އެގޮތުން، ސަރުކާރުން މިއަދު ގެޒެޓުކޮށްފައި ވަނީ ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުން ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާ ބެހޭ ގަވައިދުގެ ޖަދުވަލު ހައެއްގެ ފަހަތަށް (ބ)ގެ ގޮތުގައި އިތުރުކޮށްފައިވާ އަކުރެކެވެ. (ބ) އަކީ ފެހުރިއްސާއި އެތަކެތީގެ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.
އެ ގަވާއިދަށް އަމަލު ކުރަން ފަށާނީ ގެޒެޓުކުރާތާ ތިން މަސް ދުވަސް ފަހުންނެވެ.
އެ ގަވައިދުގައި ވަނީ ފެހުރިއްސާ މެދު އަމަލު ކުރަން ޖެހޭ ގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފަ އެވެ. އަދި ފެހުރިހި ފެންނަ ސަރަހައްދުގައި އުޅަނދު ފަހަރު އަމަލު ކުރަންވީ ގޮތް ވެސް ވަނީ ކިޔާދީފަ އެވެ.
އެގޮތުން ފެހުރިހީގެ ގައިމަތިން އުޅަނދު ފަހަރު ދުއްވުން ވަނީ މަނާކޮށްފަ އެވެ. ފެހުރިއްސެއް ފެންނަ ހާލަތެއްގައި އެތަކެތި ހުރަސް އަޅައިގެން ނުވާނެ، އުޅަނދުގެ މިސްރާބު ފެހުރިއްސަށް ހުރަސް ނޭޅޭނެ ގޮތަކަށް ބަދަލު ކުރަން ވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ގަވާއިދުގައި ބުނެފައިވާ ބައެއް ކަންތައްތައް:
މި އުސޫލު ހެދި އިރު، ފެހުރިހި ދައްކަން ޓޫރިސްޓުން ގެންގޮސް ތޮއްޖައްސާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.
ރާއްޖޭގައި ފެހުރިހި ފެންނަނީ މައިގަނޑު ދެ ސަރަހައްދަކުންނެވެ. އެއީ ބ. ހަނިފަރު ކައިރިންނާއި އދ. މާމިގިލީ ބޭރުންނެވެ. އެ ދެ ސަރަހައްދު ވެސް ސަރުކާރުން ވަނީ ހިމާޔަތްކޮށްފަ އެވެ. އަދި އެ ސަރަހައްދުތައް ރަނގަޅަށް މޮނީޓާ ނުކުރެވި، ފާއިތުވި އަހަރުތަކުގައި ވަނީ ފެހުރިހި ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.