7 މީހަކ ހައްޔަރުކުރީ ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ.
އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
މިސަރުކާރުގެ ހޯމް މިނިސްޓާ އަލީ އިހުސާން ވަނީ ހަށި ވިއްކުމާއި އާންމު ސިއްހަތަށް ގެއްލުންވާ ތަންތަނުގައި ހިންގާ ވިޔަފާރީތައް ބަންދުކޮށް ތަޅުއަޅުވާނެ ކަމަށް ވިދާޅުވެފައެވެ.
އޮގަސްޓް މަހުު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ މިހާރުވެސް ގެންދާ ރެއިޑްތަކުގެ ތެރޭގައި މިނިސްޓްރީން ބަލާ ފާސްކުރާ ބައެއް ކަހަލަ ސްޕާގޮތުގައި ހިންގާ ތަންތަނުގައި ހަށި ވިއްމުގެ ކަންތައްތައް ކުރިއަށް ދާތީ މިހާރު މިނިސްޓްރީގެ ސްކޯޕްގެ ތެރެއިން މިހާތަނަށް އަމަލުކުރަމުން އައި ގޮތަކީ އެތަންތަނުގައި ތިބޭ ބިދޭސީން ހައްޔަރުކޮށް އެމީހުންނާ ދޭތެރޭ އިމިގްރޭޝަން ގާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އެޅުން ކަމަށެވެ.
މީގެ ފަހުން ކަންކުރާނެ ގޮތަކީ ހޯމް މިނިސްޓްރީން އެކުލަވާލި ޓާސްކްފޯސްގެ ތެރެއިން އެތަންތަން ބަންދުކޮށް ، އެތަންތަނުގެ ވިޔަފާރިވެސް ބަންދުކުރުން ކަމުގައި އިހުސާން ވިދާޅުވިއެވެ.
މިފަހުން އައިސް ފުލުހުން ކުރިއަށް ގެންދާ ރެއިޑްތަކުގައި ސްޕާތަކުގައި ހަށިވިއްކުމުގެ ގިނަ މައްސަލަތަކެއް ވަނީ ތަހުގީގުކޮށްފައެވެ.