ads
ޕީއެންސީގެ ޖަލްސާއެއްގައި ޕާޓީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން - ފޮޓޯ: ޕީއެންސީ
ހަރުކަށި ފިޔަވަޅުތަކެެއް އަޅާ ވޭޕް މަނާކުރުމުން ރައީސްގެ ޕާޓީ ޕީއެންސީން މަރުހަބާ ކިޔައިފި
ރާއްޖޭގައި ވޭޕް މަނާކުރުމުގެ ހަރުކަށި ފިޔަވަޅުތަކެެއް އަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވުމާއި ގުޅިގެން ސަރުކާރު ހިންގާ ޕީއެންސީން މަރުހަބާ ކިޔައިފި އެވެ.
Advertisement

ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

އަދި ވޭޕްކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރުކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވައިފަ އެވެ.

މިކަމާއި ގުޅިގެން ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަސްތުވާތަކެތި ފެތުރުމަށް މިހާރަކަށް އައިސް ބޭނުންކުރަމުންދާ ވޭޕާއި އެއާ ގުޅުންހުރި އެކި ބައިތަކާއި ބާވަތްތަކުގެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރައްވަން ރައީސް ނިންމެވީތީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ނަމުގައި އެމަނިކުފާނަށް ޝުކުރު އަރިސްކުރުމާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

"އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެތަކެތި ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުމާއި ވިއްކުމާއި އެތަކެތީގެ ވިޔަފާރިކުރުމާއި ހިލޭ ބެހުން މަނާކުރެއްވުމަށް ނިންމެވުމަކީ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ހައްގު ގައި ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެކެވެ. އެއީ އަންނާން އޮތް ދިވެހި ޖީލުތައް ހިމާޔަތް ކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމުގައި މި ޕާޓީން ގަބޫލުކުރަމެވެ،"


އެ ބަޔާނުގައި އިތުރަށް ބުނީ ރައީސް މުއިއްޒު އެތަކެތި ރާއްޖެ އެތެރެ ކުރުމާއި، ބޭނުން ކުރުމާއި، ވިއްކުމާއި، އެތަކެތީގެ ވިޔަފާރިކުރުމާއި ހިލޭ ބެހުން މަނާކުރެއްވުމަށް ނިންމެވުމަކީ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުގައި ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށެވެ.

އަދި ބުނީ ރައީސްގެ އެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކޮށް ގައުމުގެ މުސްތަގުބަލަށްޓަކައި އެމަނިކުފާނު ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި ހުރިހާ އިދާރާތަކާއި ވިޔަފާރިތަކާއި އާންމު ފަރުދުން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރާ ކަމަަށެވެ. 

ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ބަންޑަރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމަވާފައިމިވަނީ ރާއްޖޭގައި ވޭޕްކުރުން ވަރަށް ބޮޑަށް އާންމުވަމުންދާތީ ވޭޕް މަނާކޮށް ދޭން ތަފާތު އެކި ޖަމިއްޔާތަކުން ގޮވާލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސް ޑރ. މުއިއްޒު މިއަދު ނިންމެވި ނިންމެވުމަށް ތާއީދުކޮށް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ތައުރީފު ކުރަމުންނެވެ.

ކަސްޓަމްސްގެ ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް އެކަނިވެސް 19.7 މިލިއަން ރުފިޔާގެ ވޭޕް ރާއްޖެ އެތެރެކޮށްފައިވެ އެވެ. ވޭޕް އަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗަކަށްވާތީ 50 ގައުމަކަށް ވޭޕް އެތެރެކުރުން މިހާރުވެސް މަނާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް