ads
ތޮއްޑޫ ކަރާ ދަނޑެއް---- ފޮޓޯ: ސީއެންއެމް
ހާހޫރަ ކޮލަމް: ކާފަބޭއާއި ފުޑު ސެކަރަޓީ
މާލޭގައި 63 އަހަރު އުޅުމަށްފަހު، އުފަން ރަށަށް ދިޔުމަށް ކާފަބޭ ގަސްދުކުޅަ ވާހަކަ އެންގުމުން، ތަނު އެޅި ކުނާފަދައިން ގެގައި އޮތް އޮތުން ދޫކޮށް، ކާފާބޭ އާއި ހަމައަށް ދިޔުމަށް މަޖްބޫރުވެ، މެންދުރުން ފައިބައިގެން، ތަންކޮޅެއް ބާ ޓީޝާޓެއް ލައިގެން ހެލިގަންފީމެވެ.

ކާފަބޭ ދިރުއުޅޭ ގޯތި ކަމުގައިވާ "ލޮޓަސް އީޓަރސް" އަށް ހަމައަށް ދިޔުމަށްފަހު މަގުގެ އަނެއް ފަރާތުގައި ހުރެ އަތްފައިން ހަނާއަޅައި އަޑުލައްވައި ހެދުމުން ކާފަބޭގެ އަޑު އިވުނީ ފުޅަލީގެ އަނެއް ފަރާތުންނެވެ. އާދަކޮށް ކާފަބޭ އާއި ބައްދަލުވާ ކޮންމެ ފަހަރަކު، ހައްޕުނޑުގެ ވާރޭއަކުން ތެމުން ނޫން ގޮތެއް ނޯންނާތީވެ، ބާ ޓީ ޝާޓެއް ލައިގެން ހުރިކަމުގައިވިޔަސްް، ފުޅަލި ބިއްދޮށުން ވާހަކަ ދައްކަން ދިމާވުމަކީ، މިދުވަސްކޮޅަށް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ކާފަބޭ: "ކަލޯ އާދަނާ ކޮންސަކަރާތެއް، މިހިސާބުގަނޑަށް އަރައި ތިއުޅެނީ؟ ބަލަ ގޯތީގައި ތިބުމަށް ނަސޭހަތްދީފައި ނޫންތަ ވަނީ؟"

އާދަނު: “ގޯތީގާގަޔޭ ގިނައިން އުޅެނީ، އެކަމަކު ކާފަބޭ އަނބުރާ ރަށަށް ދާން އުޅޭ ވާހަކަ އެންގީމާއެއްނު މިއައީ، ކިޔެއްތަވީ، ކުލި ނުދެއްކުނީ އުތަ؟”  ކުޑަ ސަމާސާއެއް ކޮށްލީމެވެ.  

ކާފަބޭ: ނޫނޭ، ނޫނޭ، މީ އަންހެނުންގެ ގޯތިނު، ދެ ދަރިން ވިހެއެމަށް ފަހު އެގޮއްޔެ ނިޔައިވެ، އެއްކުއްޖަކު ތިން ހަތްދުވަސް ނުވަނީސް، އަނެއް ކުއްޖަކު ޚިތާނު ލެއްވުމުގައި ނިޔައިވީއްސުރެ މިއުޅެނީ އެކަންޏެއްނު، ކީއްވެ ކުލީގެ މައްސަލަ ޖެހެންވީ. ހަމަ ނޭނގިގެންތަ ތި އެހީ؟"

ފުޅަލީގެ އަނެއް ފަރާތުގައި ހުރެގެން ކިޔައިދިންގޮތުގައި، ރަށަށް ދާން މިއުޅެނީ ކާފަބޭގެ ބަހުން "ފުޑު ސެކަރަޓީ"ގެ މަސައްކަތެއް ކުރުމަށެވެ. އަދި މިފަދަ މަސައްކަތަކީ މިވަގުތު ގައުމަށްވެސް އެންމެ މުހިންމު ވެފައިއޮތް، އެންމެ ގިނަމީހުންނަށް ކުރެވޭނޭ މަސައްކަތަށް ވިޔަތީ، ގައުމީ މަސައްކަތެއްގައި ބައިވެރި ވުމުގެ ގޮތުންނެވެ.

އާދަނު: “ ކާފަބޭ ކުރިޔަސް މިފަހަރު ތިކުރަނީ ވަރަށްވެސް ރަނގަޅު ކަމެއް. ތިކަމާ ގިނަމީހުން، ގިނަ ގިނައިން އުޅުނު ވަރަކަށް، ތިބުނާ ފުޑް ސެކަރަޓީ ވާނީ ބޮޑު." އެއްބަސްވެ ހިތްވަރު ދިނުމުގެ ގޮތުން ބުނީމެވެ."އަނެއްކާ ކޯޗެއް ހައްދާންތަ ތިއުޅެނީ؟"

ކާފަބޭ: "ހަމަ އެހެންމީހުންވެސް ހައްދަން މަސައްކަތް ކުރާ ތަކެއްޗެއްނު، ކަރާ، ދޮންކެޔޮ، ނުވަތަ މިރުސް، މިބާވަތްތައްނު، މީނު ގިނައިން ބާޒާރުން ފެންނަ ތަކެއްޗަކީ"

އާދަނު: "ކާފަބޭ ބޭނުންވަނީ އުޅެ ބޮޑުވެ މުސްކުޅިވެދިޔަ ގޯތި ދޫކޮށް ރަށަށް ގޮސް އެހެން މީހުން ކުރާހާ ކަމެއް ކުރަންތަ؟ ނޫނީ އެހެން މީހުންނާ ތަފާތުކޮށް ފައިދާ ބޮޑު ތަކެތި އުފައްދަންތަ؟"

ކާފަބޭ: "މަގޭ ވެސް ބޭނުން ވާނީ ފައިދާއަށް ކުރާކަށެއްނު. އާދަނާ، ކިޔެއްވެގެންތަ ތިހެން ތިބުނީ، އެތަކެއްޗެއް ނޫންތަ ފައިދާ ބޮޑީ، އެހެން ވެގެން ނޫންތަ ގިނަ ބަޔަކު އެކަމާ އެއުޅެނީ؟"

އާދަނު: "ކާފަބޭ، ތިޔަ ކިޔާ، މިރުސް، ދޮންކެޔޮ، ކަރާ ފަދަ ތަކެއްޗަކީ ރާއްޖޭގައި އުފައްދާ ވިއްކާ އަދަދުގެ 10 ނުވަތަ 12  ގުނަ ބޭރުން ގެނެސް ވިއްކާ ތަކެއްޗޭ"

ކާފަބޭ: "އެހެން ވީމާ ރަނގަޅެއްނު، އުފެއްދޭ ވަރު މަދީނު" ފަސޭހަ ކަމާއެކު ކާފާބޭ ރަނގަޅު ގޮތް ހޯދިއެވެ.

އާދަނު: "ކާފަބޭ އަޑުއަހާބަލަ، ބަލަ ތިކިޔާ ތަކެއްޗަކީ ބޭރު ގައުމުތަކުގައި ހައްދައިގެން، އެގަައުމުގެ ދަނޑުތަކުން ގަނެގެން، އެތައް ސަތޭކަ މޭލެއް ކަޑައްތުކޮށް ބަނދަރަށް ގެންގޮސް، ނާލު ދާއްކާފާ މާލެގެނެސް، ކަސްޓަމަށް ޑިޔުޓީ ދައްކާފައި، ފައިދާއާއި އެކުގައި ދިވެހި ދޮންކޭލަށް ވުރެ، ދިވެހި ކަރައަށް ވުރެ، ދިވެހި އަނބަށް ވުރެ، ދިވެހި މިރުހަށްވުރެ، އަގުހެޔޮކޮށް ވިއްކާ ތަކެއްޗޭ. 15 އިންސައްތަ ކަސްޓަމް ޑިޔުޓީއާ ނާލާއި ފައިދާ ވެސް ހިމަނައިގެން ދިވެހި އުފެއްދުންތަކަށްވުރެ އަގުހެޔޮ ކޮށް ވިއްކާތާ ކިހާ ޒަމާނެއް. މިރުސް އަނބު ފަދަ ތަކެތި އަދި ގެންނަނީ ވައިގެ މަގުން އެެއާ ފްރައިޓް ދައްކައިގެންނޭ" ކާފާބޭއަށް އޮޅުން ފިލުވައި ދެވޭތޯ ބެލީމެވެ.

ކާފަބޭ: ކަރައާއި ދޮންކޭލޭ ނޫނަސް، ގެނެސް އެއޮށް ވިއްކަނީ ކައްޓަލަޔާ، ދަނޑިއަލުތްވާ، އަލަޔާ.." ކާފަބޭއަކަށް އަދި ގޮތް ދޫ ކުރެވޭ ވަރެއް ނޫވެއެވެ.

އާދަނު: "ފަލަމަޑީގެ ބާވަތް ތަކަކީ ވެސް ހަނދަރުން އިމްޕޯޓް ކޮށް، ނާލުގެ އިތުރަށް ޑިޔުޓީ ދައްކާފާ ވިއްކާ ތަކެއްޗޭ. ކާފަބޭ ބަލަ، ވިޔަފާރިއަކަށް ތައްޔާރުވަންޏާ ވަންޖެހޭނީ ފައިދާ ހުރި ގޮތުގައި ކުރާކަށެއްނު؟"

ކާފަބޭ: "ތިހާ މޮޅަށް އެނގެންޏާ ބުނެބަލަ، އެވެރިން އެހުރިހާ ހަރަދެއް ކުރުމަށްފަހު އަހަރެމެންނަށް ވުރެ އަގުހެޔޮކޮށް ވިއްކަނީ ފަހެ ކިހިނަކުންތަ؟"

އާދަނު: "އިނގިރޭސި ބަހުން ކިޔަނީ އިކޮނޮމީ އޮފް ސްކޭލް. މާނައަކީ ....." ޖުމްލަ ނިމުނަކަ ނުދިނެވެ.

ކާފަބޭ: "އޭނ! ކީކޭ؟ އެކޮނޮމީ އެކޭ؟ ކޮންމެވެސް ސްކޭލަޔެކޭ؟ ކަލޯ އާދަނާ، ތީ ހަމަ ކަލޭގެ ފާޑޭ. ދެތިން އިނގިރޭސި ބަސް ކިޔަން އެނގުނަކަސް  މަށަށް އޮޅުވާލަން ނޫލެއްޗޭ. ނޫނޭ ނޫނޭ ބުނެބަލަ، ތިޔަބުނާ ސެކޭލަ އަކީ އަނެއްކާ ކޮންބާވަތެއްގެ ޖަނަވާރެއްތަ؟" ކެތްތެރި ކަމެއް އެއްގޮތަކަށްވެސް ނެތް ކަހަލައެވެ.

އާދަނު: " އާން!. އިކޮނޮމީ އޮފް ސްކޭލް، ކާފަބޭގެ ބަހުންނަމަ ސްކޭލަ، އެއީ ބޮޑެތި ބިމުގައި، ގިނަ އަދަދުން ތަކެތި އުފެއްދުމުގެ ސަބަބުން އުފެއްދޭ ކޮންމެ އެއްޗެއް، އެ އެއްޗެއް އުފެއްދުމުގެ އަގަށް އަންނަ ހެޔޮ ބަދަލު. އެވެރިންގެ ބިންބޮޑު، ބޮޑު އެކަންޏެއް ނޫން، މާސިންގާ. އިންޑިޔާގެ އެއް ސްޓޭޓުގައިވެސް، ރާއްޖޭގެ ޖުމްލަ ބިމުގެ ސައިޒް- ހުރިހާ ރަށެއްގެ ބިމުގެ ސައިޒް އެއްކޮށްލުމުން އޮންނާނެ ސައިޒްގައި، ހަމައެކަނި ފަތްކެޔޮ ހައްދާ ކަމަށްވޭ."

ކާފަބޭ: "އާދަނާ އެހެންވެއްޖެއްޔާ އަހަރެމެން ރާއްޖެއަކަށް ތިޔަބުނާ ސްކޭލައިގެ ފައިދާ އެއް ނުކުރާނެތަ؟" ކުޑަކޮށް ކަންބޮޑު ވުމާއެކު ކާފަބޭ އަހާލިއެވެ.

 އާދަނު. "ނޫނޭ، ނޫނޭ، ރާއްޖޭގައިވެސް ރައްޖޭގެ ނިސްބަތުން ސްކޭލައިގެ ބޭނުން ކުރެޔޭ މިހާރުވެސް. އެއް ހޮޓާ ހިންގުމަށް ވުރެ ދެ ހޮޓާ ހިންގުމުން، ހިންގުމުގެ ޚަރަދު ދެބައި ކުރޭ. 4 ނުވަތަ 5 ހޮޓަލަށް އެއް ތަނުގައި ކައްކާ އިރު އެތަކެއް ގޮތުން ކެއްކުމުގެ ޚަރަދު ކުޑަ ކުރެވޭ، ތަކެތި ގަތުމަށް ހިނގާ ޚަރަދުވެސް ކުޑަ ކުރެވޭ. ބޮޑު ކައްކާގެ އެކަކާ، އަތް ދަށު 2 މީހުން ވީމަ، އެތަކެއް ހޮޓަލަކަށް ފުދޭ. ކޮންމެ ހޮޓަލަކަށް ވަކި ބަދިގެޔެކާ މީހުން ހޯދާކަށް ނުޖެހޭ. އުފެއްދުން ތެރި ކަމުގެ ކޮންމެ ކަމަކަށް ސްކޭލައިގެ އަސަރު ކުރޭ." ކާފަބޭގެ ބަހުރުވަ ބޭނުންކޮށްގެން ކިޔާދެވޭތޯ މަސައްކަތް ކުރީމެވެ.

ކާފަބޭ. ސްކޭލަ ހޯދީމާ އެކަނިތަ، އެމީހުންގެ ދަނޑުބިމުގައި ތަކެތި އުފެއްެދުން ތައް އަގުހެވީ؟ ވިސްނަން ހުރެފާ ކާފަބޭ އަހާލިއެވެ.

އާދަނު: "ނޫނޭ، ނޫނޭ" ދަނޑުގެ ކުޑަ ކުޑަ ބޮޑު މިނުން އެކަންޏެއް ނޫން އަހަރެމެންގެ އުފެއްދުންތައް އަގުބޮޑު ވަނީ. އަހަރެމެންގެ ގިނަ ރަށްރަށުގައި ފޫޓެއް ކޮންނަ އިރު ފެނާޖެހޭއިރު، ބަތްތަވައެއްގެ ލޮނު ހެޔޮވަރުކުރަން ބޭނުން ކުރެވޭ ވަރަށް ފެނުގައި ލޮނުގެ އަސަރު ހުންނާނެ. ވެލި ފަށަލައިގެ ތުނި ކަމުގެ ސަބަބުން ކާނާއެއް ނުހުރޭ، ޖެހެނީ ފާޓިލައިޒާ އޭ ކިޔުނު ވަޅުގަނޑަކުން ދަނޑު ބިމަށް ލޮނު ފެންދޭން. އެމީހުންގެ މަސައްކަތް ތެރިންގެ އަގުހެޔޮ. ބިމުގެ އަގު ހެޔޮ، ލިބެން އޮތް ބިމުގެ ސައިޒް ބޮޑު. ވިޔާފާރިއަށް ސްކޭލަ އަރަނީ މިކަހަލަ މިކަހަލަ ބައިވަރު ބައިވަރު ސަބަބުތަކާ ހުރެ."

ކާފަބޭ: "ބަލަ ތިހިސާބުގަ ޖެހެންދެންނޭ މިހުންނަނީ. ސްކޭލައިގެ އެހީގައި އެމީހުން ހުރިހާ އެއްޗެއް އަގުހެޔޮކޮށް އުފައްދަންޏާ، އަދި ނާލާ ޑިޔުޓީ ދައްކާފައި ފައިދާ އާއި އެކު، އަހަރެމެންގެ އުފެއްދުމަށް ވުރެ އަގުހެޔޮކޮށް ގަންނަން ލިބެން ހުންނަންޏާ، ދެން ކޮންސަކަރާތެއް ގަންނަންތަ އެންމެން މިއުޅެނީ. ގަނެގެން ކޭމަ ނިމުނީނު" ބޮނދު ބުޑަށް ސައި ކިޔުނު ކަމަށް ހިވާ ރާގަކަށް ކާާފަބޭ ބުނެލިއެވެ.

އާދަނު: "ބަލަ  ކާފަބޭ ފުޑު ސެކަރަޓީ އަކީ ތަކެތި އިމްޕޯޓް ކުރުން މާނާކޮށްފައި ކާން ބޭނުންވާ ހުރިހާ އެއްޗެތި އަމިއްލަ އަށް ހެއްދުމަށް ކިޔާ ނަމެއް ނޫން. އެހެނެއް ނުބުނެއެއްނު އަކަކުވެސް. ފުޑު ސެކަރަޓީ އަކީ ހާއްސަ ހާލާތްތަކުގައި، މިސާލަކަށް ރޯގާގެ މިފަދަ ދުވަސް ކޮޅެއްގައި، ކެއުމަށް ބޭނުންވާ މިންވަރަށް މުހިންމު ބައެއް ކާތަކެތި ލިބެން ހުންނާނޭ ގޮތް ރޭވުމަށް ކިޔާ ނަމެކޭ."

ކާފަބޭ: "އަހަރެމެން މުސްކުޅިންނަށް އެނގޭ ބަހުރުވައަކުން ކިޔާބަލަ އާދަނާ، ކިޔެއް ވެގެންތަ އެ ގޮވާ ނަގަނީ، އެ މީހަކަށް ހެދުން އެއްޗެއް ހައްދަން މަސައްކަތްް ކުރަން."

އާދަނު: "ގޯތީގައި ހެއްދުން އެއްޗެއް ހައްދައިގެން ލިބެން އޮތް ލުޔެއް ހޯދާށޭ، އަދި މިކަހަލަ ވަގުތު ތަކުގައި އެންމެންވެސް ކުރަން މަޖްބޫރޭ. ގައުމީ ކަމަކަށޭ މިހާރު ވާނީވެސް. އެހެން ނޫންތަ އެކިޔަނީ. ހުސްތަން ކޮޅެއް އޮތިއްުޔާ ހެއްދުނު އެއްޗެއް ހަމަ ހައްދައިގެން އަމިއްލަ ކެއުމަށް ބޭނުންކުރިޔަސް އެއޮތީ ބޮޑު ވަރުނު، ދޮޅަހަކަށް ރުފިޔާ ސަލާމަތް ކުރެވުނީނު؟ ތަން ކޮޅޭއް ގިނައިން ހެއްދެއްޖިއްޔާ، ރަށުތެރެއަށް ވިއްކާލުމުން، ހަތަރުއަނާގެ ތެރެއަށް އިތުރު އަނާއެއް އެކުވިޔަސް، ގިނަވީނު." ކާފަބެއަށް އިނގެންދެން ކިޔައިދެމުން ގެންދިޔައިމެވެ.

ކާފަބޭ: "ސާބަހޭ އާދަނާ، ކިޔާ ކުރުކުރޭ!، ކިޔާ ކުރުކުރޭ!"

އާދަނު: "އެމީހަކަށް ހެއްދުނު އެއްޗެއް ހެއްދުމަށް އެމީހަކު އަމިއްލައަށާއި ރައްޓެހިންނާ އެކުގައިވެސް އުޅެން ވީ ވަގުތޭ މީ. އަދި މިފަދަ ދުވަސް ކޮޅަކަށް ތައްޔާރު ވުމަކީ އަބަދުވެސް ކުރަން ވާނެ ކަމެއްނު. ބަލަ، އިހަށް ދުވަހު ނޫންތަ ހުރިހާ ފްލައިޓެއް ހުއްޓުނީ؟ ރާއްޖެއަށް ތަރުކާރީ ކޮޅެއް ލިބުން ދަތިވީ. ގައުމެއްގެ ގޮތުން އެފަދަ ދުވަސް ވަރަކަށް އަބަދުވެސް ތައްޔާރު ވާނެ ޖެހޭނެނު؟ ނޭނގޭނެނު އަދި ކުރިމަގު އޮތީ ކިހިނަކުން ކަމެއް. އަހަރެމެން ތަރުކާރީ އާއި މޭވޭ ގެންނަ ގައުމުތަކުގެ ދަނޑުބިންތަކުގައި މަސައްކަތް ކުރަން ތިބި މަސައްކަތްތެރިންނަށް ކުރިމަތިވާނީ ކޮންފަދަ ދަތި އުނދަގޫ ދުވަސް ތަކެއް ކަމެއް ނޭނގޭނު. ކަންތައްތައް ނިމޭނީ އެންމެ ރަނގަޅަށް ކަމަށް އުއްމީދު ކުރިޔަސް، ތައްޔާރު ވާން ޖެހޭނެނު، އެންމެ ނުރަނގަޅު ހާލަތަށްވެސް.." ތަންކޮޅެއް ދިގުކޮށް ނަމަވެސް ކިޔާދެވޭތޯ ބެލީމެވެ.

ކާފަބޭ: 'ދެނޯ އަދާނާ، ދެން ކީކޭ ޗަ ކިޔަނީ؟ ވިޔާފާރިއޭ، ފައިދާ ޔޭ، ފަޅޮލޭ، ..... ވިސްނާއްޗޭ" މަގޭ ރަށު ބަހުން މުހާތަބުކޮށް ލަދުގަންނަވާލަން ކަމަށް ކާފަބޭ މަސައްކަތް ކުރިއެވެ.

އާދަނު: "ކާފަބޭ، އަޑު އަހާބަލަ، އެތެރެގޭތެރޭ ދޮރުން ނުކުމެ ދޮރާއްޓާއި ހަމައަށް ހިނގަން އޮންނަ ތަންކޮޅުގައި ކޮޕީފަތާ، މިރުހާ ހައްދައިގެން ދޮރުމަތީ ބަހައްޓައިގެން ވިއްކުމާ، ވިޔާފާރިއަށް ބިންނަގައިގެން، ކުރާ މަސައްކަތާ ތަފާތު ވާނެޔޭ. ފައިދާ ހޯދުމުގެ ނިޔަތުގައި ކުރަންޏާ ވިސްނަން ޖެހޭ ވިސްނުން ތަފާތު ވާނެޔޭ. ގޯތީ ކަނެއްގައި ކުކުޅެއް ވިހައިގެން، ދަރިންކޮޅު ގޮވައިގެން ފައިބުޑުގައި އެނބުރެމުން، މުޅި ގޯތިތެރެ ހަޑިކުރަމުން، ލިބެން ހުރި އެއްޗެއް ކައިގެން، ފިޔޮއްތައް ބޮޑުވުމަކުން އަދި އެއީ ޕޯލްޓްރީ ފާމެއް ގެންގުޅަވުނިއްޔެއް ނޫނޭ، އެއީ ވިޔަފާރިއަކަށް ކަންތައް ކުރަންވީ ގޮތެއް ނޫނޭ. އުޅެ ބޮޑުވެ، މުސްކުޅިވެ، އަނގައިގައި ހުރި ދަތްކޮޅު ކަފުންކޮށް ވަޅުލި ގޯތި ދޫކޮށް، ދަނޑު ހައްދަން ދަންޏާ، ފައިދާ ހުރި، މިޒަމާނުގެ ގިނަ މީހުން ބޭނުންވާނޭ އެއްޗެކަށް ވިސްނައި އެފަދަ އެއްޗެއް ހެއްދޭތޯ މަސައްކަތް ކުރާއްޗޭ." ކުޑަކޮށް ގުނބުހެލުނު ކަމުގައި ވިޔަސް ކެތްތެރި ކަމާއެކު ކިޔާ ދެވޭތޯ ބެލީމެވެ. "މިޒަމާނުގެ ގިނަ މީހުން ބޭނުންވާނޭ ފަދަ، ފައިދާ ބޮޑު ތަކެތި އުފައްދަން މަސައްކަތް ކުރުމުންނެންނު މަސައްކަތް ދެމެހެއްޓޭނީ. މަސައްކަތް ފުޅާކުރުމަށް އިތުރު ބިން ނަގައިގެން، އިތުރު މީހުން ގެންގުޅެވޭނީ ކުރެވޭ މަސައްކަތުން ލިބޭ ފައިދާ އިންނެންނު"

ކާފަބޭ: "ކަލޯ އާދަނާ، އެއޮށް އަސުރަށް އިރު ތިރިވަނީ، ތިޔާކިޔާ އެއްޗެއް ކުރުކޮށް ކިޔާބަލަ، ކީކޭތަ ތިބުނަނަނީ، ނުދާށޭތަ؟ ފުޑު ސެކަރަޓީ ކަންތަކާ މަގޭ ނޫޅޭށޭތަ؟"

އާދަނު: "މަގޭ މިބުނަނީ އުޅެ ބޮޑުވި، މުސްކުޅިވި ގޯތި ދޫކޮށް، ދަނޑުބިން ހައްދަން ހިޖުރަ ކުރަންޏާ، ފިސާރި ވިސްނުން ތެރިކަމާއެކު، ފައިދާ އާއި އެކު ވިޔަފާރި ކުރެވޭނެ ގޮތެއް ރާވާއްޗޭ. މިއޮށް ހުރިހާ ދުވަހު އެއްކުރި ލާރިކޮޅު ބިމުގައި ވަޅުލުމުގެ ކުރިން ހިސާބު ހަދާއްޗޭ، ބާޒާރުގެ ހަގީގަތް އޮޅުން ފިލުވާއްޗޭ. މިޒަމާނުގައި ގިނަ މީހުން ބޮޑު އަގުގައި ގަންނާން ބޭނުންވާނެ ތަކެތި ދެނެގަންނާއްޗޭ، އެފަދަ ތަކެތި ނޫނީ ވިޔާފާރިއަށް ނުއުފައްދާއްޗޭ" ފަތިވަރެއް ފަދައިން އަމުނާލީމެވެ.

ކާފަބޭ: "ކަލޯ އާދަނާ، ތިޔަ ކިޔާދިން ބާޒާރުގެ ހަގީގަތް ހީވަނީ ދަސްވެއްޖެހެން. އެހެންވީމާ އާދަނު ބުނާ ގޮތުން މިޒަމާނުގެ ގިނަ ޒުވާނުން ބޭނުންވާ، ބޮޑު އަގުގައި، ބޮޑު ފައިދާ އާ އެކުގައި ވިއްކޭނެ އެއްޗެއް ދޮތަ މިހޯދަންވީ، ހމމމ، ހމމމ" ކަފާބޭ ވިސްނަމުން ގެންދާކަން ދޭހަވިއެވެ.

ކުއްލިއަކަށް ކާފަބޭ ހަޅޭއްލަވައިގަންފިއެވެ. ބާރަށް ހެނީއެވެ. ހެމުން ހަޅޭއްލަވަނީއެވެ.

ކާފަބޭ: "ވިސްނިއްޖެ!، މިޒަމާނުގެ ގިނަ މީހުން ބޭނުން، ފައިދާ ބޮޑުު އެއްޗެއް ވިސްނިއްޖެ، މަ ކަނޑާލީ، އެހެން މީހަކަށް ވިސްނިގެން މިކަމާ ނޫޅެނީސް އަވަހަށް ނައްޓާލަނީ." މަޑުމަޑުން ކާފަބޭގެ އަޑު ކެނޑެމުން ދިޔައެވެ. ހީވަނީ ގެޔާއި ދިމާލަށް ހިނގައިގަތީ ހެންނެވެ.

އެތައް ހަޅޭކެއް ލެވުމުން އަނެއްކާވެސް ފުޅައްޔާއި ގާތްވެފައި ހަޅޭއް ލަވަނީ ކިޔެއްވެގެންތޯ  ކާފަބޭ އަހައިފިއެވެ.

އާދަނު: "މާ ފައިދާ ބޮޑު އެއްޗެއް ވިސްނިއްޖޭ ކިޔާފާ ހިނގައިގަތީމާ، ކޯޗެއްކަން ނުބުނެ ދާތީނު.."

ކާފަބޭ: 'އެއީ ސިއްރެއްނު، އެންމެންނަށް އެނގިއްޖިއްޔާ.."

އާދަނާ: "ނާ ބުނެބަލަ، މަގޭ ނުބުނާނެކަން ކާފަބެއަށް އެނގޭނެނު"

ކާފަބޭ: "އާދަނު ވިއްޔަދޯ....، ގިނަ މީހުންނަށް ބޭނުންވާނެ، ބޮޑު ފައިދާ އާއި އެކު ވިއްކޭނެ އެއްޗެއްގެ ވާހަކަ އެއްނު ދެކެވުނީ، އެގޮތަށް އުޅޭށޭނު އާދަނު ބުނީ"

އާދަނު: "އާން! އާން! އެހެންދޯ ބުނެވުނީ"

ކާފަބޭ: "އާން! އެހެންވީމާ މަގޭ ވިސްނުމަކީ  ޕިއްޒާޔާ، ބާގާޔާ ހައްދަން." ބުނަން ހުރި އެއްޗެއް ބުނެ، އޮޑި މަތިން ނަގިލި ކަނޑާލާފައި ކާފަބޭ ނައްޓާލައިފިއެވެ.

ބަސް ހުސްވެ، އިސްދަށަށް ޖަހައިގެން ގެޔާ ދިމާއަށް ހެލިގަންފީމެވެ.

އެޑިޓަރުގެ ނޯޓް

އިބްރާހީމް ޢާތިފް ޝަކޫރު އަކީ އިގުތިސާދީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅެކެވެ. މިފްކޯގެ ކުރީގެ އެމްޑީގެ އިތުރުން މަރުކަޒީ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ  އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް