ބަޑި މުބާރާތަކީ އާއްމުކޮށް މީގެ ކުރިން ހަމަ އެކަނި ސިފައިންނަށް އޮންނަ މުބާރާތެކެވެ. ރާއްޖޭން ބޭރުގައިވެސް ބަޑި މުބާރާތުގައި އާއްމުކޮށް ރާއްޖެ ތަމްސީލުކޮށްފައިވަނީ މިހާތަނަށް ސިފައިންނެވެ.
ފުރަތަމަ ފަހަރަށް އާއްމުންނަށް ބައިވެރިވެވޭ ގޮތަށް "ނެޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް 2024" ބާއްވަން ނިންމާފައިވާކަން ޝޫޓިން އެސޯސިއޭޝަނުން ހާމަކުރީ ޓީވީ ޝޯއެއްގައެވެ.
ޝޫޓިން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރު އިސްމާޢީލް ޝަފީގު ވިދާޅުވީ ޝޫޓިން ކޮމިއުނިޓީ ތެރޭގައި ބަޑިޖެހުމުގެ ކުޅިވަރުގައި ވަރަށް ގިނަ ކުދިން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، މިފަދަ ގޮތަކަށް މުބާރާތެއް ބޭއްވިފައި ނެތް ކަމަށެވެ. މީގެ ކުރިން މުބާރާތްތަކުގައި ބަޑިޖަހައި އުޅުނީ ސިފައިންގެ ތެރެއިން ތަމްރީންވެފައި ތިބި ސިވިލް ކުދިންކަން ފާހަގަކުރައްވަމުން ޝަފީގު ވިދާޅުވީ މިހާރު ސިފައިންގެ ތެރޭގައި މި ކުޅިވަރުގައި ހަރަކާތްތެރިވަނީ އެންމެ ތިން ކުދިން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝޫޓިންގ އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމުގައި ސުކޫލުގައި ކިޔަވާ ދަރިވަރުންނާއެކު 90 އަށްވުރެ ގިނަ ކުދިން މިހާރު އަންނަނީ ތަމްރީނު ހަދަމުންނެވެ.
ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބަޑިޖެހުމުގެ މުބާރާތުގައި 30 އިވެންޓެއް ކުރިޔަށްދާނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މުބާރާތް ކުރިއަށްދާނީ އޯޕަން ކެޓެގަރީގެ އިތުރުން ޔޫތު ކެޓަގަރީ އާއި ޖޫނިއާ ކެޓަގަރީ ހިމެނޭ ގޮތަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފަވަނީ އަންނަ މަހުއެވެ.