މި ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހަފުތާ ބަންދުގައެވެ.
ސިޔާމް އާއި ޒާރާގެ ކައިވެނި ބޭއްވުނީ މާލެ އަތޮޅުގައި އޮންނަ ސިޔާމްގެ އޮޅުވެލި ރިސޯޓުގައެވެ. މި ކައިވެންޏަކީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކައިވެންޏެވެ. ކައިވެނީގެ ހަފުލާގައި ޒާރާގެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވިއެވެ.
ކަމަދޫ ރައްޔިތުންނަށް ބާއްވާ ހާއްސަ ހަފުލާގެ އިތުރުން، ސިޔާމް ވަނީ ކައިވެންޏާ ދިމާކޮށް ކަމަދޫއަށް ތިން އަސް ވެސް ފޮނުވާފައެވެ. މީގެ ތެރޭގައި ހިމެނެނީ ހުދުކުލައިގެ ދެ އަހާއި މުށިކުލައިގެ އަހެކެވެ. ސިޔާމަކީ އަހަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
ސިޔާމް އާއި ޒާރާގެ ރަންކިޔުމުގެ ހަފުލާއަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. މި ހަފުލާގައި ޒާރާ ވަނީ ސިޔާމަށް އަމާޒުކޮށް ހާއްސަ ލަވައެއް ވެސް ކިޔައިދީފައެވެ. މި ލަވައިގައި ހިމެނެނީ އެ ދެ މީހުންގެ ކައިވެންޏާއި ސިޔާމާ މެދު ޒާރާ ދެކޭ ގޮތުގެ ވާހަކަތަކެވެ. ކަމަދޫ ރައްޔިތުންނަށް ބާއްވާ ހަފުލާގައި މި ލަވަ އަޑުއެހުމުގެ ފުރުސަތު ލިބޭނެކަމަށް ބެލެވެއެވެ.