މި މުއާހަދާގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ރައީސް މުއިއްޒު ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ރާއްޖޭގައި ގާއިމުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކެންސަރު ހޮސްޕިޓަލު އެޅުމަށް މަގުފަހި ކުރުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވެއެވެ. އައިއޭއީއޭގެ މެންޑޭޓުގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ބޭނުންވާ ރޭޑިއޭޝަން ތެރަޕީ ފޯރުކޮށްދިނުމަށް ބޭނުންވާ އާލާތްތައް ހޯދުމާއި ވޭސްޓް މެނޭޖު ކުރުން ހިމެނެއެވެ.
މި ސަރަހައްދުގެ ގިނަ ގައުމުތަކުން މިހާރު ވަނީ މި އޭޖެންސީގައި ބައިވެރިވެފައެވެ. ނަމަވެސް ރާއްޖެއާއި ބޫޓާނަކީ މިހާތަނަށް މި އޭޖެންސީގައި ބައިވެރިވެފައިނުވާ ދެ ގައުމެވެ. އެޓޮމިކް އެނާޖީއާ ދިމާއަށް ގިނަ ގައުމުތަކުގެ މިސްރާބު ހުރިއިރު ރާއްޖެއަށް ފައިދާ ހޯދޭނެ އިތުރު މަގުތައް ވެސް މިކަމުގެ ސަބަބުން ތަނަވަސް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މަޖިލީހުގެ ރުހުން ލިބުމަށް ފަހު އެ އޭޖެންސީއާ ގުޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ކެންސަރު ހޮސްޕިޓަލު ނިމޭއިރު އެ އޭޖެންސީގައި ބައިވެރިވެ، ލިބެންވީ ފައިދާތައް ލިބޭނެ ކަމުގެ އުއްމީދު އޮތް ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.