ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައިވާ ގޮތުން، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރާއިރު، ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރަން ވަނީ ހުށަހަޅާފަ އެވެ. އަދި ފަސްޓް ކްލާހާއި ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްވެސް ބޮޑުކުރަން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކުހަށް ބަދަލެއް ނާންނާނެއެވެ.
އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ އަށްވެސް ހުށަހަޅާފައިވަނީ މިއާ އެއްގޮތް ބަދަލުތަކެކެވެ. މި ބަދަލުތައް ގެންނަން ހުށަހަޅާފައިވަނީ މި އަހަރުގެ ޑިސެމްބަރު 1 އިން ފެށިގެންނެވެ. އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި އިތުރަށް ލިބޭ ފައިސާއިން ސޮވްރިން ޑިވެލޮޕްމެންޓް ފަންޑުގެ ބެލެންސް އިތުރުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މި ބަދަލުތަކާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމަކީ ގައުމުގެ އިގްތިސާދަށް ފައިދާ ކުރާނެ ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށް ވެ އެވެ. ނަމަވެސް މި ބަދަލުތަކާ ގުޅިގެން ޓޫރިސްޓުންގެ އަދަދަށް އަސަރު ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.