މި މަޝްވަރާތައް ބާއްވާފައިވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އިޓަލީވިލާތުގެ ޓޫރިޒަމް މިނިސްޓަރު ޑާނިއެލާ ސަންޓޭންޗްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުވުމަށްފަހު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ، އެގައުމުގެ ފަތުރުވެރިން ރާއްޖެއައުން އިތުރު ކުރެވޭނެ ސްޓްރެޓެޖީތަކާއި އެގައުމުގެ ވިޔަފާރިތަކުން ރާއްޖެއަށް އިންވެސްޓުކުރުމުގެ އިތުރުން ގުޅިގެން ކުރެވޭނެ އިތުރު މަސައްކަތްތައް މަޝްވަރާ ކުރެއްވި ކަމަށެވެ.
މިނިސްޓަރު ފައިސަލް އިއްޔެ ވަނީ އިންޑިއާގައި ބޭއްވި "މޯލްޑިވްސް އިންޑިއާ ނެޓްވޯކިން އީވްނިން"ގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި އިންޑިއާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް ބޭއްވި މި އިވެންޓުގައި އެގައުމުގެ މަޝްހޫރު ފިލްމުސްޓާރުން ވެސް ވަނީބައިވެރިވެފަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެއެވެ. އެގޮތުން ރާއްޖެއަށް 5 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިޓަލީންނެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 107799 ފަތުރުވެރިން ރާއްޖެއައިސްފައިވެ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހުގެ ފުރަތަމަ ހަ ދުވަހު ރާއްޖެ އައީ 30601 ފަތުރުވެރިންނެެ. މިދިޔަ އަހަރު އެ މުއްދަތުގައި އައިސްފައި ވަނީ 29259 ފަތުރުވެރިންނެވެ.
މި އަހަރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 227،978 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެއީ މި އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 15 ޕަސަންޓެވެ.
ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާއިންނެވެ. މި އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 10.9 އިންސައްތަ ރަޝިޔާއިން ހިއްސާކުރާއިރު، އެ ގައުމުން އައިސްފައިވާ ފަތުރުވެރިންގެ އަދަދު 166،172 އަށް އަރަ އެވެ.
ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ އިނގިރޭސިވިލާތުން 128،262 ފަތުރުވެރިންވަނީ އައިސްފައެވެ. އެއީ މި އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 8.4 އިންސައްތަ އެވެ.
ޓޫރިޒަމް ދާއިރާގައި 1،216 ތަނަކުން ހިދުމަތްދޭއިރު، އޭގެ ތެރޭގައި ހިމެނެނީ 182 ރިސޯޓާއި 795 ގެސްޓް ހައުސް އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާ 10 ޕަސެންޓުގައި ކުރިއަރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.