އެ ބިއުރޯއިން ބުނީ މާލެ ސަރަހައްދުގައި ކުރުމަށް ހަމަޖެހިފައިވާ "ލޭބާފޯސް ސާވޭ 2024-2025" ގައި ހަރަކާތްތެރިވުމަށް 12 އެނިއުމަރޭޓަރުން ބޭނުންވާކަމަށެވެ.
މި ސާވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ. އަދި މީހުން ހޮވުމުގައި ބޯހިމެނުން ނުވަތަ މިފަދަ ސާވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދޭނެކަމަށްވެސް އެ ބިއުރޯއިން ބުނެއެވެ.
ސާވޭގައި އުޅޭ މީހުންނަށް ދޭ އެލަވަންސް
- ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ
- މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500 ރުފިޔާ
- ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް -/20 ރުފިޔާ
އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް މިމަހުގެ 21 – 24 އޮކްޓޯބަރ 2024އަށް ތަމްރީނެއް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ. ސާވޭގެ މުއްދަތުގައި މަހަކު އެއްފަހަރު ހަފްތާއަކު ހަ ދުވަހު ފީލްޑް މަސައްކަތް ކުރިއަށްދާނެކަމަށްވެސް އެ ބިއުރޯއިން ބުނެއެވެ.
މި މަސައްކަތުގައި ވައިވެރިވާން އެދޭ ފަރާތްތަކަށް މިމަހުގެ 14 ވަނަދުވުގެ ނިޔަލަށް ފުރުސަތު ހުޅުވާލައިފައިވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ. މިކަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށައަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށާއި މިސާވޭއާއިބެހޭ އިތުރު މަޢުލޫމާތު 3008400 ނުވަތަ 3008408 އިން ލިބޭނެކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ.