މިގޮތަށް ނިންމިކަން އަންގާފައިވަނީ ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް ސޮއިކޮށް ކޯޓަތަކަަށް ފޮނުވި ސާކިއުލާއެއްގަ އެވެ.
އެ ސާކިއުލާގައި ވާގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އެ ފަނޑިޔާރަކު އައްޔަން ކޮށްފައިވާ ޖުޑީޝަލް ދާއިރާއިން ބޭރަށް ދަތުރު ކުރާ ނަމަ މީގެ ފަހުން ޖޭއެސްސީގެ ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ސަރުކާރު އިދާރާތައް ހަރަދު ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޖޭއެސްސީން ވެސް ވަނީ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ.
އެ ގޮތުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި އާ ފަނޑިޔާރުން ނެގުމުގެ މަސައްކަތް މަޑުޖައްސާލުމާއި އާ މުވައްޒަފުން ނެގުމުގެ މަސައްކަތް މަޑުޖައްސާލުމުގެ އިތުރުން ބޭރުގެ ފަރާތްތަކުގެ އެހީގައި ހިންގާ ޓްރޭނިން ޕްރޮގްރާމްތައް ފިޔަވައި އެހެނިހެން ޕްރޮގްރާމްތައް ހިންގުން މަޑުޖައްސާލުން ވެސް ހިމެނެ އެވެ. މީގެ އިތުރުން އާ ކޯޓު ހުޅުވުމަށް މިވަގުތު ރަސްމިއްޔާތުތައް ނުބޭއްވުމަށް ވެސް ވަނީ އަންގާފައެވެ.