މި ދަތުރުފުޅުގައި ވެވޭ އެއްބަސްވުންތަކުގައި ހިމެނެނީ ހަމައެކަނި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ ވާހަކަކަމަށް ވަޒީރު ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޣައްސާން ވިދާޅުވީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އަދި އެހެން އެއްވެސް ދަތުރުފުޅެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް ލިބިދާނެފަދަ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް އެއްބަސްވުމެއްގެ ދަށުން ދިވެހިންގެ ސިޔާދަތީ ބާރު ގެއްލޭފަދަ ކަމެއް ރައީސް މުއިއްޒުގެ ސަރުކާރުން ކޮށްފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ދިފާއުކޮށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކަމަށެވެ. އަދި އެކަން ކުރާނީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ މަސައްކަތްޕުޅަކީ ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލާއި މިނިވަންކަން ދިފާއުކުރުމުގައި ދިވެހިންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސްގެ އިންޑިޔާ ދަތުރުފުޅުގައި ހެދުނު ހުރިހާ އެއްބަސްވުމެއްގައިވެސް ހިމެނެނީ ރާއްޖެއިން އެދިއްޖެ ހާލަތެއްގައި އެދުނު މިންވަރަކަށް ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމުގައި އެހީތެރިވުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގެ ޒިންމާތައް އެހެން އެއްވެސް ގައުމަކާ ހަވާލުކުރާ ކަހަލަ ވާހަކައެއް ނުދެކެވޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.