އާރުއާރުސީ ފައިނަލަށް ދިޔައީ ރޭ ކުޅުނު ފޯރިގަދަ ސެމީ ފައިނަލްގެ ފަހު މެޗުގައި ޕެނަލްޓީ ޖަހައިގެން އެމްޕީއެލް ބަލިކޮށްގެނެވެ. އާރްއާރްސީ އާއި އެމްޕީއެލް ކުޅުނު މެޗު، 3-3 އިން އެއްވަރުވިއިރު، ޕެނަލްޓީ ޖަހައިގެން، އާރްއާރްސީ މޮޅުވީ 7-5 އިންނެވެ.
އާރްއާރްސީން ވަނީ ފަށައިގެން ދެ ގޯލުގެ ލީޑެއްނަގައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. ދެވަނަ ލަނޑު ޖެހީ މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ކުޅެމުން އަންނަ އިބްރާހިމް އަސްވަދު (ގަބޭ) އެވެ. ދެލަނޑުގެ ލީޑެއް އާރުއާރުސީން ހޯދި ނަމަވެސް އެމްޕީއެލުން ފަހަތުން އަރައި ދެ ލަނޑު ޖަހައި އެއްވަރު ކުރިއެވެ. އެމްޕީއެލްގެ ފުރަތަމަ ލަނޑު ޖެހީ، އަހުމަދު ބައްސާމް މުހައްމަދު (ބައްކު) އެވެ. އަދި އެމްޕީއެލް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރީ، އަލީ ޝަމާލް އަބްދުﷲ (ޝަންމު) ޖެހި ދުރު ޕެނަލްޓީންނެވެ. މިއީ، ފުރަތަމަ ހާފު ނިމެއް ހަތަރު ސިކުންތަށް ވެފައި ހުއްޓައި، އާރްއާރްސީން ކުރި ހަ ވަނަ ފައުލާ އެކު ދިން ދުރު ޕެނަލްޓީ އެކެވެ.
ދެ ވަނަ ހާފުގައި އާރްއާރްސީ އަށް އަލުން ލީޑުނަގައިދިނީ ބަދަލަކަށް ކުޅެން އަރައި، އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ގޯލުންނެވެ. ދެވަނަ ފަހަރަށް އެމްޕީއެލް އިން އެއްވަރުކުރީ، އަލީ ފާސިރު (ސެންޓޭ) އެވެ. ތިނެއް ތިނަކުން އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.
އަންނަ ހުކުރު ދުވަހުގެރޭ ވެމްކޯ އާއި އާރްއާރްސީ ބައްދަލުކުރާ މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗު އޮތްއިރު، މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރީ ވެސް މި ދެ ޓީމެވެ. ވެމްކޯ ތަށި ހޯދީ 5-3 އިން އާރްއާރްސީ ބަލިކޮށްފަ އެވެ.