ވިފާގު މަރުވީ އުސް އިމާރާތަކުން ވެއްޓި އެވެ. އެ މައްސަލައާ ގުޅޭގޮތުން ވަރަށް ތަފްސީލީ ޑޮކިއުމަންޓަރީއެއް ޗެނަލް 13 އިން ވަނީ ގެނެސްދީފަ އެވެ.
އެ ޑޮކިއުމަންޓަރީގައި ވިފާގު، ނަފްސާނީ މައްސަލަތަކެއްގައި ހޭދަކުރި ދުވަސްތަކާއި އޭނާގެ ވަރަށް ގިނަ މައުލޫމާތުތައް ވީޑިއޯއާ ފޮޓޯ ބޭނުންކޮށްގެން ގެނެސްދީފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ނާޒިމް މިހާރު އުޅެނީ ވިފާގުގެ މަންމައާ ކައިވެނި ކޮށްގެނެވެ.
އަންހެން ކުއްޖާގެ ނަފްސާނީ ފަރުވާއާ ގުޅޭގޮތުން، ފުލުހުންގެ އިސް މަގާމެއްގައި ހުންނެވި އެ ކުއްޖާގެ ބައްޕަ އިބްރާހިމް އަދުނާން އަނީސް އާއި އިންޑިއާގެ ހޮސްޕިޓަލާ ދެމެދު ކުރި އީ-މެއިލްގެ ސްކްރީންޝޮޓް އަދި ބޭސް ސިޓީގެ ފޮޓޯތަކާއި އަނީސްއާ ދެމެދު ދެއްކި ވާހަކަތަކުގެ ސްކްރީންޝޮޓު ޗެނަލް 13 އިން ދެއްކި އެވެ.
އެ ކުއްޖާގެ ޒާތީ މައުލޫމާތު މި މިންވަރަށް އާއްމުންނަށް ދޫކޮށްލާފައި ވަނިކޮށް، ފުލުހުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ވަނީ، ނާޒިމަށް އަމާޒުވި ތުހުމަތުތަކުގެ ދިފާއުގައި، މަރުގެ މައްސަލައެއްގައި އާއްމުކުރަން ނުވާ ވަރުގެ ގިނަ މައުލޫމާތުތަކެއް އާއްމުކޮށްފަ އެވެ.
އެ ނިއުސް ކޮންފަރެންސްގައި، މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު، އަންހެން ކުއްޖާގެ ޒާތީ ވަރަށް ގިނަ މައުލޫމާތު ދެއްވި އެވެ. އެކަމަށް އާންމުންގެ ފަރާތުން ފާޑުކިޔުން ފުލުހުންގެ މުއައްސަސާއަށް އަމާޒުވި އެވެ.
ފާޑުކިޔުން އަމާޒުވުމުން ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައިގެ ތަހުގީގާއި ގުޅުން ހުރި މައުލޫމާތު ދިނުމުގައި މައްސަލައާ ގުޅުންހުރި ތަފްސީލް މައުލޫމާތުތަކެއް، ފުލުހުންގެ ފަރާތުން ދީފައި ވަނީ އެ މައްސަލައާ ގުޅޭގޮތުން މީޑިއާއަކުން އެކަމުގެ ހަގީގަތް އޮޅޭ ގޮތަށް، ފުލުހުންގެ މުއައްސާސާގެ ތަހްގީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއި ގުޅޭގޮތުން އަދި ނިޔާވެފައިވާ ފަރާތުގެ އާއިލާގެ ބައެއް ފަރާތްތަކާއިވެސް ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއްވެސް ހިމެނޭ ގޮތަށް ޕްރޮގްރާމެއް ތަކުރާރުކޮށް ބްރޯޑްކާސްޓް ކޮށްފައިވާތީ ކަމަށެވެ.
ދި ބުނީ އެ މައުލޫމާތު އާންމުކުރީ ވިފާގުގެ މަންމައާ ބައްޕައާ ކުއްޖާގެ އާއިލާއަށް އެނގިގެން ކަމަަށެވެ. ނަމަވެސް ބުނީ ނޫސްވެރީންގެ ބައްދަލްވުމުގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސް ދެވުނުކަން ގަބޫލުކޮށް މާފަށް އެދޭ ކަމަށް ވެސް ބުންޏެވެ.