގެފަހުން ފަހުން ވެސް ފާހަގަކޮށްލެވޭ އެއް ހާދިސާއެއް ގޮތުގައި އާންމުންގެ ސަމާލުކަމަށް ގެނެވިފައިވަނީ ލޯންޗަކުން ޖެހި ބިދޭސީއަކު ނިޔާވި ހާދިސާއެވެ. މަރުވީ ދަނގެތި ކައިރިން ފާނަ މަސްވެރިކަމަށް ގޮސް އުޅުނު ބިދޭސީއެކެވެ.

މިއީ ހިތާމަހުރި ހާދިސާތަކެވެ. ތޮއްޑޫ ކައިރިން ނުރައްކާތެރިކޮށް ލޯންޗުތައް ދުއްވި މައްސަލަ ބަލަމުން އަންނައިރު އެ 3 ކެޕްޓަނުންގެ ލޯންޗުދުއްވުމުގެ  ލައިސެންސް ހިފަހައްޓާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޮންމެ ސަރުކާރެއްވެސް ދަނީ މިފަދަ ހާދިސާތައް ހިނގުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިއަދާހަމައަށް އާއިރުވެސް އެކަށީގެންވާ ނަތީޖާއެއް ފެނުން ވަނީ ދަތިވެފައެވެ. ރާއްޖޭގައި ހާލަތުހުރިގޮތުން ބޭނުންވަނީ ހަރުދަނާ ދެމެހެއްޓެނިވި ފިޔަވަޅުތަކެކެވެ. ހޭލުންތެރިކަންވެސް މިހަރަށްވުރެ ބޮޑުތަނުން އިތުރުކުރަން ޖެހެއެވެ. އަދިވެސް ވަގުތުއެބައޮތެވެ. ފިޔަވަޅު އަޅާ ހޭލުންތެރިވާން މަސައްކަތް ކުރަން ލަސްކުރަންވީ ކީއްވެހެއްޔެވެ. ފަރުވާކުޑަކަން މަތީ ތިއްބާ މާދަމާ އަނެއްކާވެސް ދޫކޮށްދާނީ އިތުރު މައުސޫމް ފުރާނައެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް