ads
ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެޑިޔުކޭޝަންގެ އާ ވެބްސައިޓް: ކޮންމެ ސްކޫލަކަށް ހާއްސަ ޕޭޖެއް
އެޑިއުކޭޝަން މިނިސްޓްރީގެ އާ ވެބްސައިޓްގައި ރާއްޖޭގެ ކޮންމެ ސްކޫލަކަށް ހާއްސަ ޕޭޖެއް ހިމަނައިފި އެވެ.
Advertisement

އެޑިޔުކޭޝަން މިނިސްޓަރީގެ އާ ވެބްސައިޓް މިއަދު އިފްތިތާހު ކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ.

މި ވެބްސައިޓްއަކީ މިނިސްޓްރީ އިން 2012 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ކުރީގެ ވެބްސައިޓް ރީޑިޒައިންކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވެބްސައިޓެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ ވެބްސައިޓުގައި ރާއްޖޭގެ ސްކޫލްތަކުގެ މައުލޫމާތު ހިމެނޭހެން ކޮންމެ ސްކޫލަކަށް ހާއްސަ ވެބް ޕޭޖެއް ފަރުމާކޮށްފައިވާކަމަށެވެ. އެގޮތުން އެ ޕޭޖުން، ސްކޫލުތައް އުފެދިގެން އައިގޮތާއި އެ ސްކޫލުތަކުގެ ތާރީހުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ އަދަދު ފަދަ މައުލޫމާތުތަށް ހިމަނާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި  ވެބްސައިޓުން ތައުލީމީ ދާއިރާގެ މުހިންމު ބައެއް ތަފާސް ހިސާބުތަކާއި، މިނިސްޓްރީގެވެސް މުހިންމު ހަބަރުތައް ފެންނަން ހުންނާނެ ކަމަށް އެ މިނިސްޓްރީން ފާހަގަ ކުރެއެވެ.

އޭގެ އިތުރުން އާ ވެބްސައިޓް މެދުވެރިކޮށް، މިނިސްޓްރީއިން ދެމުންގެންދާ ހިދުމަތްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވި، އޮންލައިން މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ކަމުގެ ޔަގީން ކަން މިނިސްޓްރީން ދެއެވެ.

މި ވެބްސައިޓް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވީ، މި ވެބްސައިޓަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ. އެގޮތުން، މިނިސްޓްރީގެ ތާރީހް އަދި ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންގެ މައުލޫމާތު މި ވެބްސައިޓުން ފެންނަން ހުންނާނެ ކަން މިނިސްޓާ ފާހަގަކުރެއްވިއެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި މި ވެބްސައިޓް އިތުރަށް ތަރައްގީކޮށް، މައުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ" އެޑިއުކޭޝން މިނިސްޓަރު ވިދާޅުވިއެވެ.

އޭގެއިތުރުން ސްކޫލުތަކުން ހިންގާ ހަރަކާތްތައް މި ވެބްސައިޓް މެދުވެރިކޮށް ފެންނަން ހުންނާނެ ގޮތް ހެދުމަކީވެސް މިނިސްޓްރީގެ އަމާޒެއް ކަމުގައި މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް