ހދ. ކުޅުދުއްފުށީގައި ބޭއްވި އިދިކޮޅު އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލް ހިންގުމުގައި ސަރުކާރުގެ ފަރާތުން މިހާތަނަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާ ކަމަށާއި ކުރަން ބޭނުންވި ކަންކަން ހަމަޖެހުނު ކަމަށެވެ.
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި އާޒިމް ވިދާޅުވީ އެ ޕާޓީގެ 15 މީހަކަށް ކޮންސަލްޓެންޓުގެ ވަޒީފާ ވެސް ސިޓީ ކައުންސިލުން ހަމަޖައްސާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ މަސައްކަތް ކުރަނީ އެންމެންނާއި ގުޅިގެން މާލެ އަށް ކަންކަން ކޮށްދެވޭތޯ ކަމަށާއި އެމްޑީޕީގެ މޭޔަރަކަށް ހުރެ ކަމެއް ނުކުރެވިއްޖެނަމަ އެކަމުގެ ބަދުނާމު ސީދާ ޕާޓީގެ ބޮލުގައި ވެސް އަޅުވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް އާސަހަރާގެ މަސައްކަތް ވެސް ނިމި، ބުޅާ ފެސިލިޓީގެ މަސައްކަތްތައް ވެސް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވިގޮތުގައި އޭނާ މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރައްވަނީ އެންމެންނާ ވެސް ގުޅިގެން އަދި އެންމެންގެ ވެސް ބަސް އަހައިގެން ނެވެ. އާޒިމް އިތުރަށް ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރާއި މިނިސްޓްރީތަކުގެ ފަރާތުން އެއްބާރުލުން ލިބެމުންދިޔުން ކަމަށެވެ.
މޭޔަރުގެ އެވާހަކަފުޅަށްފަހު ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވަނީ މޭޔަރުގެ ވާހަކަފުޅު ސޯޝަލް މީޑިޔާއަށް ޕޯސްޓުކުރާއިރު އެމްޑީޕީގެ މެންބަރުން ސިޓީ ކައުންސިލުގެ ކޮންސަލްޓެންޓުންގެ ގޮތުގައި ނަގާފައި ތިބި ވާހަކަ އުނިކުރުމަށްފަހު ވީޑިޔޯ ޕޯސްޓުކުރުމަށް ސިޓީ ކައުންސިލުގެ މީޑިޔާ ކަންކަމުގައި އުޅުއްވާ ބޭފުޅަކަށް އިރުޝާދު ދެއްވާފަ އެވެ.
މިކަމާ ނުރުހުންވެ ގިނަ ބަޔަކު އަންނަަނީ އެމްޑީޕީއަކީ ކަންކަމުގެ ހަގީގަތް އޮޅުވައިލާ ޕާޓީއެއްކަން ސާބިތުވެއްޖެކަމަށް ބުނެ ފައްޔާޒަށާއި އެ ޕާޓީއަށް ވަރަަށް ބޮޑަށް ފާޑުކިޔަމުންނެވެ.